ޕީޕީއެމް/ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވަން ކުރީގެ ބަންޑާރަ ނައިބު، އާޒިމާ ޝުކޫރު، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމް ހުށަހަޅުއްވައިފިއެވެ.

އާޒިމާ، އީސީއަށް ފޯމު ހުށަހަޅުއްވާފައިވަނީ މިއަދެވެ.

މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާކަން އިއުލާނުކޮށް، އާޒިމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މާލޭ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި ލާމަރުކަޒީ ގާނޫނުން ރާއްޖޭގެ ހިންގުން ބަދަލު ވިޔަސް، ރައްޔިތުންގެ ބޭނުންތަކަށް ބަދަލު ނާންނަ ކަމަށެވެ.

އާޒިމާ ވިދާޅުވެފައިވަނީ ކައުންސިލާއި މޭޔަރުގެ އޮފީހާއި ސަރުކާރާ ދެމެދު އޮތް ޖެއްސުންކުރުމާއި ޒުވާބުގެ ސަބަބުން މާލޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ހިދުމަތްތައް މުޅީންހެން ހުއްޓިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ރައްޔިތުންގެ މުދަލާއި ގެދޮރުގެ ރައްކާތެރިކަމާއި ފުނި ޖެހެމުންދާ އިޖުތިމާއީ އަދި ސިއްހީ މައްސަލަތައް ހިމެނޭ ކަމަށް ވިދާޅުވެފައިވެއެވެ.

"މާލެއަކީ ހަގީގީ މާނައިގައި ދިވެހިރާއްޖޭގެ ވެރިރަށް ގޮތުގައި ތަރައްގީކުރެވޭނެ ގާބިލު، އެކަމަށް އެކަށޭނެ ތެދުވެރި ދިވެހި ދަރިޔަކު މޭޔަރު ކަމަށް އިސްކުރުމަކީ ގްރޭޓާ މާލޭގެ ތަރައްގީއަށާއި ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައިވާނެ،" އާޒިމާ ވިދާޅުވެފައިވެއެވެ.

އާޒިމާ އިތުރަށް ވިދާޅުވެފައިވަނީ އޭނާގެ މޭޔަރުކަމެއްގައި މިހާރު މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ސްޓެރެޓިޖިކް ޕްލޭން ތަންފީޒުކުރައްވާނެ ކަމަށާއި މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

މާލޭގެ މޭޔަރުކަމުގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ މޭޔަރުކަމުގައި ހުންނެވި ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމުންނެވެ.

މޭޔަރުގެ މަގާމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން އާޒިމާ ވާދަކުރައްވާއިރު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އުސްވެ ހުންނަވައި އުފައްދަވާ ޕީޕަލް ނެޝަނަލް ޕްރޮންޓު (ޕީއެންއެފް)ގެ ފަރާތުން މޭޔަރުގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ.