ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ މެޗުތައް ރޭ ރަސްމީކޮށް ފެށި އިރު، ގއ. އަތޮޅު އަތޮޅު ބުރުގައި ގެމަނަފުއްޓާއި ނިލަންދޫން ފެށުން ރަނގަޅު ކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި މުބާރާތުގެ މެޗުތައް ރޭ ފެށި އިރު، މިއަހަރު ގއ. އަތޮޅުން ނުވަ ޓީމަކުން ވާދަކުރެއެވެ. އެ އަތޮޅުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު، އަތޮޅު ޗެމްޕިއަންކަން ހޮވާނީ ސެމީ ފައިނަލަށް ފަހު ކުޅެވޭ ފައިނަލުންނެވެ.

ރޭ 3-2 އިން ގެމަނަފުށިން ދާންދޫ ބަލިކުރި އިރު، ގެމަނަފުށީގެ އަލީ ޝާޒް ހަބީބު ވަނީ ދެ ގޯލު ޖަހައިފައެވެ. އޭނާއަށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައިވާ އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު ސާހިލް އިބްރާހީމެވެ. ދާންދޫގެ ގޯލުތައް ޖެހީ ހަސަން ސައީދާއި އަހުމަދު ޒިޔާދެވެ.

ގއ އަތޮޅުގެ ޗެމްޕިއަން މާމެންދޫން ރޭ ކުޅުނު މެޗުގައި ނިލަންދޫ އަތްދަށުވީ 3-1 ގެ ނަތީޖާއަކުންނެވެ. ނިލަންދޫގެ ގޯލުތައް އަބްދުﷲ ޒިހުނީއާއި މުހައްމަދު ޝާވިން ހުސައިން އަދި މުހައްމަދު ޒާހިލް އަހިމަދު ޖެހި އިރު، މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޝާވިން އެވެ.

މާމެންދޫގެ ހަމައެކަނި ގޯލު ޖެހީ ރައުހާން ރިއްފަތެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.