ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމުސީލު ކުރައްވާ 13 މެމްބަރަކު ވެރިކަން ކުރާ ޕީއެންސީއަށް މިރޭ ސޮއިކުރެއްވުމާއި ގުޅިގެން އެ ބޭފުޅުން އެމްޑީޕީއަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"މިރޭ އެމްޑީޕީން ވަކިވެ ދިޔަ މަޖިލިސް މެމްބަރުން ޕާޓީގައި ކޮށްދެއްވި މަސައްކަތައް ޝުކުރު ދަންނަވަން. މި ދަނޑިވަޅު ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން މާތްﷲ ވާގިފުޅާއެކު އެމްޑީޕީ ދާނީ ކުރިއަށް" ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީން 13 މެމްބަރުން ވަކިވުމުން، މަޖިލީހުގައި އޮތް އެ ޕާޓީގެ ސުޕަމެޖޯރިޓީ މިހާރު ވަނީ ގެއްލިފައެވެ. މިހާރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި ތިބީ 43 މެމްބަރުންނެވެ. އެއާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ލިބިފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށެވެ. އަލަށް ގުޅުނު މެމްބަރުންނާއެކު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގައި މިހާރު 15 މެމްބަރުން ތިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު