ބައިނަލްއަގުވާމީ ކުޅިވަރުތަކަށް އެންމެ ބޮޑު އަހަރަކަށް ނިމިގެން މިދާ އަހަރު ނުވެދާނެއެވެ. ހާއްސަކޮށް ދިވެހީންގެ އާދަކާދައާ ގުޅޭ ބޮޑެތި މުބާރާތްތަކުގެ ގޮތުގައި ގުނަމުން އަންނަ، ވޯލްޑް ކަޕެއް، ޔޫރޯއެއް 2023 ގައި ނެތެވެ. އެހެންނަމަވެސް ކްލަބު ފުޓުބޯޅައަށް އެ އޮންނަ ފޯރި ފެނުނީ ގަދަކޮށެވެ. އުފާވީ ދުބާއީ ވެރީންގެ މެންޗެސްޓާ ސިޓީއަށް ސަޕޯޓު ކުރި ސަޕޯޓަރުންނެވެ. އެ ވާހަކައިގެ ތެރެއިން، ލިއޮނަލް މެސީއަށް އަނެއްކާވެސް ބޮޑު އަހަރެކެވެ. އެމެރިކާ ލީގަށް ގޮސް، އަށްވަނަ ބެލޮންޑިއޯއެއް ހޯދިއެވެ. ނޯވަކް ޖޮކޮވިޗަށް ބޮޑު ކާމިޔާބީއެއް ލިބުނު އަހަރު، އިންޑިއާ ކްރިކެޓަށް ކަރުނައިގެ ފައިނަލެއް ކުޅެން ޖެހުނު އަހަރަކަށް ވެސް 2023 ވާނެއެވެ.
ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު، ތަކިން ޝިނަވަޓްރާ އަތުން، މެންޗެސްޓާ ސިޓީގެ 90 ޕަސެންޓް ހިއްސާ، އަބޫ ދާބީ ޔުނައިޓެޑް ގްރޫޕުން ގަތީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން ސިޓީން ފުޓުބޯޅައަށް އިންގިލާބީ ބަދަލެއް ގެންނަމުން އައިސް، 2023 ގައި އެ ބަދަލު ފުރިހަމަ ކުރިއެވެ. ބިލިއަނުން ހަރަދުކޮށް ސިޓީން ޓީމެއް ބިނާކުރުމުގެ މަސައްކަތަށް އެންމެ ބޮޑު، ތާރީހީ ކާމިޔާބީއެއް ހޯދީ ނިމިދިޔަ އަހަރުގައެވެ. އެޓީމުން ވަނީ މަދު ކްލަބުތަކަކުން ހޯދި ޝަރަފެއް، ހޯދައިފައެވެ. އެއީ ޔޫރަޕްގައި "ޓްރެބަލް" އެއް ކާމިޔާބު ކުރުމުގެ ޝަރަފެވެ.
އިނގިރޭސި ގަދަބާރު ސިޓީން 2023ގެ ޗެމްޕިއަންސް ލީގު ފައިނަލަށް ނުކުތީ ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްފައި އޮވެގެންނެވެ. ލޯކަލް ދެ ތަށްޓާއެކު ޔޫރަޕްގެ ތަށި ހޯދައި، ސިޓީއަށް އެއް ސީޒަނެއްގައި ވަރުގަދަ ތިން ތަށި ހޯދައި، "ޓްރެބަލް" ހޯދުމަށް ލިބުނު ފުރުސަތުގައި، އެޓީމުން ވަނީ އިންޓަ މިލާން ބަލިކޮށް، ޗެމްޕިއަންސް ލީގު ވެސް މުޅީން އަލަށް އުފުލާލައިފައެވެ. އެ ޝަރަފު މީގެ ކުރިން ހޯދާފައިވާ ހަމައެކަނި އިނގިރޭސި ޓީމަކީ ސިޓީގެ ވާދަވެރި، މެންޗެސްޓާ ޔުނައިޓެޑެވެ. އެއީ 1998-99 ވަނަ އަހަރު ސީޒަނުގަ އެވެ. ސިޓީގެ ވެރިޔާ ޝެއިހް މަންސޫރުގެ ކުރިމަތީގައި ކްލަބުން ފުރަތަމަ ފަހަރަށް ޔޫރަޕްގެ ރަސްކަން ހޯދި އިރު، އެއީ ކްލަބުގެ ފުޓުބޯޅަ ތާރީހުގައި އެންމެ ބޮޑު ކާމިޔާބީ އެވެ.
ސިޓީގެ އެ ކާމިޔާބީން މުޅި އަހަރު ޖަރީވި ނަމަވެސް، އެހެން ތަށިތަކަށް ބަލައިލުން މުހިއްމެވެ. ކްލަބު ވޯލްޑް ކަޕް، 2023ގެ ކުރީކޮޅުގައި ރެއާލް މެޑްރިޑުން ނެގި އިރު، ޑިއޭގޯ މަރަޑޯނާގެ ހަނދާންތައް އާކޮށްލީ ނަޕޯލީން އިޓަލީ ލީގު ނެގުމާއެކުގައެވެ. އިޓަލީ ލީގު ނަޕޯލީ ހޯދީ 33 އަހަރުގެ އިންތިޒާރަކަށްފަހުއެވެ. 33 އަހަރު ކުރިން 1990 ވަނަ އަހަރު ޑިއޭގޯ މަރަޑޯނާގެ މޭސްތެރިކަމުގައި ލީގު ތަށި ހޯދި ފަހުން ނަޕޯލީއަށް އެ ކާމިޔާބީ ތަކުރާރު ނުކުރެވި އޮތުމަށްފަހު ތަށި ހޯދައި، މުޅި ސިޓީ އުފާފާޅުކުރިއެވެ.
ފްރާންސް ލީގު ޕީއެސްޖީން ހޯދި އިރު، ފަހު ވަގުތު ބަޔާން މިއުނިކުންވެސް ލީގު ޔަގީންކުރިއެވެ. ލަލީގާ ހޯދީ ޒަވީ ހެނާންޑޭޒް ބިނާކުރަމުން އަންނަ ބާސެލޯނާއިންނެވެ. އެ އުފާވެރި ވާހަކަތަކުގެ ތެރެއިން، ބްރެޒިލްގެ ސަންޓޯސް، ފުރަތަމަ ފަހަރަށް ރެލިގޭޓްވި ވާހަކަވެސް ފާހަގަކޮށްލުން މުހިއްމެވެ.
އިންގްލެންޑް ކޭން، އެ ގައުމުގެ ޓޮޓެންހަމް ދޫކޮށް ބަޔާން މިއުނިކަށް ބަދަލުވި ބަދަލުވުންވެސް ޓްރާންސްފާތަކުގައި ފާހަގަކޮށްލެވޭ އިރު، އެންމެ އަޑުގަދަކޮށް ވާހަކަ ދެކެވުނު ދެ ޓްރާންސްފާއަކަށް ލިއޮނެލް މެސީ، ޑޭވިޑް ބެކަމްގެ އިންޓަ މިއާމީއަށް ބަދަލުވި ބަދަލުވުމާއި، ނޭމާ ސައުދީ އަރަބިއާގެ އަލް ހިލާލަށް ބަދަލުވިބަދަލުވުން ހިމެނެއެވެ.
އުމުރުން 31 އަހަރުގެ ނޭމާ، ޕީއެސްޖީއާ ދެމެދު ނުތަނަވަސްކަން އުފެދި، އެ ކްލަބު ދޫކޮށް ސައުދީ ލީގަށް ބަދަލުވެފައި ވަނީ 77.6 ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ. ނޭމާ އަލް-ހިލާލާ އެކު އެއްބަސްވެފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމާއެކު ނޭމާ ވެގެންދާނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ.
އިތުބާރު ނޫސްތަކުން ބުނެފައިވާ ގޮތުގައި ނޭމާއަށް އަލް-ހިލާލުން މުސާރައިގެ ގޮތުގައި އެކަނިވެސް ދެ އަހަރުން ޖުމުލަ 300 މިލިއަން ޑޮލަރު ޖެހޭނެ އެވެ. އޭގެ އިތުރުން ވިޔަފާރި އެއްބަސްވުންތަކާ އެކު ނޭމާއަށް ދެ އަހަރުން ޖުމުލަ 400 މިލިއަން ޑޮލަރު ޖެހޭނެ ކަމަށްވެސް އިތުބާރު ނޫސްތަކުން ބުނެފައިވެއެވެ.
އަނެއްކޮޅުން މެސީ އެމެރިކާ ލީގަށް ދިޔުންވެސް އެއީ ބޮޑު ހަބަރެކެވެ. މެސީ އިންޓަ މިއާމީއަށް ދިޔައީ ވިޔަފާރީގެ ބޮޑެތި ޑީލްތަކެއްގެ ތެރެއިންނެވެ. އެގޮތުން އެޕަލް ކުންފުނީގެ ހިއްސާގެ އިތުރުން ރިޓަޔާމަންޓަށްފަހު ކްލަބުގެ ހިއްސާވެސް މެސީއަށް ލިބޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. މެސީގެ ބޭނުންކޮށް، އިންޓަ މިއާމީން ވިޔަފާރީގެ މަސައްކަތްތަކެއް ކުރާ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
މެސީ އިންޓަ މިއާމީއަށް ގެންދިއުމުގައި އެންމެ އިސް ރޯލެއް ކުޅެފައި ވަނީ ކުރިން އިންގްލެންޑްގެ ކެޕްޓަންކަން ކުރި ހުނަރުވެރި މިޑްފީލްޑަރު، އަދި މިހާރު އިންޓަ މިއާމީގެ ކޯ އޯނަރު ބެކަމް އެވެ.
އެ ޓްރާންސްފާގެ ވާހަކައިގެ އަޑުވެސް އަހަރު ތެރޭގައި ގަދަވެގެން ދަނިކޮށް، މެސީ ނިންމާލީ ކެރިއަރުގެ ރެކޯޑު އަށްވަނަ ބެލޮންޑިއޯއާ އެއްކޮށެވެ. މީގެ ކުރީން މެސީ، ބެލޮންޑިއޯ ހާސިލުކުރީ 2009، 2010، 2011، 2012، 2015ގެ އިތުރުން 2019 އަދި 2021 ވަނަ އަހަރުއެވެ. މެސީ އަކީ ޖެހިޖެހިގެން އެވޯޑު އެންމެ ގިނައިން ހާސިލުކުރި ކުޅުންތެރިޔާވެސް މެއެވެ. މެސީ މިފަހަރުގެ ބެލޮންޑިއޯ ހޯދީ އުމުރުން 35 އަހަރުގައެވެ.
އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލުގައި ހޯސްޓް އިންޑިއާއިން ފައިނަލާއި ހަމައަށް ކުރިއަށް ޖެހިލީ "ކޫރުމެެއްވެސް" އެޅިޔަ ނުދީއެވެ. ފުރިހަމަ މެޗުތަކަކަށްފަހު އެވެ. އަމިއްލަ ގައުމުގައި ތަށި ޔަގީންކުރަން އެޓީމަށް މާ ބޮޑަށްވެސް ޔަގީންކަން އޮތެވެ. ފައިނަލަށް ނުކުތީ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް، އަހުމަދުއާބާދުގެ ނަރެންދްރަ މޯދީ ސްޓޭޑިއަމަށެވެ. މުޅި ބޮލީވުޑްގެ ހުރިހާ ސެލެބްރިޓީންގެ ކުރިމައްޗަށެވެ. ހުދު ނަރެންދުރަ މޯދީގެވެސް ކުރިމައްޗަށެވެ. އެ ފައިނަލްވީ ކްރިކެޓްގައި އިންޑިއާއަށް ކުރިމަތިވި އެންމެ ބޮޑު އެއް މާޔޫސް ކަމަށެވެ.
ފުރިހަމަވާނެ ކަމަށް މުޅި އިންޑިއާ އުންމީދުކުރި ފައިނަލް ނިމުނީ ކަރުނައިންނެވެ. ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލް އޮސްޓްރޭލިއާއިން ކާމިޔާބުކުރީ ހަ ވިކެޓުންނެވެ. އެއް ލައްކަ ތިރީސް ހާސް މީހުންގެ ސްޓޭޑިއަމަށް އިންޑިއާއަށް ސަޕޯޓުކުރަން ލައްކައަކަށްވުރެ ގިނަ މީހުން ވަދެ ތިބި އިރު އެންމެން ރޮއްވާލިއެވެ. ޝާހްރުކް ހާނާއި ވިރާތު ކޯލީގެ އަންހެނުން އަނުޝްކާ ޝަރުމާ، ދިޕިކާ ޕަޑުކޯންގެ ދެމަފިރިންވެސް ފެނުނީ މާޔޫސްކަމުން ފުރިފައި ތިއްބައެވެ. އިންޑިއާއިން 2011 ވަނަ އަަހަރަށްފަހު ތަށްޓަކަށް ކުރި އިންތިޒާރު ނިމުމަކަށް އައީ މުޅި ގައުމު ރޮއްވާލައިފައެވެ. އޮސްޓްރޭލިއާއިން 2021 ވަނަ އަހަރު ޓީ20 ވޯލްޑް ކަޕަށްފަހު އަނެއްކާވެސް ތަށި ހޯދައި، މުޅި އިންޑިއާއަށް ސިހުން ގެނައެވެ.
ކުޅިވަރުގެ ހާއްސަ އިންޑިވިޖުއަލް ހުނަރަށް ބަލާއިރު، އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކާމިޔާބީއަކީ ޖޫން މަހު ޓެނިސް ތަރި ނޯވާކް ޖޮކޮވިޗް ހޯދި ތާރީހީ ކާމިޔާބީއެވެ. އުމުރުން 36 އަހަރުގެ ޖޮކޮވިޗް ކެރިއަރުގައި 23 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބު ކުރުމާއެކު އޭނާ މިހާރު ވެފައިވަނީ ކެރިއަރުގައި އެންމެ ގިނަ ގްރޭންޑް ސްލޭމް ތަށި ކާމިޔާބު ކުރި ކުޅުންތެރިޔާއަށެވެ. އޭނާ މީގެ ކުރިން އޮތީ 22 ތައްޓާ އެކު ރަފޭލް ނަޑާލްއާ އެއްވަރުވެފައެވެ. އޭނާ ރެކޯޑު މުގުރާލީ ޖޫން މަހު ފްރެންޗް އޯޕަން ކާމިޔާބު ކޮށްގެންނެވެ. ޖޮކޮވިޗަށް ކާމިޔާބު އަހަރުގައި އޭނާ އަތުން ގެއްލުނު އެންމެ ބޮޑު ފައިނަލަކަށް ފާހަގަވީ ވިމްބަލްޑަން އެވެ. އެ ފައިނަލްގައި ޖުލައި މަހު ސްޕެއިންގެ ޒުވާން ތަރި ކާލަސް އަލްކަރާޒް ވަނީ ފަސް ސެޓަށް ކުޅެ ޖޮކޮވިޗް ބަލިކޮށްފައެވެ.
އޭގެ އިތުރުން އަހަރުގެ އުސް އައްޔެއްގެ ގޮތުގައި އޮގަސްޓް 20 ވަނަ ދުވަހު ސްޕެއިނުން އަންހެން ވޯލްޑް ކަޕްގެ ތަށި ހޯދުން ފާހަގަވިއެވެ. އެކަމުގައި އެންމެ ބޮޑަށް ފާހަގަވީ އަންހެން ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އުފާފާޅުކުރުމުގެ ތެރޭގައި ފޯވަޑް ޖެނީ ހާމޯސޯއަށް ބޮސްދިން މައްސަލައިގައި، އެގައުމުގެ ފެޑަރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސް ހޫނުފެނަށް ވެއްޓުމެވެ. އޭނާ ސަސްޕެންޑް ކޮށް، މަގާމުން ދުރަށް ޖައްސައި، މިހާރު ވަނީ ތިން އަހަރަށް ފުޓުބޯޅައިން ސަސްޕެންޑް ވެސް ކޮށްފައެވެ. ބޭރު ދުނިޔޭގެ ކުޅިވަރުންވެސް "ޑްރާމާ" މަދު އަހަރެއް ނޫނެވެ. ދިވެހީންގެ "ފުޓުބޯޅަ އަހަރެއް" ނޫން ނަމަވެސް، ބޮޑެތި ނަންތައް ހެޑްލައިނުން ޖާގަ ހޯދި އަހަރެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް