ހއ. ދިއްދޫ ފެނަކަ ކޯޕަރޭޝަންގެ ވަޒީފާގައި މަސައްކަތް ކުރި މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓު އާ ނުކޮށް ވަޒީފާއިން ވަކިކުރިމުން، އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.
އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ އިއްޔެއެވެ.
އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން، ވަޒީފާއިން ވަކިނުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައި ކަމަށެވެ. ރައީސް މުއިއްޒު ވަނީ އެ ވައުދާ ހިލާފުވެވަޑައިގެން ސަރުކާރަށް 60 ދުވަސް ނުވަނީސް ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ކަމަށް އެމްޑީޕީން ބުންޏެވެ.
"ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޒީފާއަށް ނަގާފައިވާ ފަރާތްތައް އެއްވެސް ހަމައެއް އުސޫލެއް ނެތި އެމީހުންގެ ވަޒީފާތަކުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަކިކުރަމުންދާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ..،" އެމްޑީޕީން ބުންޏެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ރައީސް މުއިއްޒު ނިންމެވީ މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އެމްޑީޕީން ބުންޏެވެ. މުވައްޒަފަކު ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމުގެ ސަބަބުން ވަޒީފާ އަދާކުރުމުގެ ހައްގަށް އެއްވެސް މިންވަރަކަށް ހުރަސް އަޅައި، ވަޒީފާ އަދާކުރުމުގެ ހައްގުން މަހުރޫމް ކުރުމަކީ، އެއްވެސް ފަރާތަކަށް ލިބިގެންވާ ހައްގެއް ނޫން ކަަމަށް އެމްޑީޕީން ބުންޏެވެ.
"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގޮވާލަނީ ސަރުކާރު ކުންފުނިތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާގެ ބިރާއި ވަޒީފާތަކުން ވަކިކުރުން މިހިނދުން މިހިނދަށް ހުއްޓާލުމަށާއި އަދި މިހާތަނަށް ވަޒީފާތަކުން ވަކިކޮށްފައިވާ ފަރާތްތައް އެ ބޭފުޅުންގެ ވަޒީފާތައް އިއާދަކޮށްދިނުމަށް،" އެމްޑީޕީން ބުންޏެވެ.
ކޮންޓްރެކްޓު އާ ނުކޮށް ކަނޑާލި މުވައްޒަފުންގެ ތެރޭގައި ހިމެނޭ މީހަކު "ވަން"އަށް އިއްޔެ ބުނެފައިވަނީ ވަޒީފާއިން ވަކިކުރިކަން އެނގުނީ މިއަދު ހެނދުނު އޮފީހަށް ދިއުމުން ކަމަށެވެ. އޭނާ ބުނި ގޮތުގައި ކޮންޓެރްކްޓު ހަމަވެގެން ވަޒީފާއިން ވަކި ކޮށްފައިވަނީ 53 މުވައްޒަފުންނެވެ. ވަޒީފާއިން ވަކިކުރި މީހުން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.
އެކަމާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ މުވައްޒަފުންގެ ކޮންޓްރެކްޓު އާ ނުކުރީ ދިއްދޫ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށެވެ.
ފެނަކައިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ކޮންޓްރެކްޓް ހަމަވެގެން އެ ކުންފުނީގެ 904 މުވައްޒަފަކު ވަޒީފާއިން ވަކި ކުރިއެވެ. އެކަމުގެ ސަބަބުން 5.3 މިލިއަން ރުފިޔާ ސަލާމަތްވި ކަމަށް އެ ކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު