ރާއްޖެ ތަރައްގީކުރާ ދަތުރުގައި ޗައިނާއަކީ މުހިންމު ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ސިނަމާލެ ބުރިޖު ހެދި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ)ގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ސީސީސީސީ އާއެކު ދެ ފަރާތުން އިސްކަން ދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ސީސީސީސީގެ އިސްވެރިން ވަނީ ރާއްޖޭގެ ތަރައްގީއަށް ކުރިއަށް ރާވާފައިވާ މަސައްކަތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ރާއްޖެއިން އެ ކުންފުންޏަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރިއެވެ. އެ ކުންފުނީގެ އިސްވެރިން ވަނީ ރާއްޖޭގެ ސަރުކާރުން ކުރާ މަސައްކަތްތަކާއެކު ރާއްޖޭގެ ކުރިމަގު އުޖާލާވެގެން ދާނެކަން ފާހަގަކޮށްފައެވެ.