ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މައްސޫލިއްޔަތުތަކުން ބައްސާމް އަދީލް ޖަލީލް ދުރަށް ޖެހިލައި، އަންނަ ޖެނުއަރީ މަހުގެ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ.
ދާދި ދެންމެއަކު އެފްއޭއެމްގެ މީޑިއާ ގްރޫޕުގައި ހިއްސާކުރެއްވި ބަޔާނެއް މެދުވެރިކޮށް ބައްސާމް ވިދާޅުވީ، އަންނަ އިންތިހާބުގައި އެފްއޭއެމްގެ ރައީސް ކަމަށް ވާދަނުކުރައްވާނެ ކަމަށާއި މި ވަގުތަށް އިންތިހާބުގެ ކަންކަން އޮމާންކޮށް ކުރިއަށް ގެންދަވަން، ނައިބު ރައީސް މަގާމާ ޒިންމާތައް ހަވާލުކުރައްވާފައިވާ ކަމަށެވެ.
"ދިވެހި ފުޓްބޯޅަ އާ ޒައާމަތެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކޭ ހާލު, ކުރިއަށް މި އޮތް އެފްއޭއެމްގެ އިންތިހާބުގައި އަޅުގަނޑު ވާދަނުކުރާނެކަން އިއުލާން ކުރަމެވެ," ބައްސާމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ބައްސާމް ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމަކީ އޭނާގެ އުންމީދެއް ކަމަށާއި، އެކަން ހާސިލުކުރުމަށް ވެސް މަސައްކަތްތަކެއް ކުރި ކަމަށް ބައްސާމް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ އެފްއޭއެމްގައި ހޭދަކުރި ދައުރުގައި އެތައް ކާމިޔާބަކާއި އެތައް ނާކާމިޔާބީއަކާ ކުަރިމަތިލާން ޖެހުނު ކަމަށާއި ފުޓްބޯޅައަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެވިފައިވީނަމަވެސް އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް، ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ. ދާދިފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވީ އެފްއޭއެމްގެ ވެރިންގެ މައްޗަށް މަނީ ލޯންޑަރިން ފަދަ މައްސަލަތަކަށް ތުހުމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ކަމަށާއި، ހެކި ލިބުނުހާ އަވަހަކަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.
އެފްއޭއެމްގެ ތެރޭގައި ތިބި ކްލަބުތަކުގެ އިސް ފަރާތްތައްވެސް ދާދިފަހުން މަގާމުތައް ދޫކޮށްލާފައިވާ އިރު، އެ އިދާރާގެ މިހާރު އޮތް އެކްސްކޯއަށް އިތުބާރު ގެއްލިދާނެ ކަމަށް އޮތީ ބެލެވިފައެވެ.
ބައްސާމް މިއަދު ވިދާޅުވީ ޖެނުއަރީ 31 ގައި ބާއްވަން އޮތް އިންތިހާބަށް މިނިވަން ފުރުސަތެއް ދިނުމަށް، އިންތިހާބީ ކޮމިޓީގެ މައްޗަށް ކަންކަން ހަވާލުކުރައްވާފައިވާ ކަމަށެވެ.
އެފްއޭއެމްއިން މިއަދު އިއުލާނުކޮށްފައިވާ ގޮތުގައި އެފްއޭއެމް އިންތިހާބަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ޑިސެމްބަރު 27 ވަނަ ދުވަހުގެ 13:00 ގެ ކުރިން ލިޔެކިޔުން ހުށަހެޅުމަށް އެފްއޭއެމުން ވަނީ އެދިފައެވެ.
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް