މިހާރުވެސް ސައުދީ ފުރަތަމަ ޑިވިޝަނަށްވުރެ، ފްރާންސްގެ ފުރަތަމަ ޑިވިޝަން (ލީގު ވަން)ގެ ފެންވަރު ދެރަ ކަމަށް އަލް ނަސްރަށް ކުޅެމުންދާ ޕޯޗުގަލް ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ، ތާރީހު ދުށް އެންމެ މޮޅު އެއް ގޯލު ޖެހުންތެރިޔާ ރޮނާލްޑޯ އެ ވާހަކަތައް ދައްކާފައިވަނީ ޑުބާއީ ސްޕޯޓްސް ކައުންސިލުން ޑުބާއީ ފުޓްބޯލް އެވޯޑްސް ދިނުމަށް ބޭއްވި ގްލޯބަލް ސޮކާ އެވޯޑްސްގެ ހާއްސަ އިވެންޓުގައެވެ. މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގެ އިތުރުން ޔުވެންޓަސްއަށްވެސް ކުޅުނު ރޮނާލްޑޯ، ދާދިފަހުން ސައުދީ ލީގަށް ބަދަލުވެފައިވާ އިރު، އޭނާ ވަނީ ތަކުރާރުކޮށް އެ ލީގުގެ ޕްރޮމޯޝަނަށް ވާހަކަ ދައްކައިފައެވެ.
ރޮނާލްޑޯގެ އެންމެ ބޮޑު ވާދަވެރިޔާ ލިއޮނަލް މެސީ، މީގެ ސީޒަނެއް ކުރިން ފްރާންސް ލީގުގެ ޕީއެސްޖީއަށް ކުޅެފައިވާ އިރު، ރޮނާލްޑޯ ރޭ ބުނީ ފްރާންސް ލީގަށްވުރެ ސައުދީ ލީގު މާ ވާދަވެރި ކަމަށާއި އެ ލީގު ދުނިޔޭގެ ގަދަ ތިނަކަށް އަރާނެ ކަމަށެވެ.
"މިހާރުވެސް ފްރާންސް ލީގަށްވުރެ، ސައުދީ ލީގުގެ ފެންވަރު ރަނގަޅު. މާ ވާދަވެރިވެސް މެ. އަހަރެން މިތަނުގައި މި ހޭދަކުރި އެއް އަހަރުގެ ތަޖުރިބާއިން އަހަރެންނަށް 100 ޕަސެންޓް ޔަގީންކަން ދެވިދާނެ ފްރާންސް ލީގަށްވުރެ ސައުދީ ލީގު ފެންވަރު ރަނގަޅު ކަމަށް. އަހަރެން ވަރަށް ހިތްހަމަޖެހޭ އަލް ނަސްރާއި ސައުދީ ލީގުވެސް މަޑުމަޑުން ކުރިއަށް ޖެހޭތީ. މި ލީގު ކުރިއަށް ދާނެ ދުނިޔޭގެ ގަދަ ތިން ލީގު ތެރޭގައި ހިމެނޭ ވަރަށް،" ރޮނާލްޑޯ ބުންޏެވެ.
އުމުރުން 39 ވަނަ އަހަރުގެ ރޮނާލްޑޯއަކީ މިދިޔަ ސީޒަނުގައި ދުނިޔޭގެ ހުރިހާ ލީގަކަށް ބަލާ އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ އާލިން ހާލަންޑަށްވުރެ ގިނައިން ގޯލު ޖަހައި، އެންމެ މަތީގައި ހުރެވުމުން އެކަމާ ފަހުރުވެރިވާ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ. އޭނާ ވަނީ އިވެންޓުގައި އަމިއްލައަށް ފަހުރުވެރިވާ ކަމަށް ބުނެފައެވެ.
އެ ބުނި ބުނުމަށް ގިނަ ބަޔަކު ފާޑުވެސް ކިޔަމުންދާ އިރު، ރޮނާލްޑޯ ބުނީ އޭނާއަކީ މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލު ޖެހުންތެރިޔާ ކަމަށެވެ. ގިނަ ބަޔަކު އެކަމަށް ފާޑު ކިޔަމުންދަނީ ޔޫރަޕްގެ އެންމެ ފެންވަރު ރަނގަޅު ލީގުތަކުގައި ކުޅޭ ފޯވަޑުންނަށް ރޮނާލްޑޯ ބަދުބަސް ބުނި ކަމަށް ބުނެއެވެ.
ރޭގެ އިވެންޓުގައި ރޮނާލްޑޯ އިތުރަށް ބުނީ އޭނާ ރިޓަޔާ ވާނީ އެކަން ކުރަން ވެއްޖެ ކަމަށް އިހުސާސް ކުރެވުމުން ކަމަށާއި އެއީ 10 އަހަރު ފަސް ކަމަށްވެސް ވެދާނެ ކަމަށެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ