އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް މޫދަށް އިހި ނަގަން އެރި އުޅެނިކޮށް ގެއްލުނު ސ. މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނައީޝް، ހޯދުމުގެ މަސައްކަތަށް ދައުލަތުގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި ވަސީލަތްތައް ބޭނުން ނުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

ނައީޝް ގެއްލިގެން ހޯދަމުގެ މަސައްކަތް ފަށައިފައިވާކަން އެމްއެންޑީއެފުން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެމްއެެންޑީއެފުން ބުނެފައިވަނީ ނައީޝް ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ އެރޭ 10:10 ހާއިރު ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުގެ ސަދަން އޭރިއާގެ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަން ފާސްޓް އިންޓަސެޕްޓާ ކްރާފުޓު "ދޮށިމޭނާ"އާއި ހާބާކުރާފުޓު 105 އަދި ޑައިވަރުންގެ ޓީމަކުން ކުރަމުންދާ ކަމަށެވެ.

އެފަހުން މޯލްޑިވިއަން އެވިއޭޝަން އެކަޑަމީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނައީޝް ހޯދުމުގެ މަސައްކަތުގައި އެ އެކަޑަމީގެ މަތިންދާބޯޓެއް އެހީތެރިވަމުންދާ ކަމަށެވެ. ކަނޑުމައްޗަށް ގެއްލޭ މީހުން ހޯދުމަށް އެމްއެންޑީއެފުން މީގެ ކުރިން ބޭނުން ކުރަމުން އައީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ ޑޯނިއާއެވެ. ޑޯނިއާ އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިންނެވެ.

އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެ އާއި އެކުވެރި ގައުމުތަކާއެކު އޮންނަ ގުޅުންތަކުގެ ތެރެއިން އެފަދަ އޮޕަރޭޝަންތަކުގައި އެހީތެރިކަން ހޯދާ އިރު، މިއަދު ރާއްޖޭގައި އެފަދަ ފަންނީ ގާބިލުކަމާއި ވަސީލަތްތައް ލިބެން ހުރެމެ, އެ ވަސީލަތްތައް ބޭނުން ނުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"ދިވެހި ޒުވާނަކު ގެއްލި 72 ގަޑިއިރު ފާއިތުވެގެންދިޔައިރު ވެސް ދައުލަތުގެ އިދާރާތަކުގެ ބެލުމުގައި ދަށުގައި ހުރި ހުރިހާ ވަސީލަތްތަކެއް އެ ޒުވާނާ ހޯދުމަށް ބޭނުން ނުކުރުމަކީ މި ޕާޓީން ދެކޭ ގޮތުގައި އިންތިހާއަށް ޒިންމާދާރުކަން ކުޑަ އަމަލެއް،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ރާއްޖޭގެ އިދާރާތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގޭނެ ވަރަށް ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ފުރިހަމަ ނުވަނީސް، ފަންނީ ލަފާ އޮޕަރޭޝަންތަކުގައި ބޭނުން ނުކުރުމަކީ އެ އޮޕަރޭޝަންތައް ކާމިޔާބު ކުރަން ދަތިވާނެ ކަމެއް ކަމަށެވެ.

"ދިވެއްސެއްގެ ފުރާނައަށްވުރެ ސިޔާސީ އެޖެންޑާއެއް އިސްކުރުމަކީ މި ޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. ނައީޝް ހޯދުމުގެ އޮޕަރޭޝަނުގައި މިވަގުތު ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފުމަށް ސަރުކާރަށް ގޮވާލަން،" އެމްޑީޕީން ބުންޏެވެ.

ރާއްޖޭގެ ސިފައިންނާއި ބޭރު ގައުމުތަކާއެކު ގުޅިގެން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިޔު 1،996 އޮޕަރޭޝަނެއްގައި 3,452 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

ނައީޝް ހޯދުމުގެ މަސައްކަތަށް އިންޑިއާ ސިފައިންގެ އެހީތެރިކަން ނުހޯދާތީ ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ފާޑު ކިޔައިފައެވެ.