ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ނ. އަތޮޅުގެ ފުރަތަމަ މެޗުތަކުން މިލަދޫ އާއި ކެނދިކުޅުދޫ މޮޅުވި އިރު، ލ. އަތޮޅުގެ ފުރަތަމަ މެޗުތައް މާވަށާއި މާބައިދޫން ކާމިޔާބު ކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުގައި މިއަހަރުގެ މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ކުރިއަށްދާ އިރު، ރޭ ފުރަތަމަ ކުޅުނީ ނ. އަތޮޅުގެ މެޗުތަކެވެ. ނ. އަތޮޅުން މުބާރާތުގައި ފަސް ޓީމު ބައިވެރިވެފައިވުމުން، އެ އަތޮޅުގެ ޗެމްޕިއަންކަން ކަނޑައަޅާނީ ލީގު ބުރަށްފަހު ކުޅެވޭ ފައިނަލް މެޗުންނެވެ.
ރޭ މާފަރާއި ކެނދިކުޅުދޫ ވާދަކުރި ފޯރިގަދަ މެޗުގައި ކެނދިކުޅުދޫން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކެނދިކުޅުދޫގެ ގޯލުތައް ޖަހައިދިނީ މޫސާ ނަދީމާއި އަލީ ބުޝްރީއެވެ. މާފަރުގެ ހަމައެކަނި ގޯލު ޖަހައިދިނީ އިރުޝާދު އަދުނާނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކީ ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް، އަދި ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނޭ މުހައްމަދު އައްޒާމެވެ.
ނ. އަތޮޅުގައި ރޭ ކުޅުނު ދެވަނަ މެޗުގައި މިލަދޫން ވެލިދޫ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިލަދޫގެ މޫސާ އަމީރް މެޗުގައި ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖަހައިދިނީ ހަސަން ސައިފް މޫސާއެވެ. ވެލިދޫގެ ގޯލު ޖެހީ އިބްރާހީމް ޒިޔާނެވެ. މެޗުގެ މޮޅު ކުޅުންތެިރޔަކީ މިލަދޫގެ ދެ ގޯލު ޖެހީ އަމީރެވެ.
މުބާރާތުގެ ލ. އަތޮޅުގެ މެޗުތައްވެސް ރޭ ފަށާފައިވާ އިރު، ލ. އަތޮޅުން މިފަހަރު ވަނީ ގިނަ ޓީމުތަކެއް ބައިވެރިވެފައެވެ. އެގޮތުން އެ އަތޮޅުން ނުވަ ޓީމު މިއަހަރު ބައިވެރިވެފައިވާތީ، އަތޮޅު ބުރު ކުޅެމުން އަންނަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އަތޮޅު ޗެމްޕިއަންކަން ހޮވާނީ ސެމީ ފައިނަލަށް ފަހު ކުޅެވޭ ފައިނަލުންނެވެ.
ލ. އަތޮޅު ގްރޫޕް އެކެއްގެ ދެމެޗު ރޭ ކުޅުނު އިރު، މާވަށުން ކަލައިދޫ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި ދަނބިދޫ ކައިރިން މާބައިދޫ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މާވަށުން ކުޅުނު މެޗު ވަރަށް އެއްވަރުކޮށް ދިޔަ އިރު، މާވަށުގެ ގޯލުތައް ޖެހީ މުހައްމަދު ޝާއިރާއި އަހުމަދު އަޒްލާން އަލީ އެވެ. ޝާއިރު ވަނީ މެޗުގައި ދެ ގޯލު ޖަހައި، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. ކަލައިދޫގެ ގޯލުތައް ޖެހީ އަހުމަދު ފަރީޝް އާއި ހަސަން މާދެވެ.
ހުސައިން ނިހާން (ނިހާޓް)ގެ ކެޕްޓަން ކަމުގައި މުބާރާތަށް ނުކުތް މާބައިދޫއަށް ރޭގެ މެޗުގައި ދެ ގޯލުވެސް ޖަހައިދިނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝަހީމް އަބްދުލް ގާދިރެވެ. ދަނބިދޫގެ ހަމައެކަނި ގޯލު ޖަހައިދިނީ އަލީ އިރުފާދު (އިރުއްޕެ) އެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މިރޭވެސް މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ކުރިއަށްދާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް