2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެއިރުގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިވެވަޑައިގަތީ ނާކާމިޔާބީއެވެ. އެއާއެކު އެ މަނިކުފާނު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ މަސައްކަތް ފައްޓަވައި ސިޔާސީ މަސައްކަތްތައް ހަ ގިޔަރު ކުރިއަށް ޖައްސަވައިލައްވައިފައެވެ. އެ މަސައްކަތުގެ ތެރެއިން "އިންޑިއާ އައުޓް"، މިނިވަންކަމާއި ސިޔާދަތު ފަދަ ގައުމީ ޝިއާރުތައް ބޭނުން ކުރައްވައިގެން ގައުމުގެ ލޯ އެ މަނިކުފާނަށް އަމާޒު ކުރެއްވިއެވެ. ނަތީޖާއެއް ގޮތުން ކުރީން ވެސް ޔާމީނަށް އޮތް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު، ރަސްމީކޮށް، އެ މަނިކުފާނާ ވަނީ ހަވާލުކޮށްފައެވެ. ރިޔާސީ ޓިކެޓު އެ މަނިކުފާނަށް އެރުވިއިރު، އެ މަނިކުފާނާ ދެކޮޅަށް ކުރިމިނަލް ކޯޓަށް ވަނީ ޖިނާއީ ދެ ދައުވާއެއް ހުށަހަޅައި ޝަރިއަތް ފަށައިފައެވެ. އެއީ މަނީލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެކެވެ. އެ ކުށްތައް ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމާނާކުރާކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

އެ މަނިިކުފާނުގެ އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ހައި ކޯޓުން ފަށާފައިވަނިކޮށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ނަން ހުށަހެޅުމަށް ހުޅުވާލައިފައެވެ. އެއިރު ޔާމީން ހުންނެވީ މާފުށީ ޖަލުގައެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީން ވަނީ އެ މަނިކުފާނުގެ ނަންފުޅު އީސީއަށް ހުށަހަޅައިފައެވެ. އީސީން ވަނީ ޔާމީންގެ ކެންޑިޑެންސީ ބަލައިގަނެވެން ނެތް ކަމަށް ނިންމައިފައެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރާ މީހެއްގެ ސާބިތު ދަރަންޏެއް އޮވެގެން ނުވާނެ ކަމަށެވެ. އެ މާއްދާގެ (ޅ)ގައި ބުނަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މައާފުކުރިތާ ތިން އަހަރު ވެފައިވާން ޖެހޭނެ ކަމަށެވެ.

އީސީގެ އެ ނިންމުން ޕީޕީއެމް/ޕީއެންސީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ އީސީގެ ނިންމުން ރަނގަޅު ކަމަށެވެ.

ސުޕްރީމް ކޯޓުން ސާބިތު ދަރަނި މާނަކޮށްފައި ވަނީ މީހަކު އެހެން މީހަކަށް ދައްކަން ކޯޓު އަމުރަކުން ލައްވާ ކޮންމެ ފައިސާއަކީ ސާބިތު ދަރަންޏެއްގެ ގޮތުގައި ކަމަށާއި ކޯޓެއްގެ ހުކުމަކުން ލައްވާ ފައިސާއެއްގެ ނަން ތަފާތު ވުމަކުން، ކޯޓުގެ ހުކުމަކުން ލައްވާ ފައިސާއެއްގެ ގާނޫނީ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"ޖިނާއިީ އުގޫބާތެއްގެ ގޮތުގައި ޝަރީއަތުން މީހެއްގެ މައްޗަށް ކަނޑައަޅާ ޖަލަށް ލުމުގެ އަދަބަކީ އެމީހާ ޖިސްމާނީ ގޮތުން ތަހައްމަލް ކުރަންޖެހޭ އަދަބެއް. މިއާ ހިލާފަށް، ޖޫރިމަނާގެ އަދަބަކީ އެމީހާ މާލީ ގޮތުން އުފުލުމަށް ޖައްސާ ބުރައެއް. އެއީ އުފުލަން ޖެހޭ އިލްތިޒާމެއް. ޖިނާއީ އުގޫބާތެއްގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާގެ ފައިސާއާ މެދު މަތީ މަރުހަލާގެ ކޯޓަކުން ވަކި ގޮތަކަށް އަމަލުކުރަން އަންގާފައިނުވާ ހާލަތުގައި ކޯޓުން ކަނޑައަޅާފައިވާ ގޮތަށް އެ ޖޫރިމަނާ ފައިސާ ދައްކައި ހަލާސް ނުކުރުމުގެ ނަތީޖާއަކީ އެ ޖޫރިމަނާއަކީ ސާބިތު ދަރަންޏަކަށް ބަދަލުވެގެންދިއުން. އެހެނީ އެ ޖޫރިމަނާއަކީ އޭނާ އުފުލުމަށް ކޯޓުން ސާބިތު ކޮށްފައިވާ އިލްތިޒާމެއް އެ ޖޫރިމަނާ ނުދައްކާހާ ހިނދަކު އެއީ އޭނާގެ ކޮނޑުގައި އެޅިފައިވާ ސާބިތު ދަރަންޏެއް،"

މި މައްސަލައިގައި އެންމެ ބޮޑުކޮށް ފާހަގަ ކުރި ނުކުތާއަކީ، ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ދަށު ކޯޓުން ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް ޔާމީންގެ ފަރާތުން ފާހަގަ ކުރި ނުކުތާއެވެ. އެނުކުތާގައި ރައީސް ޔާމީންގެ ފަރާތުން ވަނީ، ސުޕްރީމް ކޯޓުން މީގެ ކުރީން ނިންމަވާފައިވާ ބައެއް ނިންމުންތަކާ ހަވާލާދީފައެވެ. މި ނުކުތާކުގެ ޖަވާބުގައި ސުޕްރީމް ކޯޓްގެ ހުކުމުގައި ވަނީ މީގެކުރިން އެ ކޯޓުން ނިންމާފައިވާ ނިންމުންތައް ރައީސް ޔާމީންގެ މިހާރުގެ ހާލަތާ އަޅައި ނުކިޔޭނެ ކަމަށެވެ. އެ ހުކުމްތަކަކީ އެމީހުންގެ ވަޒީފާއާ ގުޅޭ މައްސަލަތަކެއް ކަމަށާއި އެއީ މުސްތަގުބަލުގައި ލިބިދާނެ މަގާމަކާ ގުޅޭ މައްސަލައެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނާ ވާހަކަ އެއީ ނިހާއީ ހުކުމެއް ގޮތުގައި މާނަ ނުކުރެވޭނެ ކަމަށްވެސް ސުޕްރީމް ކޯޓްގެ ހުކުގައިވެއެވެ. އެގޮތުން އެ މާއްދާ ފާސްކުރުމުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކޮމެޓީގެ ނިޔަތަކީ ޖަލުގައި ހުކުމެއް ތަންފީޒުކުރާ މީހުންނަށް އެފުރުސަތު ނުދިނުން ކަމަށްވެސް ބުނެފައިވެއެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއް އައިސްފިނަމަ، ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރެން އިތުރު ފުރުސަތު ދޭން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމަރުކޮށްދިނުމަށް ޔާމީންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި ރިއާޔަތްކޮށްފައެއް ނުވެއެވެ.

ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް، އީސީން ތިންވަނަ ނުކުތާއެއްގެ ގޮތުގައި، ހުކުމެއް ތަންފީޒު ކުރަމުންދާތީ، ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކުގައި، އާއްމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތެއްގައި ބައިވެރިވުމުގެ ހައްގު ނޯންނަ ކަމަށް ފާހަގަކުރި ނަމަވެސް ހުކުމުގައި ބުނެފައިވަނީ، މައްސަލައިގެ ހުށަހެޅުމެއްގެ ގޮތުގައި އެ ނުކުތާ ހުށަހަޅާފައި ނުވާތީ، އެ ނުކުތާއާ މެދު ގޮތެއް ކަނޑައެޅުމުގެ ޖާގައެއް ނެތް ކަމަށެވެ.

މި ހުކުމާއެކު ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ހުރިހާ ދޮރެއް ޔާމީނަށް ބަންދުވެގެން ދިޔަ އެވެ.

އީސީގެ ނިންމުން ރަނގަޅުކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާއެކު ޔާމީން ވަނީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރައްވަން އަންގަވައި ނޯޓެއް ފޮނުއްވައިފައެވެ. އެ ނޯޓު ލިބުމާއެކު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުގެ ބޭފުޅުން ހިތްހަމަނުޖެހުން ފާޅުކޮށް، އަލުން އެކަމަށް ވިސްނައިވަޑައިގަތުމަށް އެދި ޔާމީނަށް ނޯޓެއް ފޮނުވިއެވެ. ކުރީގެ ވިސްނުންފުޅު ދޫކުރައްވައި ޔާމީން ފޮނުއްވި ނޯޓުގައި ވަނީ ރިޔާސީ އިންތިހާބުގައި ކޯލިޝަންގެ ތެރެއިން ކެންޑިޑޭޓަކު ވާދަކުރެއްވުމަށެވެ. އެ ނޯޓާއެކު ޑިމޮކްރަސީއާ އެހާ ރަށްޓެހިން ނޫން ކަމަށް ސިފަވެފައިވާ ޕީޕީއެމް/ޕީއެންސީ ރިޔާސީ ޕްރައިމަރީއަކަށް ހުޅުވާލަން ނިންމިއެވެ. އެއާއެކު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއަށް ގުޅިވަޑައިގެން، ޕްރައިމަރީގައި ވާދަކުރައްވައި ޓިކެޓު ކާމިޔާބު ކުރައްވައިފައެވެ. މުއިއްޒު ރިޔާސީ ޓިކެޓު ކާމިޔާބުކުރެއްވުމާއެކު އެއިރު ސަރުކާރުގައި އޮތް އެމްޑީޕީގެ ބޭފުޅުންނާއި ސަރުކާރު މިނިސްޓަރުން ވަނީ "މިއީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ނިމުނީކަމަށް" ވިދާޅުވެފައިއެވެ.

ޔާމީން ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ދައުރުގައި އުމްރާނީ ގޮތުން އޭގެ ކުރިން ރާއްޖެ ދެކެފައިނުވާ ފަދަ ގިނަ ކުރިއެރުންތަކެއް ހޯއްދަވައިދެއްވައިފައެވެ. ހުޅުމާލޭ ފޭސް ދޭއް ހިއްކައި އެތަނުގައި 25 ބުރީގެ ޓަވަރުތަކެއް ހެދުމާއި، ދަރުމަންވަންތަ ހޮސްޕިޓަލުގެ ނަމުގައި 25 ބުރީގެ އިމާރާތެއް ހެދުމާއި މާލެއާއި ހުޅުލޭ އަދި ހުޅުމާލެ ގުޅުވައިލައި ބުރިޖެއް އެޅުމަކީ ރައްޔިތުން ތަސައްވަރުކުރި ކަންކަމެއް ނޫނެވެ. ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އެ މަނިކުފާނުގެ ލެގަސީ އެވެ. ރިޔާސީ އިންތިހާބަށް ވިއްކަން ލިބޭނެ އެންމެ އަގުބޮޑު އަދި ފެންނަން ހުރި އެސެޓެވެ. ހަގީގަތަކީ ވެސް އެއީ އެވެ. އެއަށްވުރެ ބޮޑު އެސެޓެއް އެ މަނިކުފާނަށް ވިއްކަން ލިބިވަޑައެއްނުގަންނަވާނެއެވެ.

އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔައިރު ގިނަ މަޝްރޫއުތަކުގެ މަސައްކަތް ދިޔައީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. ހައުސިން މިނިސްޓަރަކަށް ހުންނެވީ ޑރ. މުއިއްޒެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މުއިއްޒަކީ ހިންގުންތެރި ބޭފުޅެއްކަމަށް މީހުން ގަބޫލުކުރުމެވެ. އެ ކަން ތަޖުރިބާ ކުރެވުމެވެ. މުއިއްޒުގެ ސަރުކާރެއްގައި ރާއްޖެއަށް އުމްރާނީ ގޮތުން އަދި ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް މީހުން އުއްމީދުކުރީއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ނުވިއްކުނު، އެ މަނިކުފާނުގެ ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް، މުއިއްޒު މި ރިޔާސީ އިންތިހާބަށް ވިއްކެވިއެވެ.

ޔާމީންގެ ލެގަސީ އެ މަނިކުފާނު އަތުން ބީވީ އެވެ. ހުރަހަކަށް ވީ ޖަލުގޮޅިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ މުއިއްޒު ހަވާލުވެވަޑައިގަތްފަހުން މަހެއް ނުވަނީސް ރައީސް މުއިއްޒާއި ޔާމީނާ ދެމެދު ވަނީ މައްސަލަ ޖެހެން ފަށައިފައެވެ. އެ މައްސަލަގަނޑުގެ ތެރެއިން ޔާމީން ވަނީ ޕިޕީއެމުން ވަކިވެވަޑައިގެން، ޕީޕަލް ނެޝަނަލް ފްރޮންޓުގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައެވެ. ޔާމީން، ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގަތް ސީދާ ސަބަބަކީ ކޮބައިކަން އަދި ސާފުވެފައެއް ނުވެއެވެ. ޔާމީންގެ ވަކީލު، ޖަމީލު ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ވަނީ ޔާމީން މުޅިން އެކަހެރިކޮށްލައިފައި ކަމަށެވެ. ޕާޓީގެ ކަންކަމުގައި އެ މަނިކުފާނު ހިޔާލު އެއްވެސް ވަރަކަށް ހޯދަމުންނުދާ ކަމަށާއި އަދި ސަރުކާރުން ހިންގުމަށް ވެސް ޔާމީންގެ، މަޝްވަރާއެއް ނުހޯދާ ކަމަށް ޖަމީލު ވިދާޅުވެފައިއެވެ.

އެހެން ނަމަވެސް، ޕީޕީއެމް ޕީއެންސީގެ ވާހަކަ ތަފާތެވެ. ރައީސް ޔާމީން ބޭނުންފުޅުވަނީ ވެރިކަމެވެ. ބާރެވެ. ނުފޫޒެވެ. އެއް އުރައެއްގައި ދެކަނޑިއަކަށް ނޯވެވޭނެއެވެ. ޔާމީނަށް މައްސަލައަކީ އަދިވެސް ހަމަ ރިޔާސީ ޓިކެޓެވެ.

މިއަދުގެ ސިޔާސީ ހަގީގަތް ތަފާތެވެ. ރައްޔިތުންގެ ވާހަކަ ތަފާތެވެ. ވޯޓު ދިނީ ޑރ. މުއިއްޒަށެވެ. ރައީސުލްޖުމްހޫރިއްޔާއަކީ އެއީއެވެ. އެ މަނިކުފާނާ ރައްޔިތުންގެ މަތި ކުރީ ފަސް އަހަރުގެ ވެރިކަމެކެވެ. އެ ވެރިކަން ކުރެއްވުމުގެ ފުރިހަމަ މިނިވަންކަން ދޭން ޖެހޭނެ އެވެ.