ރާއްޖޭގެ އިގުތިސޯދީ ރައްކާތެރިކަން ކަށަވަރުކުރުމާއި ވެލިއުއެޑް ކުރުމާއި ޓްރާންޝިޕްމަންޓް އަދި ރިއެކްސްޕޯޓް ވިޔަފާރި އަށް ހާއްސަކޮށް އުފައްދަން ނިންމާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުނީގެ މަސައްކަތްތައް ހިނގާނީ ސަރުކާރުގެ އިތުރު ފަސް ކުންފުންޏެއް ހިއްސާވާ ގޮތަށް ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނި އުފެއްދުމަށް އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ނިންމެވުމާ ގުޅޭ އިތުރު ތަފުސީލު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އަލަށް އުފައްދާ ކުންފުނީގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް މުދާ ބޭނުންވާ އަދަދަށް ވުރެ އިތުރަށް މުދާ އިތުރުކޮށް، އެހެން ގައުމުތަކަށް މުދާ އެކްސްޕޯޓް ކޮށްގެން އާމްދަނީ އިތުރުކުރުން ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ ކުންފުނި އުފައްދަނީ އެސްޓީއޯ، އާބަންކޯ، އެމްޕީއެލް، އެމްޓީސީސީ އަދި އެމްއޭސީއެލް ހިމެނޭ ގޮތަށް ކަމަށެވެ.

"މި ފަސް ކުންފުނި ޝާމިލުވާ ގޮތަށް އުފެދޭ މައި ބޮޑު އެއް ކުންފުނީގެ ގޮތުގައި ފްރީ ޓްރޭޑް ޒޯންތައް ގާއިމުކުރުމުގެ ހުއްދައަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށަހެޅުމަށް ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކުންފުނި އުފެއްދުމަށްޓަކައި ބޭނުންވާ ބިން ހަމަޖެއްސުމަށްޓަކައި، ތިލަފުއްޓާއި ގިރާވަރުފަޅު ބެލުމަށް ފަހު އެންމެ އެކަށީގެންވާ ތަނަކުން މަދުވެގެން 100 ހެކްޓަރު ބިން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށްޓަކައި އުތުރުތިލަފަޅުން ބިން ކަނޑައަޅައި، އެކަމަށް ބޭނުންވާ އިންވެސްޓުމަންޓް ހޯދައި، އެ އިންވެސްޓުމަންޓުގެ ބޮޑު ހިއްސާ އިންޑަސްޓްރިއަލް ފްރީޒޯން ކުންފުންޏަށް ދޭން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވި ގޮތުގައި، އާ ކުންފުނި އުފެއްދުމަށްފަހު، ސްޓްރެޓީޖިކް ޕާޓްނަރުންގެ ގޮތުގައި ޕްރައިވެޓް ޕަބްލިކް ޕާޓްނަޝިޕުގެ އުސޫލުން އިތުރު އިންވެސްޓްމަންޓަށް ފުރުސަތު ހޯދައި ދިނުމަށްވެސް ނިންމާފައިވާ ކަމަށެވެ.