ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބީ މަސައްކަތްތައް ސައްހަ ނޫން ކަމަށާއި، އެ މަސައްކަތް މިވަގުތަށް ހުއްޓާލައި، އަލުން އާ ފެށުމަކުން މަސައްކަތް ފަށަން ފީފާއާއި އޭއެފްސީގެ ޖޮއިންޓް ސިޓީއަކުން މިއަދު އަންގާފައިވާ އިރު، އެ ސިޓީއަށް އަމަލުކުރާނެ ގޮތެއް ނިންމަން އެކްސްކޯ ބައްދަލުވުމެއް ބާއްވާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އޭއެފްސީއާއި ފީފާގެ ޖޮއިންޓް ސިޓީއެއް މިއަދު އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފަށް އެޑްރެސްކޮށް ފޮނުވާފައިވާ އިރު، އެ ސިޓީގެ ކޮޕީއެއް "ވަން ސްޕޯޓްސް"އަށް ވަނީ ލިބިފައެވެ. ސިޓީގައި ބުނެގައިވަނީ އިންތިހާބީ މައްސަލަތަކުގެ ޝަކުވާތައް ބެލި ބެލުމުގައި އިންތިހާބީ މަސައްކަތްތައް މިހާ ހިސާބަށް ކޮށްފައިވަނީ އެފްއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް ނުބެލެވޭ ކަމަށެވެ.

އެގޮތުން އެފްއޭއެމްގެ އިންތިހާބުގެ އިލެކްޓޯރިއަލް ޕްރޮސެސް ސައްހަ ނޫންކަމާއި، މިހާރުގެ އިލެކްޓޯރިއަލް ޕްރޮސެސް ބަލައިނުގަންނަ ކަމަށް ފީފާއާއި އޭއެފްސީން ވަނީ ނިންމައިފައެވެ. އަދި އިލެކްޓޯރިއަލް ކޮމިޓީއާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އެފްއޭއެމްގެ ކޮންގްރެސްއަކުން ނެގި، ފާސްކުރެވިފައި ނުވާ ކަމަށްވެސް އޭއެފްސީއާއި ފީފާއިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެ ދެ ކޮމިޓީ އެކުލަވާލަން ކޮންގްރެސް ބައްދަލުވުމެއް ބާއްވަން ފީފާއާއި އޭއެފްސީން ވަނީ އަންގައިފައެވެ. އެ ޑިއު ޕްރޮސެސް ފުރިހަމަކުރުމަށް އިލެކްޓޯރިއަލް ކޯޑާ އެއްގޮތަށް އަމަލުކުރުމަށް އެފްއޭއެމްއަށް ފީފާއާއި އޭއެފްސީން ވަނީ އަންގައިފައެވެ.

އޭގެ އިތުރުން ޖޮއިންޓް ސްޓޭޓްމަންޓްގައި ބުނެފައިވަނީ މިމަހު 31 ގައި ބާއްވަން މަސައްކަތް ކުރާ އިންތިހާބުގެ ހުރިހާ މަސައްކަތެއް އަލުން ފަށައި، ސައްހަ ގޮތެއްގައި އަސާސީ ގަވާއިދާ އެއްގޮތަށް ގެންދިޔުމަށެވެ. އެގޮތުން ކޮންގްރެސްއެއް ބާއްވައި އިލެކްޓޯރިއަލް ކޮމިޓީއާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އަލުން އިންތިހާބު ކުރުމަށް އަންގާފައިވެއެވެ.

އެކަން ކުރުމުގައި އަސާސީ ގަވާއިދާއި އިލެކްޓޯރިއަލް ކޯޑާ އެއްގޮތަށް، ދެ ކޮމިޓީއަށް އެއްފަހަރާ މެންބަރުން ނެގުމަށްވެސް ފީފާއާއި އޭއެފްސީން އަންގާފައިވެއެވެ. ސިޓީގައި ބުނެފައިވަނީ އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ފީފާއާއި އޭއެފްސީން ބަލަމުންދާނެ ކަމަށާއި، މައުލޫމާތު ހިއްސާކުރަން އެދޭ ކަމަށެވެ.

އެ ސިޓީއާ ގުޅޭ ގޮތުން "ވަން ސްޕޯޓްސް" އިން އެފްއޭއެމްގެ ވަގުތީ ޖީއެސް ޖައުޝަންއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ސިޓީއެއް ލިބިފައިވާ ކަމަށާއި، ސިޓީއަށް އަމަލުކުރުމަށް ކުރަން ޖެހޭ މަޝްވަރާތައް ކުރަން އެކްސްކޯގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުމަށްފަހު ނިންމާ ނިންމުމެއް އާންމުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެފްއޭއެމްއިން އިންތިހާބަށް ވަގުތު ކުޑަތަންވަމުންދާ އިރު، އެޕީލް ކޮމިޓީއާއި އިލެކްޓޯރިއަލް ކޮމިޓީގެ މައްސަލައިގެ ސަބަބުން ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ކްލަބު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފަރާތުން 10 ކްލަބެއްގެ ސޮއިއާއެކު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށްވެސް މިހާރު އޮތީ ގޮވާލައިފައެވެ.

އެފްއޭއެމްގެ އިންތިހާބާ ގުޅޭ އެތައް މައްސަލައެއް ފެންމަތިވެފައިވާ އިރު، އެކަންކަން ހައްލު ކުރުމަށް ސްޕޯޓްސް ކޮމިޝަނުން ވަނީ މީގެ ކުރިންވެސް އިންތިހާބު ހުއްޓާލަން އަންގައިފައެވެ.