ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކުގެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ޕޯޓަލްއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބޭނުންވާ އެކްސަސް ދީފައިވާ ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފްލެޓްތަކުގެ ތަހުގީގު އަވަސްކުރުމަށް ރެއާއި ދުވާލު އެ ކޮމިޝަނުން އެކަމުގެ ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް އެންމެ މުހިންމު ކަމަކީ އެކަމާބެހޭ ފޯމުތައް ވެރިފައިކުރުމަށް ހައުސިން މިނިސްޓްރީގެ ޕޯޓަލްއަށް އެކްސެސްވުން ކަމަށްވާތީ މިނިސްޓްރީގައި އެކަމަށް އެދުނުތާ ދުވަސްތަކެއް ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ފްލެޓް މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް މިއަދު ވިދާޅުވީ، މިއަދާ ހަމައަށްވެސް ހައުސިން މިނިސްޓްރީން ޕޯޓަލްއަށް އެކްސަސް ދީފައިނުވާ ކަމަށެވެ. އެ ތަހުގީގު އަވަހަށް ނިމޭނީ އެ ޕޯޓަލްއަށް އެކްސެސްވެގެން ކަމަށާއި އެ މައްސަލައިގައި ފްލެޓްތަކުގެ ތަހުގީގުގެ މަސައްކަތްތަށް ހުއްޓުން އަރާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕޯޓަލްގެ އެކްސެސް އޭސީސީއަށް ދީފައިނުވާ ކަމަށް އެ ކޮމިޝަންގެ ރައީސް މިއަދު ވިދާޅުވި ނަމަވެސް ހުސްވި ނޮވެމްބަރު މަހުުގެ 27 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ހައިދަރު ވަނީ އޭސީސީއަށް އެކްސެސް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ފްލެޓްތަކުގެ މައްސަލައިގައި މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގައި މިނިސްޓަރަށް ވަނީ އެ ސުވާލުތައް ކުރިމަތިކުރުވައިފައެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އޭސީސީއަށް އެކްސެސް ދީފައިވާ ކަމަށް 27 ނޮވެމްބަރުގައި ބޭއްވި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި މިނިސްޓަރު ވިދާޅުވެފައިވާއިރު، މިއަދާ ހަމައަށްވެސް އެކްސެސް ނުދޭ ކަމަށް އޭސީސީގެ ރައީސް އެ ކޮމިޓީގައި މިއަދު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ދެ ބޭފުޅުންގެ ވާހަކަތަކުގައި ތައާރަޒު ވުމެއް އުޅޭ ކަމަށް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އޭސީސީއަށް އެކްސެސް ދީފައިވާނެ ކަމަށް 27 ނޮވެމްބަރުގައި ދެންނެވުނީ އޮޅުމަކުން ކަމަށެވެ. އަދި ޕޯޓަލްއަށް އެކްސެސްވުމަށް އެދި އޭސީސީން ފޮނުވާފައިވާ ސިޓީގައި ޝަރުތުތަކެއް ހިމަނާފައިވާ ކަމަށާއި އޭގެ ތެރޭގައި އެ ޕޯޓަލަށް މިނިސްޓްރީއަށް އެކްސެސް ނުވެވޭ ގޮތަށްވުމާއި އެ ބޭފުޅުންނަށް ކުރެވެންޖެހޭ ވަކި ކަހަލަ ކަންތައްތަކެއް ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގެދޮރުވެރިޔާ ޕޯޓަލްއަކީ ބަދަލުތަކެއް ގެންނަންޖެހޭ ޕޯޓަލެއް ކަމަށްވާތީ އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާތެރޭގައި އެކަން ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ފްލެޓްގެ މައްސަލަ 20 ދުވަހުގެ ތެރޭގައި އޭސީސީން ބަލައި ނިންމާނެ ކަމަށްވެސް މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އޭސީސީން ބުނީ ޕޯޓަލްއަށް އެކްސެސް ނުދީގެން އެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލައި ނިންމޭނެ ސީދާ މުއްދަތެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް މި މަސް ނިމޭއިރު އެ މައްސަލަ ބަލައި ނިންމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.