ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މެމްބަރު 10 ކްލަބު ސޮއިކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށަހަޅައިފިއެވެ.

އެފްއޭއެމްގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، އެ އިދާރާ ދަރަނިވެރިވެ، މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ ތަހުގީގެއް އިދާރާގެ ވެރިންގެ މައްޗަށް ކުރަމުންދާ އިރު، އިންތިހާބު ތާވަލުކޮށްފައި އޮތީ މިމަހުގެ 31 އަށެވެ. އިންތިހާބުގައި ވާދަކުރަން ނިންމީ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި އެފްއޭއެމްގެ ރައީސްކަމުން ދާދިފަހުން ވަކިވި ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި ހިމެނުނު މުފާވިޒު ހާޝިމްއެވެ.

އިންތިހާބަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ އިރު، ވެލެންސިއާއިން ތާއީދު ސިޓީ މައްސަލަ އޮތީ ބޮޑުވެފައެވެ. ވެލެންސިއާއިން ދެ ކެނޑިޑޭޓުންނަށް ތާއީދު ސިޓީ ދީފައި އޮތުމުން، އެ ސިޓީ ބާތިލުކޮށް، ތޯރިގުގެ ކެނޑިޑެންސީވެސް ބާތިލުކޮށްފައިވެއެވެ. އޭނާ އިސްތިއުނާފަށް ހުށަހެޅި ސިޓީއަށް އެފްއޭއެމްއަށް ޖަވާބު ދެވިފައެއް ނުވެއެވެ. އެއީ 2023 ވަނަ އަހަރު އަހަރީ އާންމު ޖަލްސާގައި އެޕީލް ކޮމިޓީއެއް ފާސްކޮށްފައި ނެތުމުންނެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ކްލަބު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފަރާތުން މިއަދު އެކްއެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ގޮވާލީ އިދާރީ ގޮތުން ހިންގުމުގައި ހުންނަން އަސާސީ ގަވާއިދު ލާޒިމް ކުރާ ކޮމިޓީތައް ނެތުމާއި އުސޫލާ ހިލާފަށް ބައެއް ކޮމިޓީތައް އެކުލަވާލެވިފައިވާތީ އާއި އިންތިހާބީ ކޮމިޓީގެ މަގާމުތަކުން ބައެއް މީހުން އިސްތިއުފާދީފައިވާތީއެވެ.

މާޒިޔާއިން ހުށަހެޅި ހުށަހެޅުމުގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާއަކަށް ކަނޑައަޅާފައި ވަނީ ޑިސިޕްލިނަރީ ކޮމިޓީ އާއި އެތިކްސް ކޮމިޓީ އަދި އެޕީލް ކޮމިޓީ ސައްހަކޮށް ފާސްކުރުމެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން، މެމްބަރު ކްލަބުތަކުގެ 50 އިންސައްތައަށް ވުރެ ގިނަ ކްލަބުތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ގޮވާލައިފިނަމަ، 14 ދުވަސް ތެރޭގައި ކޮންގްރެސް ބާއްވަން ޖެހެއެވެ. ނުބާއްވައިފިނަމަ ތިން ދުވަސް ތެރޭގައި ފީފާ އަދި އޭއެފްސީގެ އެހީއާއެކު ޓީމްތައް އަމިއްލައަށް ކޮންގްރެސް ބޭއްވޭނެއެވެ.

"ވަން ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުގެ ތެރެއިން މާޒިޔާގެ އިތުރުން ދެން ކޮންގްރެސްއަށް ގޮވާލީ ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ. ދެން ސޮއިކޮށްފައި ވަނީ ދެވަނަ ޑިވިޝަނުގެ ކުޑަ ހެންވޭރު ޔުނައިޓެޑާއި އެލްޓީ ސްޕޯޓްސް ކްލަބު، ބީޖީ ސްޕޯޓްސް ކްލަބު، ޓެންޓް އެފްސީ، މަހިބަދޫ ސްޕޯޓްސް ކްލަބު، ދަ ގްރާންޑޭގެ އިތުރުން ސީބީއެސްއެވެ.

އެފްއޭއެމްގެ އިންތިހާބާ ގުޅޭ އެތައް މައްސަލައެއް ފެންމަތިވެފައިވާ އިރު، އެކަންކަން ހައްލު ކުރުމަށް ސްޕޯޓްސް ކޮމިޝަނުން ވަނީ އިންތިހާބު ހުއްޓާލަން އަންގައިފައެވެ.