ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޗެރިޓީ ޝީލްޑް މެޗު، ލ. ގަމުން ކާމިޔާބު ކޮށްފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރީ އެންމެފަހުގެ ޗެމްޕިއަން ލ. ގަމާއި އޭގެ ކުރީ އަހަރުގެ ޗެމްޕިއަން، ތ. ތިމަރަފުއްޓެވެ.
މެޗު ފޯރިގަދަކޮށް ގޮސްފައިވާ އިރު، 3-2 ގެ ނަތީޖާއަކުން ގަމުން މެޗު ކާމިޔާބުކުރީ ފަހު ސިކުންތުކޮޅުގައި ގޯލު ޖަހައިގެންނެވެ. ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ގަމުން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. ގަމަށް ލީޑު ނަގައިދިނީ ހުސައިން ނާޝިދު (ނާއްޓޯ)އެވެ.
ދެވަނަ ހާފުގެ ކުޅުން ފަށައިގެން، މާގިނައިރެއް ނުވެ، އާދަމް ނާސިހު (އާދަންނާ) ވަނީ ގޯލެއް ޖަހައި ތިމަރަފުށްޓަށް އެއްވަރުކޮށްދީފައެވެ. އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލައިފައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިފައެވެ. ތިމަރަފުށިން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، މާ ގިނަ ވަގުތެއް ނުދީ ގަމުން އަނެއްކާވެސް ލީޑު ނެގިއެވެ. އެ ގޯލު ޖެހީ އަހުމަދު ހަލީމް (އަންމަޑޭ) އެވެ.
މެޗުގެ ފަހުކޮޅަށް ދިޔަ އިރު، ގަމުން ނުރައްކާ ކުރަމުން ދިޔައެވެ. އަންމަޑޭ އާއި އަލީ ސާމިސް (ތޮއްޕެ) ފޮނުވާލި ހަމަލާތައްވެސް ދަނޑިއަށް އަމާޒުވި އިރު، މަދު ވަގުތުކޮޅެއް ބާކީ އޮއްވައި ތިމަރަފުށީގެ އިސްމާއިލް މުނީޒް މެޗުގެ ނަތީޖާ އަނެއްކާވެސް ހަމަހަމަ ކުރިއެވެ.
ނަތީޖާ އެއްވަރުވެގެން ނިމެން ދަނިކޮށް، ގަމުން ފަހު ގޯލު ޖެހީ ހިލޭ ޖެހުމަކުންނެވެ. އަންމަޑޭގެ ދެވަނަ ގޯލާއާއެކު ގަމުން ޝީލްޑް ޔަގީން ކުރިއެވެ.
ރޭގެ ޗެރިޓީ ޝީލްޑް މެޗުން، މޮޅުވި ގަމަށް ލިބުނު 25،000 ރުފިޔާ ވަނީ ފަލަސްތީނުގެ ގާޒާ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ. މި ފައިސާ ފަލަސްތީނާ ހަމައަށް ފޯރުކޮށްދޭން ހަވާލުކޮށްފައިވަނީ، "އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)" އާއެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރަސްމީ މެޗުތައް މިރޭ ފަށާ އިރު، މިރޭ އޮންނާނީ ހއ އާއި ގއ ގެ މެޗުތަކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް