މީގެ 43 އަހަރު ކުރިކުރިން ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ހެޑްމާސްޓަރު ކަމުގެ މަގާމުގައި އެއަތޮޅު ވިލިގިލީގައި ހުންނެވީ އިބްރާހިމް ވަހީދެވެ. އައްޑޫ މީދޫ ބޭފުޅެކެވެ. އެ ދުވަސްވަރު އިބްރާހިމް ވަހީދުގެ އިސްނެންގެވުމަކަށް އަތުން ލިޔެގެން މަޖައްލާއެއް ނެރުނެވެ. އެ މަޖައްލާގެ ނަމަކީ "އަދަބީދެވި" އެވެ. މި މަޖައްލާގައި މުސްތަގުބަލުގެ ދުރުމިން، މި މައުޟޫގެ ދަށުގައި ވަރަށް ޝައުގުވެރިކުރަނިވި ޚިޔާލީ ވާހަކައެއް އޭނާ ލިޔުއްވިއެވެ. އެ ވާހަކައިގެ ޚުލާސާއަކީ މިއެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށްފަހު ޖަޕާނުގެ ސައިންސްވެރިޔަކު ރާއްޖެއައެވެ. އޭނާ ދިރިއުޅެން ޚިޔާލުކުރީ ގއ. ވިލިގިލީގެ ކައިރީގައި އޮންނަ ކުޑަކުޑަ ފަޅުރަށެއް ކަމުގައިވާ ބޯއްޑޫގައެވެ. އެރަށުގައި ހުރެގެން މީނާ ކުރިކަމަކީ އެއްވެސް ބަޔަކަށް އެރަށަށް ނޭރޭގޮތަށް ރަށުގެ ވަށައިގެން ލޭޒަރ ދޯދީގެ ރިންގެއް ގާއިމުކުރީއެވެ. މިޒަމާނުގައި ލޭޒަރ ހަތިޔާރު ބޭނުންކުރާ ބީދައިންނެވެ. ދިވެހި ސަރުކާރުގެ ބޭނުމަކަށް މީނާ މާލެގެނެސް ބެހެއްޓީ ގުޅީފަޅުގައި ހުންނަ ދައުލަތުގެ ޚާއްސަ ގެސްޓްހައުސްއެއްގައެވެ.
އޭނާ ހުރީ ޑެކް އަޅާފައިވާ މޫދު ކޮޓަރިއެއްގައެވެ. ގުޅީފަޅަށް ދަނީ މާލެއާ ދެމެދު އަޅާފައިވާ ބުރިޖަކުންނެވެ. ކޮންމެއަކަސް ޑެކްމަތީގައި އެއްދުވަހަކު މީނާ ކޮފީބޯން އިންދައި ކުއްލިއަކަށް ފަޅުގެ ތެރެއިން އުދުއްސައިގެން އައިސް ޑެކްމައްޗަށް ތިރިކޮށްލީ ހެޔޮވަރު ސައިޒެއްގެ ފުޅަންގެކެވެ. މި ފުޅަނގި ނަގަން ގުދުވި ވަގުތު މީނާގެ އެހީތެރިއަކަށް އެތާގައި ހުރި ދިވެހި ޒުވާން އަންހެން ކުއްޖަކުވެސް އެ ބޭނުމުގައި ގުދުވީއެވެ. ދެމީހުންނަށްވެެސް ތެދުވެވުނީ އެކީގައެވެ. އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ އެއްފަހަރާއެވެ. އެހިސާބުން ލޯބިވެސް ވެވުނީއެވެ. މަތިމަތިން ކިޔާ މީހަކަށް މިއީ ދެން މާބޮޑު ވާހަކައަކަށް ނުވެދާނެއެވެ. އެކަމަކު ވިސްނައި ފިކުރުކުރާ މީހަކަށް މިއީ ވަރަށް އާދަޔާ ޚިލާފު ޚިޔާލެއް އުފަންކުރުވާ ވާހަކައެކެވެ. ގުޅީފަޅުގައި ޑެކް އަޅާފައިވާ މޫދު ކޮޓަރިއެއްގެ ވާހަކަ އޭނާ ލިޔުއްވައިފައި އެވަނީ މީގެ 43 އަހަރު ކުރިންނެވެ.
ގުޅީފަޅު ހިއްކުމުގެ ޚިޔާލު ކުރި މީހަކުވެސް އަދި އެއީ ކުރެވޭނެ ކަމެއްކަމަށް ވިސްނި މީހަކުވެސް އޭރަކު ނުހުންނާނެއެވެ. ފަޅުގެ ފުންކަމާއި ތިލަތަނުގެ ހަނިކަމުންނެވެ. ގުޅީފަޅު ހިއްކުމުގެ ޚިޔާލެއް ރަސްމީގޮތުން ކުރެވުނީވެސް އިބްރާހިމް ވަހީދުގެ މި ލިޔުއްވުމަށް 30 އަހަރުވީ ފަހުންނެވެ. ދެންއޮތީ މޫދު ކޮޓަރީގެ ވާހަކައެވެ. ދިވެއްސަކު އެހާތަނަށް ކުރި ޚިޔާލެއްވެސް ނޫނެވެ. ދިވެހިރާއްޖޭގައި އެންމެފުރަތަމަވެސް މޫދުކޮޓަރިތަކެއް އަޅައި މިއީ ކުރެވިދާނެ ކަމެއްކަން ސާބިތުކޮށްދިނީ އިބްރާހިމް ވަހީދުގެ ލިޔުއްވުމަށް ގާތްގަޑަކަށް 25 އަހަރު ފަހުންނެވެ. ގުޅީފަޅާއި މާލެ ގުޅުވައިލުމުގެ ބްރިޖު ހަގީގަތަކަށް ހެދުމުގެ މަސައްކަތް މިހާރު އެދަނީ ކުރިއަށެވެ. އެހެންވީމާ އިބްރާހިމް ވަހީދުގެ މި ލިޔުއްވުމަކީ ހަމަހަގީގަތުގައިވެސް މުސްތަގުބަލުގެ ދުރުމިޔަކުން ދިވެހިރާއްޖެ ބައްލަވައި، އީޖާދީ ވިސްނުންފުޅެއްގެ މަތީގައި ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. އެއީ ކޮންމެވެސް ބަޔަކު ކޮންމެވެސް ފެންވަރެއްގައި ފާހަގަކުރަންޖެހޭނެ ކަމެކެވެ. ޚިޔާލެއް ޚިޔާލަކަށްވަނީ ވަކި މީހަކު ފާޅުކުރީމައެއް ނޫނެވެ.
މީގެ 43 އަހަރު ކުރިން އިބްރާހިމް ވަހީދު އެވަނީ މުޅިން އައު އީޖާދީ ތިން ޚިޔާލެއް ނެރުއްވައި ދިވެހިންގެ ތެރެއަށް އާއްމު ކުރައްވައިފައެވެ. އޭގެތެރެއިން ދެ ޚިޔާލުގައި އެވަނީ ކުލަޖެހިފައެވެ. ގުޅީފަޅާއި މޫދު ކޮޓަރިއެވެ. ގުޅީފަޅަށްވުރެ ކުރިން ތިލަފަޅު އޮތީ ހިއްކައިފައެވެ. އުމަރު ޒާހިރުގެ ވިސްނުންފުޅަކަށެވެ. އެކަމަކު ތިލަފުށިވެސް ވުޖޫދުކުރީ އިބްރާހިމް ވަހީދުގެ ޚިޔާލަށްވުރެ މާފަހުންނެވެ. ތިންވަނަ ޚިޔާލަކީ ބުރިޖުގެ ޚިޔާލެވެ. ތިލަމާލެ ބުރިޖު ހަގީގަތަކަށް އަދިނުވިޔަސް ސިނަމާލެ ބުރިޖު އެއޮތީ ހަގީގަތަކަށް ވެފައެވެ. މިކަންކަން އެއްފަރާތްކޮށްފައި ދިފާއީ ހަތިޔާރެއްގެ ގޮތުގައި ލޭޒަރ ދޯދި ބޭނުންކުރުމުގެ ޚިޔާލަކީ ދުނިޔޭގައި އަދި އޭރު އާއްމުވެފައިވާ ޚިޔާލެއްވެސް ނޫނެވެ. ލޭޒަރ ހަތިޔާރު އުފެއްދުމާއި ލޭޒަރ ބޭނުންކޮށްގެން ދިފާއީ އެކި ރޭވުންތައް ރޭވުން އާއްމުވީ މާފަހަކުންނެވެ. އެގޮތުން އިބްރާހިމް ވަހީދުގެ ލޭޒަރ ދިފާއުގެ ވިސްނުންފުޅުވެސް ދުނިޔޭގެ ފެންވަރު ކަމަށް ބުނަން ޖެހެއެވެ.
އިބްރާހިމް ވަހީދުގެ އީޖާދީ ތަނަވަސް ޚިޔާލުތަކުގެ ވާހަކަ ދައްކާއިރު ފަންނުވެރި އައު ވިސްނުމުގެ ތެރެއަށް ދަރިވަރުން ނެރެވޭތޯ ހެޑްމާސްޓަރެެއްގެ ގޮތުގައި އަދި ޕްރިންސިޕަލެއްގެ ގޮތުގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްވެސް ހިސާބަކަށް ބަލައިލުން މުހިންމެވެ. ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ހެޑްމާސްޓަރަކަށް ހުންނެވިއިރު އިނގިރޭސި ބަހުން ފޫޅުދިގު ހަންޑީގެ ވާހަކަ ލިޔުއްވައި ދަރިވަރުންގެ ޑްރާމާއެއް އިންތިޒާމް ކުރެއްވިއެވެ. އާޓްގެ ފަންނަށް ދަރިވަރުންގެ ޝައުގުވެރިކަން އުފެއްދެވިއެވެ. އިބްރާހިމް ވަހީދުގެ އުފަން ރަށް ކަމުގައިވާ އައްޑޫ މީދޫ ހިދާޔާ ސްކޫލްގެ ކޮންސަލްޓަންޓެއްގެ ގޮތުގައި އެ ސްކޫލްގައި ޖޫލިއަސް ސީޒަރުގެ ޑްރާމާއަކާއި ރާއްޖެ އިސްލާމްވި ހާދިސާއާގުޅޭ ޑްރާމާއެއްވެސް އިންތިޒާމް ކުރެއްވިއެވެ. އެގޮތުން ތާރީޚާއި ފަންނުވެރިކަމުގެ ޝައުގުވެރިކަން ދަރިވަރުންގެ ތެރޭގައި އުފެއްދެވިއެވެ. މިދައްކަނީ ހައްތާވެސް މީގެ ސާޅީސް އަހަރަށްވުރެ ކުރީގެ ކަންކަމުގެ ވާހަކައެވެ. މިބާވަތުގެ ކަންކަމަކީ އޭރު އަތޮޅުތަކުގެ ތެރޭގައި ވަރަށްވެސް އައު ކަންކަމެވެ.
މި ލިޔުން ނިންމައިލުމުގެ ކުރިން އިބްރާހިމް ވަހީދަކީ ކޮންބޭފުޅެއްކަމާއި އޭނާ މިހާރު ކުރައްވަނީ ކޮންކަމެއްތޯ ބަލައިލާނަމެވެ. އުމުރުފުޅުން މިހާރު 76 އަހަރުވީ އިބްރާހިމް ވަހީދު ވަނީ މީގެ އަހަރުތަކެއް ކުރިން ތައުލީމީ ދާއިރާއިން ރިޓަޔަރ ކުރައްވައިފައެވެ. ދިވެހިރާއްޖޭގެ ވަރަށް ގިނަބަޔަކަށް ސިއްހީ ދާއިރާގެ ޚިދުމަތްތެރިންގެ ގޮތުގައި މަރުހޫމް ޑރ. މުހައްމަދު ވަހީދާއި މަރުހޫމް ޑރ. އަބްދު ﷲ ވަހީދު އެނގޭނެއެވެ. ޑރ. މުހައްމަދު ވަހީދަކީ އިބްރާހިމް ވަހީދުގެ ބޭބެއެވެ. ޑރ. އަބްދު ﷲ ވަހީދަކީ އިބްރާހިމް ވަހީދުގެ ކޮއްކޮއެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވުމަށްފަހުވެސް އިބްރާހިމް ވަހީދުގެ ދިރިއުޅުއްވުން އޮތީ އުފަންރަށް މީދޫގައެވެ. އެެރަަށުގެ ތިމާވެއްޓާއި އިޖުތިމާއީ ގުޅުންތަކާބެހޭ އެންމެ ހަރަކާތްތެރި އެންޖީއޯ ކަމަށްވާ ނަލަފެހި ޖަމިއްޔާ ހިންގުމުގެ އެންމެ ކުރީސަފުގައި މިވަގުތު ހުންނެވީވެސް އިބްރާހިމް ވަހީދެވެ. އިބްރާހިމް ވަހީދުގެ ތިއްބެވީ ދެ ފިރިހެން ބޭފުޅުންނެވެ. އެ ދެ ބޭފުޅުންނަކީވެސް އިލްމީ ގާބިލް ޚިދުމަތްތެރިންނެވެ. އެއްބޭފުޅަކީ އެމްއެންޑީއެފްގެ އޮފިސަރެކެވެ.
ތާރީޚު
ތާރީޚު
ތާރީޚު
ތާރީޚު