އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީ ބަލިކުރި އިރު، އެސްޓޮން ވިލާއިން އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ސިޓީން ރަށުން ބޭރުގައި 1-0 އިން ބަލިވެފައިވާ އިރު، އެޓީމުން އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. މިދިޔަ ސީޒަނުގައި ޓްރެބަލް ހޯދި ސިޓީ މިވަގުތު ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތީ އެއްވަނައިގައި އޮތް އާސެނަލަށްވެސް ހަ ޕޮއިންޓް ފަހަތުންނެވެ.

މިވަގުތު ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި 15 މެޗުން 36 ޕޮއިންޓާއެކު އާސެނަލް އޮތް އިރު، ލިވަޕޫލް ދެވަނައިގައި އޮތީ 15 މެޗުން 34 ޕޮއިންޓާއެކުގައެވެ. ސިޓީ ބަލިކޮށް ވިލާއިން ތިންވަނައަށް ޖެހިލި އިރު، އެޓީމަށް ވަނީ 15 މެޗުން 32 ޕޮއިންޓް ލިބިފައެވެ. ސިޓީއަށް 15 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ.

ރޭގެ މެޗުގައި ސިޓީގެ ފަރާތުން ފެނުނީ އެވަރެޖް ދަށް ކުޅުމެކެވެ. ވިލާއިން ރަނގަޅަށް ފަށައި ހަމަލާތައް އުފައްދަމުން ދިޔަ އިރު، އެޓީމުން ވަނީ ޖުމުލަ 22 ހަމަލާއެއް ސިޓީ ކައިރިން އުފައްދާފައެވެ. ސިޓީއަށް ވިލާގެ ގޯލަށް އަމާޒުކޮށްލެވުނީ އެންމެ ދެ ހަމަލާއެކެވެ.

ވިލާއިން މެޗުގައި ކުރަމުން ދިޔަ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ 74 ވަނަ މިނެޓުގައި ސިޓީ ކޮޅަށް ގޯލު ޖަހައި ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ ލެއޮން ބައިލޭއެވެ.

ސިޓީން އެންމެފަހުން ކުޅުނު ހަތަރު މެޗުން މޮޅެއް ނުހޯދި އޮތް އިރު، މީގެ ކުރިން އެންމެފަހުން އެ ފޯމަށް ވެއްްޓުނީ 2017 ވަނަ އަހަރުއެވެ. އަދި މިހާތަނަށް ސިޓީން ލީގުގައި ކުޅުނު 15 މެޗުން 17 ގޯލު ކޮޅަށް ވަދެފައިވާ އިރު، މިއީ 2009-10 ވަނަ އަހަރު ސީޒަނަށްފަހު ސިޓީގެ ޑިފެންސިވް ރެކޯޑުވެސް އެހާ ދަށްވި ފުރަތަމަ ފަހަރެވެ.

ޗެލްސީ ކައިރިން ޔުނައިޓެޑް ރޭ މޮޅުވީ ޓީމު ތެރޭގެ ބައެއް މައްސަލަތަކެއްގެ ވާހަކަ މީޑިއާގައި ގަދަވެފައި ވަނިކޮށެވެ. ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގަށް ޑްރެސިން ރޫމްގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށް ބައެއް ނޫސްތަކުން ބުނުމުން، އެ ނޫސްތަކަށް ފިޔަވަޅުވެސް އަޅާފައިވެއެވެ.

އެ ނުތަނަވަސްކަމުގައި އޮތް ޔުނައިޓެޑް، ރޭގެ މެޗުގައި ތަފާތު ރަނގަޅުކޮށް ފެނުނު އިރު، ޗެލްސީ ކައިރީގައި ޑޮމިނޭޓް ކުރިއެވެ. މެޗުގެ ކުރީކޮޅުގައި ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބި، ބްރޫނޯ ފެނާންޑޭޒް އަތުން އެ ޕެނަލްޓީ ނާކާމިޔާބުވި އިރު، އޭގެ ފަހުން އަލެހާންޑްރޯ ގާނާޗޯއާއި އެންތޮނީގެ ހަމަލާތަށްވެސް ގޯލަށް ނުވަދެ ދިޔައީ ކިރިޔާއެވެ.

ޔުނައިޓެޑުން ނުރައްކާ ކުރަމުން ގޮސް، 19 ވަނަ މިނެޓުގައި ލީޑު ނެގީ އަރިމަތިން ކަނޑާލި ހުރަހެއް އޭރިއާ ތެރެއިން ސްކޮޓް މެކްޓިމިނޭ ގޯލަށް ވައްދާލައިގެންނެވެ. އެ ގޯލަށްފަހުވެސް ޔުނައިޓެޑް ނުރައްކާކޮށް ފެނުނު ޗެލްސީން ފުރުސަތު ހޯދީ ކައުންޓާގައެވެ. ނިކޮލަސް ޖެކްސަންއާއި މީހައިލޯ މުޑްރީކަށް ކައުންޓާގައި ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވި އިރު، ހާފު ނިމެން ދަނިކޮށް ޗެލްސީއަށް އެއްވަރުކޮށްދިނީ ކޯލް ޕާމާއެވެ.

އެ ގޯލާއެކު ހިތްވަރެއް ލިބުނު ނަމަވެސް، ދެވަނަ ހާފުގައިވެސް ޗެލްސީ ފެނުނީ ދަށްކޮށެވެ. ފަހަތުން ބޮޑެތި ގޯސްތަކެއް ހަދަމުން ދިޔަ އިރު، ޔުނައިޓެޑް ފެނުނީ ރަނގަޅު އެޓޭކިން ކުޅުމެއް ކުޅެމުންދިޔަތަނެވެ. ނަތީޖާއެއްގެ ގޮތުން ގާނާޗޯގެ ހުރަސް، އޭރިއާ ތެރެއިން ބޮލުން ގޯލަށް ވައްދާލައި، 69 ވަނަ މިނެޓުގައި މެކްޓޮމިނޭ ދެވަނަ ގޯލެއް ޖެހިއެވެ.

މޮޅާއެކު ޔުނައިޓެޑުން ހަވަނައިގައި 15 މެޗުން 27 ޕޮއިންޓާއެކު އޮތް އިރު، ބަލިވި ޗެލްސީ 10 ވަނައިގައި އޮތީ 15 މެޗުން 19 ޕޮއިންޓާއެކުގައެވެ.