މެންދަމު ވަގުތުގައި، އޮފީސް ނިންމާފައި ދަނިކޮށް، ފޯނަށް މެސެޖެއް އައުމުން މަޖީދީ މަގުގައި މަޑުކޮށްލުމާއެކު، ކުއްލި ސިހުމެއް ލިބުނީ މަޖީދީ މަގުން ހިނގާފައި އައި ޒުވާން އުމުރުގެ އަންހެނަކު ގޮވާލި އަޑަށެވެ. އޭނާ ބުނި އެއްޗެއް ރަނގަޅަށް ސާފު ނުވެގެން ދެވަނަ ފަހަރަށް އެހުމުން ބުނީ، "ކަމެއް ނެތްހޭ؟،" އެވެ. އެއީ ދަންނަ މީހެއް ނޫންކަމުން ޖަވާބުގައި އޭނާ ކައިރީ ބުނަން ޖެހުނީ، "ކަމެއް ނެތޭ،" އެވެ. އެއާއެކު އެ އަންހެން މީހާ ވެސް ކުރިއަށް ހިނގައިގަތުމުން ސައިކަލުގައި ގެއާ ދިމާއަށް ދަމުން ހިތުތެރޭ ސުވާލުތަކެއް އުފެދިގެންދިޔައެވެ. އެއީ ދަންނަ މީހަކަށް ނުވުމުންނާއި އެ ސުވާލުކުރަން ޖެހުނު ސަބަބަކާ މެދުއެވެ.
އޭގެ ދެ ދުވަސް ފަހުން އެހެން ރެޔަކުވެސް ހަމަ އެގަޑީގައި، މަޖީދީ މަގުން އަނެއްކާވެސް އޭނާ ފެނުމުން ފާރަލައި، އެ ކުރާ ކަމެއް ބަލަން ހުރީމެވެ. އޭނާ މަޖީދީމަގުގެ އެއް ފަޅިން ހިނގާފައި ދިޔަ އިރު، ސައިކަލުގައި އެކި މީހުން އޭނާ ކައިރިއަށް މަޑުކުރަމުންދިޔައެވެ. އެމީހުންގެ މެދުގައި ދެކެވުނު ވާހަކައެއް ނޭނގެއެވެ. މާގިނައިރުތަކެއް ނުވެ، މީހެއްގެ ސައިކަލު ފަހަތަށް އަރައިގެން އޭނާ ދިޔައެވެ.
ދެން އެ އަންހެން މީހާ މަގުމަތީން ފެނުނީ އޭގެ ހަފުތާއެއް ފަހުން ފަރީދީ މަގުންނެވެ. އެއާއެކު އޭނާ ކައިރިއަށް ހުއްޓުމާއެކު ފުރަތަމަ ދުވަހު ސުވާލު ކުރީ ކޮން ކަމަކުތޯ އެހީމެވެ. އޭނާގެ ޖަވާބުން އެއީ ހަށިވިއްކުމަށް ދިން ދައުވަތެއްކަން ސާފުވެގެންދިޔައެވެ. މިއީ ނޫސްވެރިއެއްކަން އެންގުމަށްފަހު، އޭނާއާ ކުރަން ހުރި ބައެއް ސުވާލުތައް ހުރި ކަމަށްބުނެ، ފޯނު ނަމްބަރު ދޭން އެދުމުން ފަސްޖެހުމެއްނެތި ނަންބަރު ވެސް ދިނެވެ. އެއާއެކު ޖެހިގެން އައި ދުވަހު އޭނާއަށް ގުޅައި، ރެސްޓޯރެންޓަކުން ބައްދަލުކުރުމުން ވަރަށް ތަފްސީލުކޮށް އޭނާގެ އެ "އަނދިރި" ހަޔާތާ ގުޅޭ ވާހަކަތައް ކިޔައިދިނެވެ.
އޭރު މަގުމަތިން ދިމާވި އަންހެން މީހާ، ނުހާ (އަސްލު ނަމެއް ނޫން) ބުނެފައިވާ ގޮތުގައި، ހަށިވިއްކުމުގައި އުޅެން ފެށީ އުމުރުން 20 އަހަރުން ފެށިގެންނެވެ. އަދި މިހާރު އެކަމުގައި އުޅޭތާ ހަތް އަހަރު ވެއްޖެއެވެ.
"އަހަރެންގެ އާއިލާ އުޅެނީ ރަށުގައި. އަހަރެން ފުރަތަމަ މާލެ އައީ ވަޒީފާއަކަށް، ފުރަތަމަ ހުރީ ކުދިން ބަހައްޓާ ގެއެއްގައި. ޕްރައިވެޓް ކުންފުންޏެއްގެ އޮފީހަކަށް ޖޮބަށް ނުކުތީ. ވަރަށް ރަނގަޅަށް މަސައްކަތް ވެސް ކުރިން. އެކަމަކު ދެ މަހެއްހާ ދުވަސް ފަހުން، ކުންފުންޏަށް ޕްރޮފިޓް ނުވާ ކަމަށްބުނެ، ސްޓާފުން މަދުކުރުމުގެ ތެރެއިން އަހަރެން ވެސް ކަނޑާލީ. އެއާއެކު ވަރަށް ބޮޑަށް ވިސްނަން ޖެހުނު،" އޭނާ ބުންޏެވެ.
ނުހާ ބުނި ގޮތުގައި، ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. މާލޭގައި އިތުރަށް މަޑުކުރެވޭނެ ގޮތެއް ހޯދުމަށް ރައްޓެއްސެއް ކައިރީ ހިޔާލަކަށް އެދުމުން ދިނީ ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުމުގެ ހިޔާލެވެ.
"އެއީ ވަރަށް ގޯސް އަދި ހުތުރު އަމަލެއްކަން ވެސް އަހަރެންނަށް އެނގޭ. އެހެންވީމާ ފުރަތަމަ އެ ހިޔާލު ދިނުމުން އެކަމަށް އިންކާރު ކުރިން. އެކަމަކު ފަހުން އުޅެމުންދިޔަ ގެއަށް ފައިސާ ނުދެއްކި، ނުކުންނަން ޖެހުމުން އަނެއްކާވެސް އެހެން ގޮތަކަށް ވިސްނަން ޖެހުނީ. އަހަރެންގެ އާއިލާއަކީ ވެސް ރަށުގައި މާ ގިނަ ފައިސާ ލިބިގެން އުޅޭ ބައެއް ނޫން. އެހެންވީމާ ފަހުން އަހަރެން މިކަމަށް ނުކުތީ. ވަރަށް ގިނަ ކުދީންނަށް މިކަހަލަ ކަންތައްތަކެއް ކުރިމަތިވެ، ކޮމިއުނިޓީގައި ކުރިއަށްއޮތް ތަނުގައި މީހުން ވިސްނާނެ ގޮތެއް ނޭނގި، މިކަމުގެ ތެރެއަށް ވަދެވިފަ އެބަހުރި،" އެކަން ފެށުނު ގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.
އުމުރުން 27 އަހަރުގެ ނުހާ، ވަކި ހިސާބަކުން ހަށިވިއްކުމުގެ ވިޔަފާރިން ނުކުންނަން ވެސް މަސައްކަތްކުރިއެވެ. ނަމަވެސް އޭނާ މިހާރު ވަނީ މާލޭގައި ހަށިވިއްކާ މީހެއްގެ ގޮތުގައި ބްރޭންޑުވެ، މަގުތަކަށް ގިނަ ވެފައެވެ. އޭގެ އިތުރުން އެ ވިޔަފާރީގައި ލިބޭ އާމްދަނީއާ ބެހޭގޮތުން ވެސް އޭނާ ވާހަކަދެއްކިއެވެ.
"އާންމު ގޮތެއްގައި ހަށިވިއްކަނީ 500 ރުފިޔާ އާއި 1000 ރުފިޔާއާ ދެމެދު. މުޅި ރެއަށް ވެއްޖެއްޔާ 3000 އާއި 4000އާ ދެމެދުގެ އަގެއް. ދުވާލަކު އެންމެ މަދުވެގެން ދެ މީހުން ލިބޭ. އެހެންވީމާ މަހަކު 20 މީހުން ލިބުނަސް، މަދުވެގެން 20،000 ރުފިޔާގެ އާމްދަނީއެއް ލިބޭ. އާންމުކޮށް މިދަނީ ވެސް އެމީހަކު ހަމަޖައްސާ ކޮޓަރިއަކަށް. އެހެންވީމާ އެކަމަށް ވެސް ހަރަދެއްކުރާކަށް ނުޖެހޭ،" އޭނާ ބުންޏެވެ.
ނުހާ ބުނި ގޮތުގައި، ހަށިވިއްކުން ދޫކޮށްލަން ފަސްޖެހޭ އެއް ސަބަބަކީ އުނދަގުލެއް ނެތި ލިބޭ އާމްދަނީ ބޮޑުވުމެވެ. ހަޑި ނަމެއް ލިބިފައިވާތީ، އިތުރު އެއްވެސް ވަޒީފާއެއް ނުލިބިދާނެކަމުގެ ބިރު އޮތުމުން ބޮޑު އާމްދަނީއަކަށް ބަރޯސާވެގެން އުޅެނީ ކަމަށް އޭނާ ބުންޏެވެ.
ރޭގަނޑުގެ ވަގުތުތަކުގައި، ރަނގަޅަށް ބަލައިލައިފި ނަމަ، މިހާރު ވެސް މާލޭގެ މަޖީދީ މަގާއި އެހެން ބޮޑެތި ބައެއް މަގުތަކުން އެކި ވަގުތުތަކުގައި ޒުވާން އަންހެނުން ވަރަށް ގިނައިން ފެނެއެވެ. އާންމުކޮށް ދަންވަރު ގަޑިތަކުގައި އެގޮތަށް މަގުތަކުގައި އެ މަޑުކުރާ ބައެއް އަންހެނުންނަކީ ހަށިވިއްކާ މީހުން ކަމަށް ނުހާގެ ވާހަކަތަކުންނާއި ފަހުން މަގުތަކަށް ބަލައިލުމުން ފެނުނު މަންޒަރުތަކުން އެނގެއެވެ.
"މަގުތަކުގައި އެގޮތަށް މީހުން ކައިރީ އަހައިގެން ކަސްޓަމަރުން ހޯދަން އުޅޭ ޒުވާން އަންހެނުން ވަރަށް ގިނަވާނެ. ހަގީގަތުގައި މިއީ ދެ މީހަކު، ތިން މީހަކު ކުރާ ކަމެއް ނޫން. ގްރޫޕު، ގްރޫޕަށް ވެސް އުޅޭނެ. އާންމުކޮށް ކަސްޓަމަރުން ގުޅަން ވެސް ގުޅާނެ، އާ ކަސްޓަމަރުން ހޯދަނީ މަގުތަކަށް ނުކުމެ ރޭގަނޑު ވަގުތުތަކުގައި. މަގުމަތަކުގެ އިތުރުން ޓެލެގްރާމް ގްރޫޕުތަކުގައި އިޝްތިހާރުކޮށްގެން ވެސް ކަސްޓަމަރުން ހޯދާ. މިކަން ކުރާ ސްޕާތަކުން ވެސް ވަރަށް ފަސޭހައިން ވަޒީފާ ލިބޭނެ. އެހެންވީމާ ކަސްޓަމަރެއް ނުލިބިގެން އުޅެން ޖެހޭ ހިސާބަށް ވަރަށް ނުދާނެ. ތަންތަނުގެ ވެރިން ވެސް ގުޅާނެ،" ނުހާ ބުންޏެވެ.
ނުހާ ބުނިގޮތުގައި، މަގުމަތީގައި ގިނައިރު މަޑުކޮށްގެން ނުތިބެ، އެއްކޮޅުން އަނެއްކޮޅަށް ހިނގަނީ ފުލުހުން ސުވާލުތައް ކުރާތީއެވެ. ފުލުހުން އެގޮތަށް ސުވާލުކުރުމުން "މިދަނީ ގެއާ ދިމާއަށް ކަމަށް ބުނުމުން،" މި ގަޑީގައި ބޭރުގައި އުޅުން ރަނގަޅު ނޫން ކަމަށްބުނެ ނަސޭހަތްދިނުމަށްފަހު ދޫކޮށްލައެވެ. ނަމަވެސް ބައެއް މީހުން ފުލުސް އޮފީހަށް ގެންގޮސް، ބަޔާން ނެގުމަށްފަހު ދޫކޮށްލާ ކަމަށް އޭނާ ބުންޏެވެ.
މާލޭގެ މަގުތަކުގައި ދަންވަރު ވަގުތުތަކުގައި ޕެޓްރޯލުކުރަން ފުލުހުން ހަރަކާތްތެރިވެއެވެ. ނަމަވެސް މާލޭގެ ބޮޑެތި މަގުތަކަކީ އަބަދުވެސް މީހުންގެ ހަރަކާތްތައް އޮންނަ މަގުތަކަކަށްވާތީ ފުލުހުން މާގިނަ ސުވާލުތަކެއް ނުކުރެއެވެ.
ފުލުހުންގެ އިސް އޮފިސަރަކު "ވަން"އަށް މައުލޫމާތުދިން ގޮތުގައި، މާލޭގެ މަގުތަކުގައި ޝައްކު އުފެދޭ ގޮތަކަށް މީހުން ފެންނަ ނަމަ، ޕެޓްރޯލުކުރަން ނުކުމެ އުޅޭ ފުލުހުން ސުވާލުކުރާނެއެވެ. އަދި އެމީހެއްގެ ހަރަކާތްތައް ހުންނަ ގޮތަކުން އެންމެ ކައިރީގައި ހުންނަ ފުލުހުންގެ އިދާރާއަކަށް ގެންދާ ކަމަށްވެސް އޭނާ މައުލޫމާތު ދިނެވެ.
"އަޅުގަނޑުމެން ބަޔާން ނެގުމަށްފަހު އެމީހަކާ ދެކޮޅަށް ހެއްކެއް ނެތިއްޔާ ދޫކޮށްލަން ޖެހޭ، ބައެއް މީހުން ހައްޔަރުކޮށްފަވެސް ބައިތިއްބާނެ. އެކަމަކު މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ހެކި ނެތުމުން ދޫކޮށްލާނެ. ހެކި ހުރެއްޖެއްޔާ ބަންދު ޖަހައިދޭ، އެއަށްފަހު ފުލުހުން ކުރާ މަސައްކަތަކީ މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކުރަން ފޮނުވުން. ގިނަ ފަހަރު އަޅުގަނޑުމެން އެމީހުން އަތުލައިގަންނަން ޖެހެނީ ހާއްސަ އޮޕަރޭޝަންތައް ހިންގައިގެން. މިހާރު ވެސް އެކަންކަން ކުރިއަށްގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ޖިންސީ ކުށުގެ ގާނޫނުގައި ބުނާގޮތުން އެއްވެސް މީހަކު ރާއްޖޭގައި ނުވަތަ ދިވެއްސަކު ރާއްޖޭން ބޭރުގައި ހަށިވިއްކުމަކީ ކުށެކެވެ. އެ ކުށް ކުރި މީހާއަށް އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަތް އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމެވެ. އެއްވެސް މީހަކު ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި މީހަކު ލައްވައި ހަށިވިއްކުމަކީ ނުވަތަ އެކަން ކުރަން އެހީތެރިވުމަކީ ނުވަތަ އެކަން ކުރުމުގައި ބައިވެރިވުމަކީ ކުށެކެވެ. އެ ކުށަށް ކަނޑައަޅާފައިވާ އަދަބަކީ ކުށް ކުރި މީހާ ހަތް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ގާނޫނުގައިވާ ގޮތުން އެއްވެސް މީހަކު ރާއްޖޭގައި ނުވަތަ ދިވެއްސަކު ރާއްޖޭން ބޭރުގައި ހަށިވިއްކުމުގެ ބޭނުމުގައި މީހަކު ގެންގުޅުމަކީ ނުވަތަ ބެލެހެއްޓުމަކީ ނުވަތަ އޭނާއަށް ހަރަދުކުރުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ވެސް، އެ ކުށް ކުރި މީހާ ހަތް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ހަށިވިއްކުމުގެ ބޭނުމުގައި އަންނަ ނުވަތަ ގެންނަ މީހެއްކަން އެނގިހުރެ ރާއްޖޭން ބޭރުން ރާއްޖެއަށް މީހަކު ގެނައުމަކީ ނުވަތަ އެކަމުގައި ބައިވެރިވުމަކީ ނުވަތަ އެކަމުގައި އެހީތެރިވުމާއި، ހަށިވިއްކުމުގެ ބޭނުމުގައިކަން އެނގިހުރެ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް މީހުން ގެންދިއުމަކީ ނުވަތަ އެކަމުގައި ބައިވެރިވުމަކީ ނުވަތަ އެކަމުގައި އެހީތެރިވުމަކީ ވެސް ކުށެވެ. އަދި ހަށިވިއްކުމުގެ ބޭނުމުގައި ގެންދާ ނުވަތަ ފޮނުވާ މީހެއްކަން އެނގިހުރެ ރާއްޖޭން ބޭރަށް މީހަކު ގެންދިއުމަކީ ނުވަތަ ފޮނުވުމަކީ ނުވަތަ އެކަމުގައި ބައިވެރިވުމަކީ ނުވަތަ އެކަމުގައި އެހީތެރިވުމަކީ ވެސް ކުށެކެވެ. އެ ހުރިހާ ކުށެއްގެ އަދަބަކީ އެ ކުށް ކުރި މީހާ ހަތް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ގާނޫނުގައިވާ ގޮތުން މީހަކު ލައްވައި ހަށިވިއްކުވައިގެން ހޯދާ އާމްދަނީން އެކަން ކުރުވާ މީހަކު ދިރިއުޅުމާއި، ތިމާ ދިރިއުޅެނީ އެހެން މީހެއްގެ ހަށިވިއްކައިގެން ލިބޭ އާމްދަނީން ކަމުގައި އެނގިހުރެ އެ އާމްދަނީ ބޭނުންކުރުމަކީ ވެސް ކުށެކެވެ. އަދި މީހެއްގެ ގެއަކީ ނުވަތަ ތަނަކީ ނުވަތަ އެ ގެއެއްގެ ނުވަތަ ތަނެއްގެ ބަޔަކީ ނާސިގެއެއް ހިންގާ ގެއެއް ނުވަތަ ތަނެއްކަން އެނގިހުރެ އެކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ނާންގައި، އެ ގޭގައި ދިރިއުޅެމުން ދިއުމަކީ ވެސް ކުށެކެވެ. އެ ކުށްތަކުގެ އަދަބަކީ 25،000 ރުފިޔާ އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަކުރުން ނުވަތަ ތިން އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމެވެ. އަދި އެ ކުށެއްގެ އަމަލުން އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ހޯދާފައިވާކަން ކޯޓަށް ސާބިތުވެއްޖެ ހިނދެއްގައި އެ ފައިސާއެއް ނުވަތަ އެ ފައިސާއަކުން ހޯދާފައިވާ މުދަލެއް ދައުލަތަށް ނެގޭނެ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން ނާސިގެއެއް ހެދުމަކީ ނުވަތަ އެފަދަ ތަނެއް ބެލެހެއްޓުމަކީ ނުވަތަ ހިންގުމަކީ ނުވަތަ އެއިން ކަމެއްގައި ބައިވެރިވުމަކީ ވެސް ކުށެކެވެ. އެ ކުށުގެ އަދަބަކީ އެ ކުށް ކުރި މީހާ ފަސް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމެވެ.
ހަށިވިއްކުމާ ގުޅޭ މިފަދަ ހުރިހާ ކުށްތަކަށް ގާނޫނުގައި ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވީ ނަމަވެސް، އެ ކުށްތައް ދުވަހެއް ދުވަހަކަށް ދަނީ ގިނަވަމުންނެވެ. ބިރެއް ނެތި މާލޭގެ މަގުތަކުގައި އެކަންކަމަށް "ކަސްޓަމަރުން" ހޯދުމާއި، ސްޕާތަކުގެ ނަމުގައި "ނާސިގެ"ތައް ހިންގުން އަދި ޓެލެގްރާމް ފަދަ ޕްލެޓްފޯމުތައް ބޭނުންކޮށްގެން ވެސް އެކަންކަން ދަނީ އިޝްތިހާރުކުރަމުންނެވެ. މިކަންކަމަށް ފަރުވާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަޅުތަކެއް އަޅަން ޖެހެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް