އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުޅުނު މެޗާއި ޗެލްސީން ކުޅުނު މެޗުތަކުން މޮޅުވި ނަމަވެސް، މެންޗެސްޓާ ޔުނައިޓެޑުން ނޮޓިންހަމް ފޮރެސްޓް ކައިރިން ބަލިވެއްޖެއެވެ.
ސިޓީން ރޭ އަމިއްލަ ދަނޑުގައި ޝެފީލްޑް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ޗެލްސީން ރަށުން ބޭރުގައި ލުޓޮން ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޗެލްސީން ހަމަޖެހުމެއް ހޯދި އިރު، ސިޓީން ވަނީ އަނެއްކާވެސް އެއްވަނައަށް ފުރުސަތު ފަހިކޮށްފައެވެ.
ޔުނައިޓެޑުން ރޭ ފޮރެސްޓް ކައިރިން، 2-1 އިން ބަލިވި އިރު، ރަށުން ބޭރުގައި ވި އެ ބައްޔާއެކު ޔުނައިޓެޑް އޮތީ، ހަތްވަނައިގައެވެ. އެއީ 20 މެޗުން 31 ޕޮއިންޓާއެކުގައެވެ. ރޭ މޮޅުވި ސިޓީން ތިންވަނައިގައި 19 މެޗުން 40 ޕޮއިންޓާއެކު އޮތް އިރު، ދެވަނައިގައި އޮތް އެސްޓަން ވިލާއާއި އެއްވަނައިގައި އޮތް ލިވަޕޫލަށް ލިބިފައި ވަނީ 42 ޕޮއިންޓެވެ. ވިލާއިން 20 މެޗު ކުޅެފައިވާ އިރު، ލިވަޕޫލުން ކުޅެފައި ވަނީ 19 މެޗެވެ.
ޗެލްސީން ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ރަނގަޅަށް މެޗު ފެށިއެވެ. ކޯލް ޕާމާ ކުރީކޮޅުގައި ޖެހި ގޯލުން ލީޑު ނަގައި، ހާފު ނިމުމުގެ ކުރިން ނޮނީ މަޑުއޭކޭ ވަނީ ޗެލްސީގެ ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފަށް ނުކުމެ، ޕާމާގެ އިތުރު ގޯލަކުން ޗެލްސީ ލީޑު އިތުރަށް ފުޅާކުރި ނަމަވެސް، ލުޓޮންއިން ވަނީ ފަހުވަގުތު ހިތްވަރުކޮށް ދެ ގޯލު ޖަހައިފައެވެ. އެ ދެގޯލު ޖެހީ ރޮސް ބާކްލޭއާއި އެލީޖާ އަޑެބަޔޯއެވެ.
ސިޓީން ޝެފީލްޑް ކައިރިން މޮޅުވި މެޗުގައިވެސް އާލިން ހާލަންޑް ކުޅެފައިނުވާ އިރު، އެ ޓީމުގެ ގޯލުތައް ޖެހީ ރޮޑްރީއާއި ޖޫލިއަން އަލްވަރޭޒެވެ. ރޭގެ މެޗުގެ ސްކޮޑުގައި ކެވިން ޑި ބްރޭނާ ހިމަނާފައިވާ އިރު، ސީޒަނުގެ ފުރަތަމަ މެޗަށްފަހު، އަނިޔާގެ ސަބަބުން ޑި ބްރޭނާ އަދި ކުޅެފައެއް ނުވެއެވެ.
ޔުނައިޓެޑުން ރޭ ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުގެ ގޯލުތައް ފަހުކޮޅުގައި ފެނުނު އިރު، ފުރަތަމަ ލީޑު ނެގީ ފޮރެސްޓުންނެވެ. 64 ވަނަ މިނެޓުގައި އެ ގޯލު ޖެހީ ނިކޮލަސް ޑޮމިނިގޭޒްއެވެ. އޭގެ ފަހުން މާކަސް ރަޝްފޯޑު ގޯލެއް ޖަހައި އެއްވަރުކުރި ނަމަވެސް، މޯގަން ގިބްސް-ވައިޓް ވަނީ ފޮރެސްޓަށް ތިން ޕޮއިންޓް ޔަގީންކޮށްދީފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު