އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް، ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، ފުޓްބޯޅައަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ ބައްސާމް އިސްތިއުފާދިނުން ކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް، ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ. ދާދިފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވީ އެފްއޭއެމްގެ ވެރިންގެ މައްޗަށް މަނީ ލޯންޑަރިން ފަދަ މައްސަލަތަކަށް ތުހުމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ކަމަށާއި، ހެކި ލިބުނުހާ އަވަހަކަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

އެފްއޭއެމްގެ ތެރޭގައި ތިބި ކްލަބުތަކުގެ އިސް ފަރާތްތައްވެސް ދާދިފަހުން މަގާމުތައް ދޫކޮށްލާފައިވާ އިރު، ބައްސާމް މަގާމުން ވަކިކުރުމުގެ ވާހަކަތައް ވަނީ ދެކެވިފައެވެ. އެހެން ނަމަވެސް، އެ މަސައްކަތް އިސްނަގައިގެން ކުރަނީ ކޮން ފަރާތަކުން ކަމެއް އެއްވެސް ބަޔަކު ހާމަކޮށްފައެއް ނުވެއެވެ.

މިއަދު ޓޮމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައްސާމް ފުޓުބޯޅައަށް ހެވެއް އެދޭނަމަ އިސްތިއުފާދެއްވާނެ ކަމަށެވެ.

"އެފްއޭއެމްގެ ރައީސް ބައްސާމުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތްވަނީ ފެށިފައި. ފުޓްބޯޅައަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ އިސްތިއުފާދިނުން،" ޓޮމް ވިދާޅުވިއެވެ.

ޓޮމް ވަނީ މީގެ ކުރިން އެފްއޭއެމްއަށް ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނުކުރައްވައިފައެވެ. ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ޓޮމް އަކީ 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

ރާއްޖޭގައި ކްލަބް އަދި ގައުމީ ފެންވަރުގައި މޮޅަށް ފުޓްބޯޅަ ކުޅުމަށްފަހު ޓޮމް ވަނީ ކުލަބުތައް ހިންގުމުގެ ދާއިރާގައިވެސް ހަރަކާތްތެރިވެފައެވެ. އެގޮތުން ނިއުރޭޑިއަންޓްގެ ޖެނެރަލް ސެކްރެޓަރީކަމާއި އެކުލަބުގެ ތަފާތު މަގާމުތައް އޭނާ ވަނީ ފުރުއްވާފައެވެ. އަދި އަމިއްލަ ރަށް އދ. މަހިބަދުއަށް ނިސްބަތްވާ ކުލަބެއް އުފައްދަވައި، އެ ކުލަބު ތިންވަނަ ޑިވިޝަނުން ފެށިގެން ފުރަތަމަ ޑިވިޝަނާ ހަމައަށް ގެންގޮސްދެއްވިއެވެ. އޭގެ އިތުރުން ކުލަބު އީގަލްސްގެ ވައިސް ޗެއާމަންކަންވެސް ޓޮމް ކުރެއްވިއެވެ.

އޭގެފަހުން އެފްއޭއެމްގެ ރައީސްކަން ޓޮމް ކުރައްވާފައިވާ އިރު، އެ މަގާމުން ޓޮމް ދުރުވާންވެސް ޖެހުނެވެ. އެއީ ބައްސާމް، ޖެނެރަލް ސެކްރެޓަރީ ކަމުން ވަކިކުރުމުގެ މައްސަލައަކާ ގުޅުވައިވެސްގެންނެވެ. ޓޮމްއަށް އެފްއޭއެމް ރައީސްކަން ފުރަތަމަ ގެއްލުނީ މަގާމުގައި އެންމެ ތިން މަސްވީތަނާ އެކްސްކޯގެ ފަސް މެންބަރުން އިސްތިއުފާދިނުމުންނެވެ. އެ މެންބަރުން އިސްތިއުފާ ދިނީ ޓޮމް އެސޯސިއޭޝަން ހިންގަވާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން ކަމަށް ބުނެއެވެ. އޭރު ޖީއެސްގެ މަގާމުގައި ހުންނެވި ބައްސާމް މަގާމުން ވަކިކުރުމުން، އެ މައްސަލައިގައި ފީފާއިން ޓޮމްގެ ނިންމުން އަލުން މުރާޖާކޮށް ބައްސާމަށް ވަޒީފާ ދޭން އެންގިއެވެ.