ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބީ މަސައްކަތްތައް ސައްހަ ނޫން ކަމަށާއި، އެ މަސައްކަތް މިވަގުތަށް ހުއްޓާލައި، އަލުން އާ ފެށުމަކުން މަސައްކަތް ފަށަން ފީފާއާއި އޭއެފްސީގެ ޖޮއިންޓް ސްޓޭޓްމަންޓަކުން އަންގައިފިއެވެ.
އެފްއޭއެމްގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، އެ އިދާރާ ދަރަނިވެރިވެ، މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ ތަހުގީގެއް އިދާރާގެ ވެރިންގެ މައްޗަށް ކުރަމުންދާ އިރު، އިންތިހާބު ތާވަލުކޮށްފައި އޮތީ މިމަހުގެ 31 އަށެވެ. އިންތިހާބުގައި ވާދަކުރަން ނިންމީ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި އެފްއޭއެމްގެ ރައީސްކަމުން ދާދިފަހުން ވަކިވި ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި ހިމެނުނު މުފާވިޒު ހާޝިމްއެވެ.
އިންތިހާބަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ އިރު، ވެލެންސިއާއިން ތާއީދު ސިޓީ މައްސަލަ އޮތީ ބޮޑުވެފައެވެ. ވެލެންސިއާއިން ދެ ކެނޑިޑޭޓުންނަށް ތާއީދު ސިޓީ ދީފައި އޮތުމުން، އެ ސިޓީ ބާތިލުކޮށް، ތޯރިގުގެ ކެނޑިޑެސީވެސް ބާތިލުކޮށްފައިވެއެވެ. އޭނާ އިސްތިއުނާފަށް ހުށަހެޅި ސިޓީއަށް އެފްއޭއެމްއަށް ޖަވާބު ދެވިފައެއް ނުވެއެވެ. އެއީ 2023 ވަނަ އަހަރު އަހަރީ އާންމު ޖަލްސާގައި އެޕީލް ކޮމިޓީއެއް ފާސްކޮށްފައި ނެތުމުންނެވެ.
އެޕީލް ކޮމިޓީގެ މައްސަލައިގައި ތޯރިގު، ފީފާއާއި އޭއެފްސީއަށް މައްސަލަ ހުށަހަޅާފައިވާ އިރު، އެ މައްސަލައިގެ ޖަވާބު ސިޓީ އެފްއޭއެމް އަށާއި، ތޯރިގަށް ފީފާއާއި އޭއެފްސީން ވަނީ ފޮނުވައިފައެވެ.
ތޯރިގު ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އެފްއޭއެމްގެ އިންތިހާބުގެ އިލެކްޓޯރިއަލް ޕްރޮސެސް ސައްހަ ނޫންކަމާއި، މިހާރުގެ އިލެކްޓޯރިއަލް ޕްރޮސެސް ބަލައި ނުގަންނަކަމަށް ފީފާއާއި އޭއެފްސީން ވަނީ ނިންމައިފައެވެ. އަދި އިލެކްޓޯރިއަލް ކޮމިޓީއާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ ނަގަންޖެހޭނީ އެއް ކޮންގްރެސްއަކުން ކަމަށްވެސް ވަނީ އަންގައިފައެވެ. އެ ޑިއު ޕްރޮސެސް ފުރިހަމަކުރުމަށް އިލެކްޓޯރިއަލް ކޯޑާ އެއްގޮތަށް އަމަލުކުރުމަށް އެންގުން އެފްއޭއެމްއަށް ފީފާއާއި އޭއެފްސީން ވަނީ އަންގައިފައެވެ.
އޭގެ އިތުރުން ޖޮއިންޓް ސްޓޭޓްމަންޓްގައި ބުނެފައިވަނީ މިމަހު 31 ގައި ބާއްވަން މަސައްކަތް ކުރާ އިންތިހާބުގެ ހުރިހާ މަސައްކަތެއް މިވަގުތަށް ހުއްޓާލައި، ކޮންގްރެސްއެއް ބާއްވައި އިލެކްޓޯރިއަލް ކޮމިޓީއާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އަލުން އިންތިހާބު ކުރުމަށެވެ.
އެކަން ކުރުމުގައި އަސާސީ ގަވާއިދާއި އިލެކްޓޯރިއަލް ކޯޑާ އެއްގޮތަށް، ދެ ކޮމިޓީއަށް އެއްފަހަރާ މެންބަރުން ނެގުމަށްފަހު، އެފްއޭއެމްގެ އިންތިހާބުގެ ޕްރޮސެސް އާ ފެށުމަކުން ފެށުމަށްވެސް ފީފާއާއި އޭއެފްސީން އަންގާފައިވެއެވެ. ސިޓީގައި ބުނެފައިވަނީ އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ފީފާއާއި އޭއެފްސީން ބަލަމުންދާނެ ކަމަށެވެ.
އެފްއޭއެމްއިން އިންތިހާބަށް ވަގުތު ކުޑަތަންވަމުންދާ އިރު، އެޕީލް ކޮމިޓީއާއި އިލެކްޓޯރިއަލް ކޮމިޓީގެ މައްސަލައިގެ ސަބަބުން ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ކްލަބު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފަރާތުން 10 ކްލަބެއްގެ ސޮއިއާއެކު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށްވެސް މިހާރު އޮތީ ގޮވާލައިފައެވެ.
އެފްއޭއެމްގެ އިންތިހާބާ ގުޅޭ އެތައް މައްސަލައެއް ފެންމަތިވެފައިވާ އިރު، އެކަންކަން ހައްލު ކުރުމަށް ސްޕޯޓްސް ކޮމިޝަނުން ވަނީ މީގެ ކުރިންވެސް އިންތިހާބު ހުއްޓާލަން އަންގައިފައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް