އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ.

އިންޑިއާގެ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައި މިވަނީ އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ހިންގަމުންދާ މި ދަނޑިވަޅުގައި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ބަދުބަސް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ މައްސަލަ ހޫނުވެފަައިވަނިކޮށެވެ. އެ މައްސަލައިގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރަކު މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ސަފީރު މުނޫ މަހާވަރު މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގައެވެ. ނަމަވެސް އިންޑިއާގެ ސަފީރާ ބައްދަލުކުރައްވަނީ ސަރުކާރުގެ ކޮން އޮފިޝަލުންތަކެއް ކަށަވަރެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން މިހާތަނަށް ސަރުކާރުގެ ބަހެއް ލިބިފައިނުވާ އިރު، ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކުރައްވަވާ ރަސްމީ ދަތުރުފުޅަށް ވަޑައިގެން ޗައިނާގައެވެ.

މޯދީއަށް ބަދުބަސް ރައްދުކުރި މައްސަލައައިގައި އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް މިއަދު ހެނދުނު ހާޒިރުކޮށްފައެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް ވެސް މިހާތަނަށް ސަރުކާރުން ފޯރުކޮށްދީފައެއް ނުވެއެވެ.

މޯދީއަށް ބަދުބަސް ވިދާޅުވި މައްސަލައިގައި ސަސްޕެންޑުކޮށްފައި ވަނީ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފު އަދި އަބްދުﷲ މަހުޒޫމް މާޖިދެވެ. އެބޭފުޅުން ސަސްޕެންޑުކޮށްފައި ވަނީ ގިނަ ބަޔަކު އެ މައްސަލައިގައި ފާޑުކިޔުންތައް އަމާޒުކުރާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ އެ އޮފިޝަލުންގެ ހިޔާލަކީ ސަރުކާރުގެ ބަސް ނޫން ކަމަށާއި ކޮންމެ މީހަކަށްވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެކަން ގަބޫލުކުރާ ނަމަވެސް، އެ މިނިވަންކަން އޮންނަން ވާނީ ވަކި ހަމަތަކެއްގެ މަތީން ކަމަށެވެ. އަދި އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.

އިންޑިއާގެ ބައެއް އާންމުން ސޯޝަލް މީޑިއާގައި މޯލްޑިވްސް އައުޓްގެ ނަމުގައިވެސް ދަނީ ކެމްޕޭން ކުރަމުންނެވެ. ލަކްޝަދީބަކީ އިންޑިއާގެ ރައްޔިތުންނަށް ރަނގަޅު މަންޒިލެއްކަން ފާހަގަކޮށް، ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވެއްޖެ ނަމަ، އެކަމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށްބުނެ ރާއްޖެ ބޮއިކޮޓް ކުރުމަށްވެސް ދަނީ ގޮވައިލަމުންނެވެ.