(12 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
އަހަރެންގެ ހިތަށް އެރިއެވެ. އަހަންނާމެދު އަހަރެންގެ މަންމަ ކަރުނަ އަޅުއްވާނެއެވެ. ކަލާނގެ ރަޙްމަތްފުޅުން އަހަރެންނަކީ މީހުން ދައްކާ ވާހަކައިގެ ފޭރާން ހުންނަގޮތް ވަޒަންކޮށް ރަނގަޅު ނުރަނގަޅު އޮޅުންނުފިލާވަރުގެ އަނދޮޅު މީހަކީމެއް ނޫނެވެ. އަހަންނަކީ ޝާޢިރަކީމެވެ. އަހަންނަށް ރަނާއި ލޮއި ވަކިކުރަން އެނގޭނެއެވެ. ކަންމިހެން ހުރިއިރު އަހަރެން އެކަލޭގެފާނުގެ (صــلّـــــى اللّــــه عــلـيــــه وســلّـــــم) ވާހަކަފުޅު އަޑުއަހާނަމެވެ. ރަނގަޅު ވާހަކަފުޅެއް ކަމުގައިވާނަމަ ޤަބޫލުކުރާނަމެވެ. ކަމުނުދާ ވާހަކަފުޅެއް ކަމުގައިވާނަމަ ދޫކޮށްލާނަމެވެ. އެގޮތަށް ޢަޒުމު ކަނޑައަޅައިގެން އަހަރެން މަޑުކޮށްލައިފީމެވެ. އެކަލޭގެފާނު ގެކޮޅަށް ވަޑައިގަންނަވާން ފެށްޓެވުމުން އަހަރެން ފަހަތްޕުޅުން ހިނގައްޖައީމެވެ. އެކަލޭގެފާނު ގެކޮޅަށް ވަދެވަޑައިގެންނެވުމުން އަހަރެންވެސް ފަހަތްޕުޅުން އެތެރެޔަށް ވަދެއްޖައީމެވެ. އަހަރެން ތަޢާރުފުވެފައި އަހަންނަށް އެކަލޭގެފާނުގެ (صــلّـــــى اللّــــه عــلـيــــه وســلّـــــم) އަރިހަށް އާދެވުނުގޮތުގެ ވާހަކަވެސް ދަންނަވައިފީމެވެ. އަހަރެން މައްކާއަށް އައުމުން قـــــريـش ން އަހަރެން ބިރުގަންނަވާން ދެއްކި ވާހަކަތައްވެސް ދެންނެވީމެވެ. އެއަށްފަހު ދެންނެވީމެވެ. "ކަލޭގެފާނުގެ ވާހަކަފުޅުތައް ކަލޭގެފާނު އަޅުގަނޑަށް ވިދާޅުވެދެއްވުން އެދެމެވެ."
"އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަހަންނަށް އިސްލާމީ ދަޢުވަތު ހުށަހަޅުއްވައިދެއްވިއެވެ. އެއަށްފަހު ކީރިތި قــــــرآن ކިޔަވައިވިދާޅުވެ ދެއްވިއެވެ. މާތް اللّــــه ގަންދެމެވެ. އެއަށްވުރެ ބަލާޣަތްތެރި، އެއަށްވުރެ ރަނގަޅު އެއަށްވުރެ އިންސާފުވެރި ވާހަކަފުޅުތަކެއް އެހައިތަނަކަށް އަހަރެންގެ ކަންފަތަކަށް އަޑުއިވިފައެއްނެތެވެ. އެހެންކަމުން އަހަރެން އިސްލާމްދީން ޤަބޫލުކޮށްފީމެވެ. ޙައްޤުގެ ދަޢުވަތު ޤަބޫލުކޮށް އެކަމަށް ހެކިވެއްޖައީމެވެ. އެއަށްފަހު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހުގައި ދަންނަވައިފީމެވެ. "އަޅުގަނޑުގެ ޤައުމުގައި އަޅުގަނޑުގެ ބަސްވިކެއެވެ. އަޅުގަނޑު އެނބުރި އެބައިމީހުންގެ ގާތަށް ދާނަމެވެ. އެބައިމީހުންނަށް އިސްލާމްދީނަށް ދަޢުވަތު ދޭނަމެވެ. ވީމާ އަޅުގަނޑަށް ކޮންމެވެސް ނިޝާނެއް ދެއްވާތޯ ކަލޭގެފާނު މާތް اللّــــه އަށް ދުޢާކޮށްދެއްވުން އެދެމެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަހަރެންގެ ޙައްޤުގައި ދުޢާކޮށްދެއްވިއެވެ."
އަރަހުށި މާތް اللّــــه، طـفـيـــل رضـــــى اللّــــه عــنـــــه އަށް ނިޝާނެއް ދެއްވިއެވެ. އެކަލޭގެފާނު އެނބުރި ޤައުމުގެ މީހުންގެ ގާތަށް ވަޑައިގެންނެވިއިރު އެބައިމީހުން ދިރިއުޅޭ ސަރަޙައްދާ ކައިރިޔަށް ވަޑައިގެންނެވުނީ ރޭގަނޑެއްގެ އަނދިރިކަމުގައެވެ. އެކަލޭގެފާނަށް އެހިސާބަށް ވަޑައިގެންނެވުނުތަނާ އެކަލޭގެފާނުގެ ދެލޯފުޅު ދެމެދުން ނޫރެއް ފައުޅުވެއްޖެއެވެ. އެވަގުތު طـفـيـــل رضـــــى اللّــــه عــنـــــه ދުޢާކުރެއްވިއެވެ. "އޭ اللّــــه އެވެ. މޫނުފިޔަވައި އެހެން ކޮންމެވެސް ތަނެއްގައި ތިޔަ ނޫރު ލައްވައިފާނދޭވެ! އެހެންނޫނީ މީސްތަކުން ދެކޭނީ މިއަޅާއަކީ ދެލޯ ދެމެދުގައި ވޮށެއް ދިއްލިފައިވާ އަޖާއިބެއްކަހަލަ މީހަކު ކަމުގައެވެ." އެކަލޭގެފާނުގެ ދުޢާފުޅާ ވިދިގެން އެކަލޭގެފާނުގެ ހަންމުށިކޮޅުގެ މުށްގަނޑަށް އެ ނޫރު ބަދަލުވެއްޖެއެވެ.
طـفـيـــل ރަށަށް ވަޑައިގެން އެކަލޭގެފާނުގެ ބައްޕާފުޅަށާއި އަނބިކަނބަލުންނަށް އިސްލާމްދީނަށް ދަޢުވަތު ދެއްވިއެވެ. އެދެބޭފުޅުންވެސް އިސްލާމްވެވަޑައިގެންފިއެވެ. ޤައުމުގެ މީހުންނަށް ދަޢުވަތު ދެއްވުމުން މަދުބަޔަކު އިސްލާމްވި ކަމުގައިވިޔަސް ޢާންމުކޮށް ގިނަމީހުން އިސްލާމްވުން ލަސްވެއްޖެއެވެ. طـفـيـــل رضـــــى اللّــــه عــنـــــه އަނެއްކާވެސް މައްކާއަށް ވަޑައިގެންނެވިއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ފައިވާންފުޅު ދެކެވަޑައިގެން ދައްސުވަންހައިގެ މީހުންނަށް ތެދުމަގު ދައްކަވާތޯ ދުޢާކޮށްދެއްވާން އެދިވަޑައިގެންނެވިއެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެކަލޭގެފާނު އެދިވަޑައިގެންނެވިގޮތަށް ދުޢާކޮށްދެއްވިއެވެ. طـفـيـــل رضـــــى اللّــــه عــنـــــه އަނެއްކާވެސް ޤައުމުގެ މީހުންގެ ގާތަށް އެނބުރިވަޑައިގެން އެކަލޭގެފާނުގެ މަސައްކަތްޕުޅުގައި ދެމިހުންނެވިއެވެ. އެކަލޭގެފާނު މަދީނާއަށް ހިޖްރަކުރެއްވީ ޚަންދަޤު ހަނގުރާމަޔަށް ފަހުގައެވެ. (ބައެއް ރިވާޔަތްތަކުގައިވާގޮތުން ޚައިބަރު ހަނގުރާމަޔަށްފަހުގައެވެ.) އެކަލޭގެފާނުގެ އަރިހުގައި دوس ވަންހައިގެ ހަތްދިހަ ނުވަތަ އައްޑިހަ ޚާންދާނުގެ މީހުން އިސްލާމްވެގެން ހިޖްރަޔަށް އައެވެ. طـفـيـــل بـــن عــمــــــرو رضـــــى اللّــــه عــنـــــه އަކީ އިސްލާމްދީނަށް ނުހަނު މަތިވެރި ޚިދުމަތްތަކެއް ކުރެއްވި ދަރަޖަމަތިވެރި ޞަޙާބީއެކެވެ. އެކަލޭގެފާނު ޝަހީދުވީ مُسَيـلـمـة الـكـذّاب އާ ދެކޮޅަށް މުސްލިމުންކުރި ހަނގުރާމައެއްކަމުގައިވާ ޔަމާމާގެ ހަނގުރާމައިގައެވެ. (الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ، ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު: ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر)
އިސްލާމީ ތަޙުރީކާ އެންމެބޮޑަށް ގުޅެނީ ޔަޘްރިބުގެ ވައިފެނެވެ.
އިސްލާމީ ތަޙުރީކު ފެށުނީ މާތްވެގެންވާ މައްކާއިންނެވެ. ނަމަވެސް އެދަޢުވަތުގެ މަލަސް ރޯވެ ހެދިފޯދި އާލާވެ ޙިމާޔަތްލިބި ނަޞްރުވެރިވުމުގެ މަގާމެއްކަމުގައި ތަޤުދީރުގައި ލިޔުއްވިފައިވަނީ ނޫރުލެއްވިގެންވާ މަދީނާއެވެ. އެހެންކަމުން ކައުސާހިބާގެ صــلّـــــى اللّــــه عــلـيــــه وســلّـــــم ޚާއްޞަގޮތެއްގައި އެމާތް ސާހިބާގެ މަސައްކަތްޕުޅު ޔަޘްރިބަށް އަމާޒުކުރައްވާން ފެށްޓެވިއެވެ.
ޝައްކެއްނެތެވެ. އިތުރު ސާހިބާ ޤުރައިޝުންނާމެދުވެސް އުންމީދު ކަނޑުއްވައެއް ނުލައްވައެވެ. ޤުރައިޝުންގެ ދެކޮޅުވެރިކަމާއި ހިތްހަރުކަމާއި އަނިޔާވެރިކަމާއި އުނދަގޫބޮޑުކަމާއެކުވެސް އެބައިމީހުންނާމެދު މާޔޫސްވެވަޑައެއް ނުގަންނަވައެވެ. މާޔޫސްވުމަކީ އެމާތް ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ދީނުގައި ޙަރާމްކަމެކެވެ. ނަމަވެސް އިތުރު ސާހިބާގެ ދުރުވިސްނިވަޑައިގަތުމާއި ތަނަވަސް ފިކުރުފުޅުން ޔަގީންވެވަޑައިގެންފައިވަނީ މައްކާއާއި މައްކާގެ ވަށައިގެންހުރި ޤަބީލާތައް އިސްލާމްދީނަށް ބޯލަނބާން އިތުރު ވަގުތު ބޭނުންވާނެކަމެވެ. ދަޢުވަތުގެ ހަރަކާތް ވަރުގަދަކުރައްވާންވީ މަދީނާގެ މުޝްރިކް ޤަބީލާތަކަށް އަމާޒުކުރައްވައިގެންކަމެވެ. އިސްލާމްދީނުގެ ރަޙުމަތުގެ ބަގީޗާގެ ނާސަރީއަކަށް ހެއްދެވޭތޯ މަސައްކަތްޕުޅު ކުރައްވާންވީ މަދީނާކަމެވެ. އެހެންކަމުން އިތުރު ސާހިބާ މަދީނާއަށް އިސްކަންދެއްވާން ފެށްޓެވިއެވެ. ޙައްޖަށާއި ޢުމުރާއަށާއި އެނޫންވެސް ބޭނުންތަކުގައި މަދީނާއިން މައްކާއަށް އަންނަ މީހުންނަށް އިހުނަށްވުރެ ބޮޑަށް ސަމާލުކަންދެއްވާން ފެށްޓެވިއެވެ. ފަހުގެ ތާރީޚުން ސާބިތުވެފައިވާ ފަދައިން އިތުރު ސާހިބާގެ ވިސްނުންފުޅަކީ ސީދާވިސްނުންފުޅެކެވެ. އެ މާތް ސާހިބާ ކަނޑައެޅުއްވި އަމާޒުފަތްގަނޑު ރަނގަޅެވެ. އެ ނިންމެވުމަކީ އެންމެ މުނާސަބު އެންމެ ބުއްދިވެރި ނިންމެވުމެވެ.
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم މިއަމާޒަށް ފެއްޓެވި މަސައްކަތްޕުޅުގެ އެންމެފުރަތަމަ ކާމިޔާބަކީ سُـــويــد بـــن الـصّــامِـت رضـــــى اللّــــه عــنـــــه އިސްލާމްވެވަޑައިގެންނެވުން ކަމުގައި ދެންނެވިދާނެއެވެ. ހިޖުރައިގެ ތިންއަހަރެއްހައިދުވަސް ކުރީން (މީލާދީން 619 ގައި) އެކަލޭގެފާނު މައްކާއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވާގޮތުގައި އެކަލޭގެފާނުގެ އަތްޕުޅުގައި لــقـمــان ގެފާނުގެ ޙިކުމަތުގެ ޞަޙީފާގެ ނަކަލެއް އޮވެއެވެ. އެނަކަލު މަޝްހޫރުވެފައިވަނީ މަޖައްލާ ލުޤްމާނުގެ ނަމުންނެވެ. لــقـمــان ގެފާނުގެ ޙިކުމަތްތެރި ބަސްފުޅުތައް އެކަލޭގެފާނު ހިތްޕުޅުދަހެވެ. އޭގެއިތުރަށް އެކަލޭގެފާނަކީ ޅެންވެރިކަމާއި ހިތްވަރުފުޅުގަދަކަމުގައިވެސް މަޝްހޫރު ބޭކަލެކެވެ. މީހުންގެ މެދުގައި އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައި އޮންނަނީ كــامــــل ގެ ނަންފުޅުންނެވެ. سُـــويــد އެކަލޭގެފާނުގެ ވިސްނުންފުޅުތޫނުކަމާއި ޙިކުމަތްތެރިކަމާމެދު ފަޚުރުވެރިވެ ވަޑައިގަންނަވައެވެ. އެކަލޭގެފާނު މައްކާއަށް ވަޑައިގެންނެވީ ކީރިތި ޤުރްއާނުގެ ޙިކުމަތްތެރިކަމާއި ބަލާޣާތްތެރިކަމުގެ ޚަބަރު ލިބިވަޑައިގެންނެވުމުން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ބަޙުޘްކުރެއްވުމަށްޓަކައެވެ. ބައެއް އެހެނިހެން ރިވާޔަތްތަކުގައިވާގޮތުން سُـــويــد މައްކާއަށް ވަޑައިގެންނެވީ ދަތުރުވަރެއްގައެވެ. އެކަލޭގެފާނު މައްކާއަށް ވަޑައިގެންނެވުމުން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم، سُـــويــد ގެ އަރިހަށް ފައިންޕުޅު ބީއްސެވީއެވެ. سُـــويــد އަށް ދީނަށް ގޮވައިލެއްވުމަށްޓަކައެވެ.
سُـــويــد رضـــــى اللّــــه عــنـــــه އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހަށް މަޖައްލާ ލުޤްމާނު ހުށަހެޅުއްވިއެވެ. އިތުރު ސާހިބާ އެއަށް ތާރީފުކުރެއްވިއެވެ. އެއަށްފަހު އިސްލާމީ ރިސާލަތުގެ މަބްދައުތައް سُـــويــد އަށް ވިދާޅުވެދެއްވިއެވެ. ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެދެއްވިއެވެ. ކީރިތި ޤުރްއާނުގެ ބަލާޣަތާއި ޙިކުމަތްތެރިކަމުގެ އަސަރު ވަރަށް ފަސޭހައިން سُـــويــد ގެފާނުގެ ހިތްޕުޅު ފަތަޙަކޮށްފިއެވެ. ހަމައެވަގުތު އިސްލާމްވެވަޑައިގެންފިއެވެ. سُـــويــد ގެފާނުގެ ޙިކުމަތުގެ ޝައުޤު އެކަލޭގެފާނަށް ކީރިތި ޤުރްއާން މަޢުރިފާވެވަޑައިގަތުމުގެ ސަބަބަކަށްވީ ފަދައިން އަރަހުށި މާތް اللّـــه މިންވަރު ކުރައްވައިފައިވަނީ އެކަލޭގެފާނުގެ ނަންފުޅު އަބަދަށްޓަކައި ދުނިޔޭގައި ލެހެއްޓެވުމަށެވެ. އެހެންކަމުން އެކަލޭގެފާނު މަދީނާއަށް ވަޑައިގެން އިސްލާމީ ތަޙުރީކަށްޓަކައި މަސައްކަތްޕުޅު ކުރައްވާން ފެށްޓެވިއެވެ. އިސްލާމްދީނުގެ ތެދުވެރި ޢާޝިޤެއްގެ ގޮތުގައެވެ. ނަމަވެސް سُـــويــد ގެފާނަށް އެކަމަށް މާކަދިގު މުހުލަތެއް ލިބިވަޑައެއް ނުގެންނެވިއެވެ. ބުޢާޘު ހަނގުރާމައިގައި އެކަލޭގެފާނު ޤަތުލުވެއްޖެއެވެ. ޝައްކެއްނެތެވެ. އެކަލޭގެފާނު ވަނީ އިސްލާމީ ތަޙުރީކު މަދީނާއަށް ތަޢާރުފު ކުރައްވައިފައެވެ. އެހެންކަމުން سُـــويــد بـــن الـصّــامِـت رضـــــى اللّــــه عــنـــــه ގެ އިސްލާމީ ޚިދުމަތަކީ ފާހަގަނުކޮށް ދޫކޮށްލެވޭފަދަ ކަމެއްނޫނެވެ. އެއީ މަދީނާގެ އުދަރެހުން އެންމެފުރަތަމަ ފާއްދައިލި ރަޙްމަތުގެ އަލީގެ ދޯއްޖެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް