އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީއަށް ސުޕަ މެޖޯރިޓީ ކާމިޔާބު ކުރެވޭނެ ކަމަށް ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއީ ސަރުކާރުގެ މަސައްކަތްތައް ފެށިފަހުން، ޕާޓީގެ ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރު ކަމަށެވެ. މިއީ ވަރަށް ރަނގަޅު ފެށުމެއް ކަމަށާއި މިރޭ ބާއްވާ ޕީޕީއެމް/ޕީއެންސީ ސެނެޓް ބައްދަލުވުމަށްފަހު، މުޅި ރާއްޖޭގައި އެ ދެ ޕާޓީ ރުކުރަވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ނަތީޖާއަކަށްވާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެން އެންމެން ޕީޕީއެމްއާ ޕީއެންސީ ގުޅިގެން ރާއްޖޭގައި ކުރިއަތް އޮތް އިންތިހާބުގެ ބޮޑު ނަތީޖާއަކުން، މަޖިލީހުގެ ސުޕަ މެޖޯރިޓީއާ ހަމައަށް އިރާދަކުރެއްވިއްޔާ ކާމިޔާބުކުރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ނަތީޖާއަށް ވާސިލުވުމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި މިހާރުވެސް ގޮންޖެހުންތަކެއް ދިމާވަމުންދާ ކަމަށެވެ. ގޮންޖެހުންތަކުން ހިތްވަރު ލިބިގަންނަންވީ ކުރިއެރުން ހޯދަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ޕީޕީއެމް/ޕީއެންސީގެ އަޒުމަކީ ދީނާއި ގައުމު ކުރިއަރުވައި، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އެ މަސައްކަތުގައި ހުރިހާ ފަރާތްތަކަކާއެކު ގައުމު ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.