ދިވެހިރާއްޖޭގެ ރަސްމީ ތައުލީމީ ނިޒާމުގެ އެންމެ ބޮޑު އިމުތިހާނު ފެށިގެން ހިނގަމުންދަނީ އެވެ. މިފަހަރު ޖީސީއީ އޯލެވެލް އިމުތިހާނުގައި 8000 (އަށް ހާސް) ދަރިވަރުން ބައިވެރިވެއެވެ.

ދިވެހިރާއްޖޭގައި ޖީސީއީ އޯލެވެލް އިމުތިހާނު ބޭއްވޭތާ 60 އަހަރު ވަނީއެވެ! މިއަހަރަކީ 59 ވަނަ އަހަރެވެ.

1960ގެ އަހަރުތަކުގައި ރާއްޖޭގައި ރަސްމީގޮތުން އިނގިރޭސި ތައުލީމު ފެށުން ހިމެނުނީ ރާއްޖޭގެ ތައުލީމީ ތަރައްގީގެ އެންމެ ބޮޑު އިންގިލާބީ ކުރިއެރުން ކަމުގައެވެ. އެއިގެ ފަހުން ރާއްޖެއަށް ލިބުނު ހުރިހާ ކުރިއެރުމެއް އަދި މެދުފަންތީގެ މީހުންނަށް ނުވަތަ އާންމު ރައްޔިތުންނަށް ސިޔާސީ އިޖުތިމާއީ އިގުތިސާދީ މައިދާނުގައި ކުރިއަށް ދިއުމުގެ މަގުފަހިވީ މިކަމުގެ ސަބަބުން ކަމުގައެވެ. ބޮޑުވަޒީރު އަދި ވަޒީރުލް މަޢާރިފް ޞާޙިބުއްދައުލަތު (ދައުލަތުގެ މަތިވެރި ސާހިބު) ޞ.ދ. ނާޞިރުގެ އެންމެ އަގުހުރި ގައުމީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދިވެހިރާއްޖޭގައި ދެވަނައަށް ބޭއްވުނު ޖީސީއީ އޯލެވެލް އިމުތިހާނު 7 ދަރިވަރުން ފުރިހަމަކުރި ---

ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީގޮތުން ޖީ.ސީ.އީ އޯލެވެލް ހެދުމުގެ ރެކޯޑު ވަނީ އަމީނިއްޔާއަށެވެ. އަންހެން ދަރިވަރުންނަށެވެ. އެއީ ޖަނަވަރީ 1967ގައެވެ. އެ ފަޚުރުވެރި ދަރިވަރުންނަކީ، 1- ލަޠީފާ އަޙްމަދު ގ. ގުލްދަސްތާގެ، 2- އަނީސާ އަޙްމަދު މ. އުނިމާގެ، 3- ޙައްވާ ޤާސިމް ހ. ސަންރޭ، 4- ފާޠިމަތު ދީދީ ހ. ހަރުމަލުގެ، މިއެވެ. ހުރިހާ މާއްދާއަކުން ލަޠީފާ އަޙްމަދު ފާސްވިއެވެ.

މަޖީދިއްޔާ ދަރިވަރުން، ފިރިހެން ކުދިން ޖީ.ސީ.އީ. އޯލެވެލް ހެދީ އެ އަހަރުގެ ޖޫންގައެވެ. ޖޫން 1967ގައެވެ. އެންމެ ފުރަތަމަ ޖީ.ސީ.އީ. އޯލެވެލް ހެދި މަޖީދިއްޔާ ދަރިވަރުންނަކީ، 1- އިބްރާހީމް މޫސާ ފުޅު ހ. ރޭލައިޓް، 2- މައިޒާން އާދަމް މަނިކު ހ. މައިޒާންދޮށުގެ، 3- ޢަބްދުއްރަޝީދު ޙުސައިން ހ. ގިރިތެރޭގެ، 4- އާދަމް އިބްރާހީމް މ. އަސްރަފީގެ، 5- އަޙްމަދު އިސްމާޢީލް ހ. ރޯނުގެ، 6- ޝަހީމް ރާޟީ މއ. ސަތަރުގެ، 7- ޢަލީ އާދަމް މަނިކު ހ. ކީރަންމާގެ، މިއެވެ.

މަޖީދިއްޔާއާއި އަމީނިއްޔާގެ ތައުލީމަށް އެންމެ ބޮޑު އިންގިލާބީ ބަދަލުތަކާއި ޒަމާނީ ކުރިއެރުން ގެނެސްދެއްވީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާގެ ބޮޑުވަޒީރު ކަމުގައެވެ. ސީދާ އެމަނިކުފާނުގެ މޭސްތިރިކަމާއި ބެއްލެވުމުގެ ދަށުންނެވެ. މިހަގީގަތްތައް އެނގިފާޅުވެގެންވެއެވެ. މިކަންކަން ފެނިވަޑައިގެންނެވި، ދެކެވަޑަައިގެންނެވި ގިނަ ބޭފުޅުން އެބަތިއްބެވިވެސް މެއެވެ.

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.