(8 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރީން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި އެދަރީންނަށް ރިޒުޤު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާވެގެންވާ ކަންތަކެވެ. އަދި اللّــــه ޙުރުމަތްތެރި ކުރައްވައިފައިވާ ނަފުސެއް ޙައްޤަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރެއްވީ ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ." (ســـــورة الأنــعـــام: 151)
ޝައިބާނުވަންހައިގެ ރައީސުން އެބަސްފުޅުތަކަށް ތާރީފުކުރެއްވިއެވެ. ނަމަވެސް އެބޭކަލުން ވިދާޅުވިއެވެ. އަންދުވަހުއްސުރެ އުޅެމުން އަންނަ ޢާއިލީ ދީން ކުއްލިޔަކަށް ދޫކޮށްލައްވާކަށެއް ފަސޭހަފުޅެއް ނޫނެވެ. އަނެއްކާ އަޅުގަނޑުމެން އުޅެމުން މިގެންދަނީ ކިސްރާގެ ނުފޫޒުފޯރާ ހިސާބުގައެވެ. އަޅުގަނޑުމެންނާ ކިސްރާއާ ދެމެދު ވަނީ މުޢާހަދާއެއް ކުރެވިފައެވެ. އަޅުގަނޑުމެން އެހެން ފަރާތެއްގެ ނުފޫޒުގެ ދަށަށް ނުދާން އެ މުޢާހަދާގައިވަނީ ބަޔާންކުރެވިފައެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެބޭކަލުން ތެދުބަސްފުޅުން ވާހަކަ ދެއްކެވީތީ ތަޢުރީފް ކުރެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. "އަރަހުށި މާތް اللّــــه އެކަލާނގެ އެއްކައުވަންތަ ޒާތުފުޅުން އެކަލާނގެ ދީނަށް މަދަދުކުރައްވާނެއެވެ."
(ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى، الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ)
ކުރީންވެސް ދެންނެވިފަދައިން أبـــولــهب ގެ ޖެއްސުންކުރުމާއެކުވެސް ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ރީތި ވަޢުޡު ކޮންމެވެސްބަޔަކު އަޑުއަހައެވެ. އިތުރު ސާހިބާގެ ބަލާޣާތްތެރި އަދި ފަޞާޙަތްތެރި ވާހަކަފުޅުން މީހުންނަށް އަސަރުވެސް ކުރެއެވެ. ނަމަވެސް އެބައިމީހުންގެ ޖާހިލު ޢަޤީދާއާއި، މުސްކުޅި އާދަކާދަ ދޫކޮށްލާކަށެއް ތައްޔާރެއް ނުވެވެއެވެ. އެބައިމީހުންގެ ޤަބީލާއަށް ވަފާތެރިވުމާއި، ސިޔާސީ، އިޖުތިމާޢީ، އިޤުތިޞާދީ މަޞްލަޙަތުތައްވެސް އިސްލާމްދީނުގެ ދަޢުވަތު ގަބޫލުކުރުމަށް ހުރަސްއަޅާތީއެވެ. އެހެންކަމާއެކުވެސް އެކިއެކި ޤަބީލާތަކުގެ ވަކިވަކި ފަރުދުން ވަކާވަކާއަށް އިސްލާމްވަމުންވެސް ދިޔައެވެ. އޭގެތެރޭގައި ضمـــاد بـــن ثـــعــلــبــة އާއި، طـفـيـــل بـــن عــمــــــروالــدّوســـى އާއި أبــــوذرّ الــغِــفـــارى (رضـــــــى اللّــــه عـــنـــــهـــم) ފަދަ ބޭކަލުން ހިމެނިވަޑައިގެންނެވިއެވެ.
މި ތިންބޭކަލުންގެ ތެރެއިން أبــــوذرّ الــغِــفـــارى رضـــــــى اللّــــه عـــنــــه އާއި ضمــاد بـــن ثـــعــلــبــة رضـــــى اللّــــه عــنـــــه ގެ ވާހަކަ އަޅުގަނޑު ވަނީ އިސްވެދިޔަތާނގައިވެސް ކޮންމެވެސްވަރަކަށް ބަޔާންކޮށްފައެވެ. ضمــاد رضـــــى اللّــــه عــنـــــه އާއި طـفـيـــل رضـــــى اللّــــه عــنـــــه އާ ބެހޭގޮތުން އަދިވެސް ކޮންމެވެސްވަރަކަށް އިތުރުކޮށްލާނަމެވެ.
ضمــاد رضـــــى اللّــــه عــنـــــه އަކީ ޔަމަންކަރައިގެ ބޭކަލެކެވެ. އެކަލޭގެފާނަކީ އަޒްދު ޝަނޫއާ ވަންހައިގެ ބޭކަލެކެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޒަމާންވީ ރަޙްމަތްތެރީންކުރެ އެއްބޭކަލެކެވެ. ޖާހިލިއްޔަ ޒަމާނުގައި އެކަލޭގެފާނަކީ ބޭސް ފަންޑިތަ ހައްދަވައި މީހުންނަށް ޖިންނީންގެ އުނދަގޫތައް ދުރުކޮށްދެއްވާން މަންތަރު ހައްދަވައި އުޅުއްވި ބޭކަލެކެވެ. ސާހިރެކެވެ. ނަބަވީ ދައުރުގައި އެކަލޭގެފާނު އެއްދަތުރުފުޅަކު މައްކާއަށް ވަޑައިގެންނެވުމުން މައްކާގެ މީހުން އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވަނީ ދުނިޔެއިން މޮޔަފުޅުވެފައެވެ. އެމާތް ސާހިބާޔަށްވަނީ ޖިންނިޔެއް އަވަލައިފައެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ފަހަތްޕުޅުން މީހުންތައް އަޅައިގަނެގެން ހިނގައި އުޅޭތަންވެސް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. ضمــاد ގެ ހިތްޕުޅަށް އެރިއެވެ. "އަހަރެން އެކަލޭގެފާނުގެ އަރިހަށް ނުދާންވީ ކީއްވެގެންހެއްޔެވެ؟ اللّــــه އަހަރެންގެ އަތްމަތީގައި އެކަލޭގެފާނަށް ޝިފާ ދެއްވުމަކީ ދުރުކަމެއް ނޫނެވެ." އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. އެހެން ހިތަށް އެރުމުން އަހަރެން އެކަލޭގެފާނާ ބައްދަލުކޮށްފީމެވެ. އަހަރެން ދެންނެވީމެވެ. އޭ محــمّــــد އެވެ. (صــلّـــــى اللّــــه عــلـيــــه وســلّـــــم) އަޅުގަނޑު ޖިންނި ދުރުކުރުމަށްޓަކައި ފަންޑިތަހަދައި އުޅެމެވެ. ކަލޭގެފާނު އެކަމަކަށް ބޭނުންފުޅެއް ނޫންތޯއެވެ. އިތުރު ސާހިބާ ޖަވާބުގައި ވިދާޅުވިއެވެ. އިހަށް އަޅުގަނޑުގެ ކިބައިން އަޑުއައްސަވާށެވެ. އެއަށްފަހު ވިދާޅުވިއެވެ.
إِنَّ الْحـَــمْــدَ لِـلَّـــه، نَـحْـمَــدُه وَنَسْــتَــعِــيْــنُـــه، مَــــنْ يَــهْــدِهِ اللَّــــهُ فَــلاَ مُـضِـــلَّ لَــهُ، وَمَــــنْ يُـضْـــلِـلْ فَــلاَ هــاَدِيَ لَــهُ، وَاَشْـهَــدُ اَنْ لاَاِلَــــهَ اِلاَّ اللَّـــهُ وَحْــــدَه لاَ شَــــرِيْــكَ لَــهُ، وَاَشْـهَــدُ َأَنَّ مُـحَــمَّــــدٌا عَـــبْــدُ اللَّـــهِ وَرَسُـــــولُـــهُ،
ހަމަކަށަވަރުންވެސް ހުރިހައި ތަޢުރީފެއްހުރީ اللّــــه سبحـــانــــه وتــعــــالــــى އަށެވެ. އަހުރެން އެކަލާނގެ ރަސްކަންފުޅަށް ޙަމްދުކޮށް ސަނާ ދަންނަވަމެވެ. އެކަލާނގެ ޙަޟުރަތުން މަދަދާއި ވާގި އެދެމެވެ. އެކަލާނގެ ތެދުމަގު ދައްކަވައިފި މީހަކު މަގުފުރެއްދޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އެކަލާނގެ މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދެއްކޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަހުރެން ހެކިވަމެވެ. އެކަލާނގެ ރަސްކަންފުޅު މެނުވީ އަޅުކަންކުރުން ޙައްޤުވެގެންވާ އެއްވެސް ފަރާތެއް ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެ ރަސްކަންފުޅަށް ބައިވެރިޔަކު ނުވެއެވެ. އަހުރެން ހެކިވަމެވެ. محــمّــــد (صــلّـــــى اللّــــه عــلـيــــه وســلّـــــم) އަކީ އެކަލާނގެ އަޅާއެވެ. އަދި ރަސޫލާއެވެ."
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ވާހަކަފުޅުގައިވާ ޖާދޫއެއްފަދަ ބަލާޣަތުގެ "ސިހުރު" ގައި ضمــاد ޖެހިވަޑައިގެންފިއެވެ. ކައުނަބިއްޔާގެ މިބަސްފުޅުތައް ހިމެނުނީ ضمــاد ގެ ހިތްޕުޅަށް ނޫރާނީ އިންޤިލާބެއް އައުމުގެ ސަބަބެއްކަމުގައެވެ. އެކަލޭގެފާނު ކައުސާހިބާގެ އަރިހުން އެބަސްފުޅުތައް ތަކުރާރުކޮށްދެއްވާން އެދިވަޑައިގެންނެވިއެވެ. ތަކުރާރުކުރައްވައި އެކަމަށް އެދިވަޑައިގެންނެވިއެވެ. އެހެންކަމުން އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ތިންފަހަރު އެބަސްފުޅުތައް ތަކުރާރުކޮށްދެއްވިއެވެ. ضمــاد ވިދާޅުވިއެވެ. އަޅުގަނޑު ބައިޢަތު ހިފުމަށްޓަކައި ކަލޭގެފާނުގެ އަތްޕުޅު ދައްކަވާށެވެ. ضمــاد رضـــــى اللّــــه عــنـــــه ކައުނަބިއްޔާގެ އަތްޕުޅުމައްޗަށް ބައިޢަތު ހިއްޕަވައި އިސްލާމީ ތަޙްރީކުގައި ބައިވެރިވެވަޑައިގެންފިއެވެ.
طـفـيـــل بـــن عــمــــــروالــدّوســـى رضـــــى اللّــــه عــنـــــه
طـفـيـــل رضـــــى اللّــــه عــنـــــه އިސްލާމްވެވަޑައިގެންނެވުމަކީވެސް އިސްލާމްދީން ފެތުރުނީ އިންސާނީ ހިތްތަކަށް އެދީން ފޯރުވި ހެޔޮކަމުގެ އަސަރުގެ ސަބަބުންކަމުގެ އަލިގަދަ ދަލީލެކެވެ. ސަހްޔޫނީންނާއި ޞަލީބީންގެ އޮރިއެންޓަލިސްޓުން އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރުގައި ކަމުގައި ބުނެ ފަތުރާ ދޮގު ޕްރޮޕެގެންޑާތަކަކީ ޙަޤީޤަތެއް ނޫންކަމުގެ އަލިގަދަ ދަލީލެކެވެ.
طـفـيـــل رضـــــى اللّــــه عــنـــــه އަކީ ޖާހިލިއްޔަ ޒަމާނުގެ ވިސްނުންފުޅު ތޫނު ޝާޢިރެކެވެ. އެޒަމާނުގެ ނިސްބަތުން އަރައިހުންނެވި مـفـكّــــر އެކެވެ. އެކަލޭގެފާނަކީ دوس ވަންހައިގެ ރައީސެކެވެ. دوس ވަންހައިގެ މީހުން ދިރިއުޅުނީ ޔަމަނުކަރައިގެ އައްސޭރިފަށުގައެވެ. އެހިސާބުގަނޑުގެ ވެރިކަންއޮތީ دوس ވަންހަޔަށެވެ. އެހެންކަމުން އެކަލޭގެފާނަށްވަނީ މަޢުލޫމާތު މުއްސަނދިފުޅުކަމާއި ޢިލްމީ ޤާބިލިއްޔަތުގެ އިތުރަށް ވެރިކަމުގެ އާރާއި ބާރާއި ފުރަދާނަކަމުގެ ޝަރަފުވެސް ލިބިވަޑައިގެންފައެވެ. ނަބީކަމުގެ އެގާރަވަނަ އަހަރު އެކަލޭގެފާނު އަމިއްލަފުޅު ބޭނުންފުޅެއްގައި މައްކާއަށް ވަޑައިގެންނެވިއެވެ. قـــــريـش ން އެކަލޭގެފާނާ އިސްތިޤްބާލުކޮށް ކަމޭހިތައި މެހްމާންދާރީ އަދާކުރިއެވެ. قـــــريـش ން އެއަށްފަހު އެކަލޭގެފާނަށް ދެންނެވިއެވެ.
"އޭ طـفـيـــل އެވެ. ކަލޭގެފާނު މިފަހަރު މިރަށަށް ތިޔަވަޑައިގެންނެވީ އަޅުގަނޑުމެންނަށް ވަރަށްބޮޑު ހައިޖާނުގަނޑެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައެވެ. އަޅުގަނޑުމެންގެ ތެރެއިން ނުކުމެގެން މިއުޅޭ މީހަކުވަނީ އަޅުގަނޑުމެންގެ ޖަމާޢަތުގެ ހީރަސްކަނޑައި ވިއްސިވިހާލިކޮށްފައެވެ. އޭނާގެ ވާހަކަތަކުގައި ޖާދޫއެއްގެ އަސަރު ހުރެއެވެ. މީހުން އެބައިމީހުންގެ މައިންބަފައިންނާ ވަކިހިލޭކޮށްލައެވެ. އަޚުން އުޚުތުން އެކަކު އަނެކަކާ ދުޝްމިނުކުރުވައެވެ. ދެމަފިރިން ވަކިކުރުވައެވެ. އަޅުގަނޑުމެން ބިރުގަންނަނީ އަޅުގަނޑުމެންނާ ކުރިމަތިވެފައިމިވާ މުޞީބާތް ކަލޭގެފާނަށާއި ކަލޭގެފާނުގެ ޤައުމަށްވެސް ކުރިމަތިވެދާނެތީއެވެ. ވީމާ ކަލޭގެފާނު އެމީހާއާ އެއްގޮތަކަށްވެސް ވާހަކަފުޅު ނުދައްކަވާށެވެ. އޭނާގެ ވާހަކަ އެއްގޮތަކަށްވެސް އަޑުނާއްސަވާށެވެ."
طـفـيـــل ވިދާޅުވެފައިވެއެވެ. "قـــــريـش ން ހުއްޓާނުލައި އަހަންނަށް އެބާވަތުގެ ވާހަކަތައް ކިޔައިދެމުން ގެންދިޔައެވެ. އެންމެފަހުން އަހަރެން އެކަލޭގެފާނުގެ (محــمّــــد صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ) އެއްވެސް ވާހަކަފުޅެއް އަޑުނާހާން ޢަޒުމް ކަނޑައަޅައިފީމެވެ. އެކަލޭގެފާނާ (صــلّـــــى اللّــــه عــلـيــــه وســلّـــــم) ވާހަކަ ނުދައްކާންވެސް ނިންމައިފީމެވެ. އެހެންވެ އަހަރެން ކޮންމެދުވަހަކު ހެނދުނު ޙަރާމްފުޅުގެ ތެރެޔަށްދާއިރު ހުންނަނީ ދެކަންފަތަށް ކަފަޖަހައިގެންނެވެ. އެކަމަކު މާތް اللّــــه އެދިވޮޑިގެންވަނީ އެކަލާނގެ ރަސޫލާގެ ބައެއް ވާހަކަފުޅުތައް އަހަންނަށް އަޑުއިއްވަވާށެވެ. އެހެންކަމުން އެއްދުވަހަކު އަހަންނަށް އެކަލޭގެފާނުގެ ވާހަކަފުޅު އަޑުއިވިއްޖެއެވެ. އެވާހަކަފުޅުތައް އަހަރެންގެ ގާތުގައިވީ ވަރަށް ރަނގަޅުވި ވާހަކަފުޅުތަކެއް ކަމުގައެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަހަންނާމެދު އަހަރެންގެ މަންމަ ކަރުނަ އަޅުއްވާނެއެވެ. ކަލާނގެ ރަޙްމަތްފުޅުން އަހަރެންނަކީ މީހުން ދައްކާ ވާހަކައިގެ ފޭރާން ހުންނަގޮތް ވަޒަންކޮށް ރަނގަޅު ނުރަނގަޅު އޮޅުންނުފިލާވަރުގެ އަނދޮޅު މީހަކީމެއް ނޫނެވެ. އަހަންނަކީ ޝާޢިރަކީމެވެ. އަހަންނަށް ރަނާއި ލޮއި ވަކިކުރަން އެނގޭނެއެވެ. ކަންމިހެން ހުރިއިރު އަހަރެން އެކަލޭގެފާނުގެ (صــلّـــــى اللّــــه عــلـيــــه وســلّـــــم) ވާހަކަފުޅު އަޑުއަހާނަމެވެ. ރަނގަޅު ވާހަކަފުޅެއް ކަމުގައިވާނަމަ ޤަބޫލުކުރާނަމެވެ. ކަމުނުދާ ވާހަކަފުޅެއް ކަމުގައިވާނަމަ ދޫކޮށްލާނަމެވެ. އެގޮތަށް ޢަޒުމު ކަނޑައަޅައިގެން އަހަރެން މަޑުކޮށްލައިފީމެވެ. އެކަލޭގެފާނު ގެކޮޅަށް ވަޑައިގަންނަވާން ފެށްޓެވުމުން އަހަރެން ފަހަތްޕުޅުން ހިނގައްޖައީމެވެ. އެކަލޭގެފާނު ގެކޮޅަށް ވަދެވަޑައިގެންނެވުމުން އަހަރެންވެސް ފަހަތްޕުޅުން އެތެރެޔަށް ވަދެއްޖައީމެވެ. އަހަރެން ތަޢާރުފުވެފައި އަހަންނަށް އެކަލޭގެފާނުގެ (صــلّـــــى اللّــــه عــلـيــــه وســلّـــــم) އަރިހަށް އާދެވުނުގޮތުގެ ވާހަކަވެސް ދަންނަވައިފީމެވެ. އަހަރެން މައްކާއަށް އައުމުން قـــــريـش ން އަހަރެން ބިރުގަންނަވާން ދެއްކި ވާހަކަތައްވެސް ދެންނެވީމެވެ. އެއަށްފަހު ދެންނެވީމެވެ. "ކަލޭގެފާނުގެ ވާހަކަފުޅުތައް ކަލޭގެފާނު އަޅުގަނޑަށް ވިދާޅުވެދެއްވުން އެދެމެވެ."
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް