(9 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
ރަންބީރު ފަނަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ސަރަޙައްދެއްގައި ދަތުރު ކުރެއްވިއެވެ. ރަންބީރު އެނބުރި ވަޑައިގެންނެވި އިރު، ރާމްނާތުގެ ހުންފުޅު ވިހެލައިފިއެވެ. އޭނާ ރަންބީރާ އެކު ކަލަންޖަރަށް ވަޑައިގަންނަވާން ތައްޔާރަށް ހުންނެވިކަން ހާމަ ކުރެއްވިއެވެ. ނަމަވެސް ރަންބީރު އޭނާއަށް ވިސްނައިދެއްވިއެވެ. "މަނިކުފާނުގެ ވަރުފުޅު އަދިވެސް ވަރަށް ދެރައެވެ. އަޅުގަނޑުގެ މި ދަތުރަކީ ވަރަށް އުނދަގޫ ދަތުރެކެވެ. އަޅުގަނޑު ދާނީ ސަންނިޔާސީ (ދުނިޔެ އަޅައިފައި ތިބޭ ފަގީރު އަޅުވެރީން) އެއްގެ ހެދުމުގައެވެ. އަޅުގަނޑަށް ދުވާލަކު އެތައް ކޯހަކަށް ފައިމަގުގައި ހިނގާން ޖެހޭނެއެވެ. ޝަމްބޫނާތު ފިޔަވައި އިތުރު އެހެން ނޯކަރަކު ވެސް ގެންދާކަށެއް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. މަނިކުފާނު ދެން ތިބި ނޯކަރުން ގޮވައިގެން އަޅުގަނޑުމެންގެ ގެއަށް ވަޑައިގަންނަވާށެވެ. ގެޔަށް ވަޑައިގެން އަރާމު ކުރައްވާށެވެ. އަޅުގަނޑު އެނބުރި އައިސް މަޑު ނުވެ ސޫމްނާތަށް ދާނަމެވެ." ރާމްނާތު ރަންބީރުގެ އަރިހުގައި ވަޑައިގަންނަވާން ވަރަށް ބޮޑަށް އުޅުއްވިއެވެ. ނަމަވެސް ރަންބީރު ދެން ތިބި ނޯކަރުންގެ ޙަވާލުގައި އޭނާ ރަށަށް ފޮނުއްވައިލެއްވީއެވެ.
ރަންބީރާއި ޝަމްބޫނާތު ގާތްގަނޑަކަށް ދޮޅުމަހެއްހައި ދުވަހު ސަންނިޔާސީންގެ ހެދުމުގައި ކަލަންޖަރުގެ ތަފާތު ރަށްރަށުގައި އަތްފުނާ އެޅުއްވިއެވެ. ކަލަންޖަރުގެ ހުރިހައި މަޝްހޫރު ފައްޅިތަކާއި ބުރަހުމަނުން ދިރިއުޅޭ ތަންތަން ބެއްލެވިއެވެ. ނަމަވެސް އެއިން އެއްވެސް ތަނަކުން ޝަކުންތަލާގެ ޚަބަރެއް ލިބިވަޑައެއްނުގެންނެވިއެވެ. ރަންބީރު ހައްދަވާނެ އެހެން ގޮތެއް ނެތިގެން އެނބުރި ވަޑައިގެންނެވީ ރަށަށެވެ. އޭނާ ރަށަށް ވަޑައިގެންނެވުމުން، ނޯކަރުންގެ ފަރާތުން އެނގިވަޑައިގަތީ ވިއްސަކަށް ދުވަސް ކުރީން ރާމްނާތު ކޮންމެވެސް ތަނަކަށް ވަޑައިގެންފިކަމެވެ. އޭނާ ވަޑައިގަތީ ރަންބީރުގެ ނަންފުޅުގައި ސިޓީފުޅެއް ބާއްވަވައިފައެވެ. ރަންބީރު އަވަސްއަވަހަށް އެ ސިޓީ ކަނޑުއްވައިގެން ވިދާޅުވި އިރު، ރާމްނާތު ލިޔުއްވައިފައި ވެއެވެ.
"އަޅުގަނޑުގެ އެކުވެރިޔާއެވެ!
އަޅުގަނޑު މި ދަނީ މަނިކުފާނުގެ އަރިހުން އަމުރުފުޅު ހޯދުމަކާ ނުލައެވެ. އެކަމާ އަޅުގަނޑު މާފު އެދެމެވެ. އަޅުގަނޑުގެ މަންޒިލަކީ ކޮބައިކަން މަނިކުފާނުގެ އަރިހުގައި ދެންނެވުމުގެ ބޭނުމެއް ނޯންނާނެއެވެ. އަޅުގަނޑު މިހެން ހަދާން ޖެހުނީ މަނިކުފާނު އަޅުގަނޑަށް ޓަކައި މަނިކުފާނުގެ ކޮއްކޯފުޅު ހޯއްދެވުމުގެ މަސައްކަތްޕުޅު ހުއްޓަވައިލައްވައިފައި އެތަނަށް ވަޑައިގަންނަވާން އަޅުގަނޑުގެ ހިތް ނޭދޭތީއެވެ.
އަޅުގަނޑު މަނިކުފާނަށް އިލްތިމާސް ކުރަމެވެ. އަޅުގަނޑު ހޯއްދަވާން އެތަނަށް ވަޑައިނުގަންނަވާށެވެ. އަޅުގަނޑު ދަންނަ މީހުންނަށް ވުރެ މަނިކުފާނު ދަންނަ މީހުން އެތާނގައި މާ ގިނަ ވާނެތީ އަޅުގަނޑު ބިރު ގަނެއެވެ. މި ހިސާބުގަނޑުގެ އެތައް ބަޔަކު ވެސް އެތަނަށް ގޮސް ތިބެދާނެތީއެވެ. ހެދުންކޮޅު ބަދަލު ކުރައްވައިގެން ވެސް މަނިކުފާނަށް އެބައިމީހުންގެ ލޯތަކަށް ފިލައިވަޑައިނުގެންނެވި ހިނގައިދާނެއެވެ. އެކަމާ އަޅުގަނޑު ޖެހިލުން ވެއެވެ. އަޅުގަނޑަކީ އާދައިގެ މީހަކީމެވެ. އިންސާނުންގެ ޖަމާޢަތުގެ ތެރޭގައި އަޅުގަނޑަށް ފިލިދާނެއެވެ. އެއާ ޚިލާފަށް ކޮންމެވެސް މީހަކަށް އަޅުގަނޑު ފާހަގަ ކުރެވުނު ކަމުގގައި ވިޔަސް ފަރުވާލެއް ނެތެވެ. ރޫޕަވަތީއާ ނުލައި އަޅުގަނޑުގެ ޙަޔާތަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އަޅުގަނޑު ދުނިޔޭގައި ހުރި ކަމުގައި ވާނަމަ، ކޮންމެވެސް ދުވަހަކުން މަނިކުފާނުގެ އަރިހަށް އެނބުރި އަންނާނެކަމުގެ ޔަޤީންކަން އަރުވަމެވެ.
މަނިކުފާނުގެ ރާމްނާތު"
+ + + +
عبدالواحد ހުންނަވަނީ ގުނޫޖުގެ ކިއްލާގައެވެ. އެއް ދުވަހަކު އޭނާ އޭނާގެ އޮފީހުގައި އިންނަވަނިކޮށް، ސިފައިންގެ މީހެއް އެތެރެޔަށް ވަދެ އަދަބުވެރިކަމާ އެކު ސަލާމް ކޮށްލައިފައި ދެންނެވިއެވެ.
"ސާހިބާއެވެ! އަމީރު ރަންބީރު މަނިކުފާނުގެ އަރިހަށް ހާޒިރު ވެވަޑައިގަތުމުގެ އަމުރުފުޅު އެދިވަޑައިގަނެއެވެ."
عبدالواحد ސިހިވަޑައިގެން ދިޔުމާ އެކު ޖަވާބު ދެއްވިއެވެ. "އެމަނިކުފާނު އަވަހަށް މިތަނަށް ގެންނާށެވެ."
އިރުކޮޅެއްގެ ފަހުން ރަންބީރު އެ ކޮޓަރިއަށް ވެދެވަޑައިގެންފިއެވެ. عبدالواحد ތެދު ވެވަޑައިގެން ވަރަށް ތަރުޙީބާ އެކު އޭނާއާ މުސާފަހާ ކުރައްވައިފިއެވެ. އެއަށްފަހު އޭނާގެ އަރިހުގައި ގޮނޑިކޮޅެއްގައި ރަންބީރު ބައިންދަވައިފައި ވިދާޅުވިއެވެ. "މަނިކުފާނު ވަޑައިގެންނެވިކަން ވަރަށް ރަނގަޅެވެ. އެހެން ނޫން ނަމަ އަޅުގަނޑު މިހިރީ މަނިކުފާނުގެ އަރިހަށް ދާން ގަސްތު ކޮށްގެންނެވެ. ކޮއްކޯފުޅުގެ އެއްވެސް ޚަބަރެއް ލިބިވަޑައިގެންފިތޯއެވެ؟"
"ނުލިބެއެވެ." ރަންބީރު ހިތާމަވެރި ގޮތަކަށް އިސް ދަށަށް ޖައްސަވައިލައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ގުނޫޖުގެ އެންމެހައި ކަންކޮޅުތައް ހޯދައިފީމެވެ. ނަމަވެސް ކޮއްކޯފުޅުގެ އެއްވެސް ޚަބަރެއް ނުލިބުނެވެ."
عبدالواحد ވިދާޅުވިއެވެ. "އަޅުގަނޑު ވަރަށް ހިތާމަ ކުރަމެވެ. އަޅުގަނޑު ވެސް އަޅުގަނޑުގެ ފަރާތުން ކުރެވޭން ހުރި ހުރިހައި މަސައްކަތެއް ކޮށްފީމެވެ. މި ކަމުގައި ގުނޫޖުގެ ހުރިހައި އަމީރުން އަޅުގަނޑާ އެހީ ވެވަޑައިގެންނެވިއެވެ. ނަމަވެސް އެނގިފައި ވަނީ މަނިކުފާނުގެ ކޮއްކޯފުޅު ގުނޫޖުގައި ނެތްކަމެވެ."
ރަންބީރު ވިދާޅުވިއެވެ. "އަޅުގަނޑު ފަގީރެއްގެ ހެދުމުގައި ކަލަންޖަރަށް ވެސް ހިނގައްޖައީމެވެ. އެތާނގައި އެތައް ހަފުތާތަކެއް ވާންދެން އެތަންމިތަން ހޯދީމެވެ. ލޯފުނާ އެޅީމެވެ. ނަމަވެސް އެއްވެސް ޚަބަރެއް ނުވިއެވެ. އެތާނގެ ސަރުކާރުގެ އެހީ ލިބިގެން މެނުވީ ހުރިހައި ގެއަކަށް ވަނުމަކީ އަޅުގަނޑަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ."
عبدالواحد ވިދާޅުވިއެވެ. "މަނިކުފާނު އުއްމީދު ކަނޑުއްވައިނުލައްވާށެވެ. ހުރިހައި ދައުލަތްތަކުގެ ވެރިކަމުގެ ފަރާތުން، މަނިކުފާނުގެ ކޮއްކޯފުޅު ހޯދުމަކީ އެބައިމީހުންގެ އެންމެ އިސް ވާޖިބު ކަމުގައި ބަލާނެ ދުވަސް އިރާދަ ކުރެއްވިއްޔާ މާކަ ދުރެއް ނޫނެވެ. މާތްކަލާނގެ ރަޙުމަތްޕުޅާ މެދު އުއްމީދު ކަނޑައިނުލައްވާށެވެ. އިތުބާރު ބަހައްޓަވާށެވެ. އޭނާ ދުނިޔޭގައި އިންނެވި ކަމުގައި ވާނަމަ، ކޮންމެވެސް ދުވަހަކުން މަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ. މިހާރު މަނިކުފާނުގެ ރަޙުމަތްތެރި ރާމްނާތު ކޮބައިތޯއެވެ؟"
"ރާމްނާތު ސޫމްނާތަށް ވަޑައިގެންފިއެވެ. އަޅުގަނޑު ވެސް މިހިރީ އެތަނަށް ދާން ގަސްތު ކޮށްގެންނެވެ. ބައެއް ފަހަރުފަހަރު ޝަކުންތަލާ ވެސް ސޫމްނާތަށް ވަޑައިގަތީ ނޫންބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. ކުޑަ ދުވަސްކޮޅެއްގެ ކުރީއްސުރެ އިންޑިޔާގެ އެންމެން އެބައިމީހުންގެ ހުރިހައި އުއްމީދުތަކެއް ގުޅައިލައިފައި ވަނީ ސޫމްނާތާއެވެ. ތިޔަ ބޭފުޅުން ގުނޫޖަށް ޙަމަލަ ދެއްވާ ވާހަކަ ދެކެވޭން ފެށި ދުވަސްވަރު ވަރަށް ގިނަ އަމީރުން އެ ބޭފުޅުންގެ ޒުވާން އަންހެން ބޭފުޅުން ސޫމްނާތަށް ފޮނުއްވިއެވެ. ޝަކުންތަލާ ދުވަސްކޮޅަކު އެތަންމިތާ އުޅުއްވުމަށް ފަހު، ކޮންމެވެސް ގާފިލާއެއްގެ ބަޔަކާ އެކު ސޫމްނާތަށް ވަޑައިގަތުން އެކަށީގެން ވެއެވެ. އޭނާ ތުއްޕުޅު އިރުއްސުރެ ސޫމްނާތުގެ ފައްޅި ދެކެވަޑައިގަންނަވާ ހިތްޕުޅުން އުޅުއްވައެވެ. އަޅުގަނޑުމެންގެ އަވަށްޓެރި އަމީރެއްގެ ދަރިކަނބަލަކާ ޝަކުންތަލާއާ ވަރަށް ރައްޓެހިފުޅެވެ. އޭނާގެ ބައްޕާފުޅު އޭނާ ސޫމްނާތަށް ކިޔަވައިވިދާޅުވާން ފޮނުއްވިއެވެ. އަހަރެއްހައި ދުވަސް ފަހުން އޭނާ އެނބުރި ވަޑައިގެންނެވި އިރު ނެއްޓެވުމާއި ލަވަ ވިދާޅުވުމުގެ ރޮނގުން ހޯއްދަވައިފައި ވާ ކުޅަދާނަފުޅުކަމުގެ ސަބަބުން މުޅި ހިސާބުގަނޑުގެ އަންހެން ކުދީންގެ ހިތުގައި އޭނާއާ މެދު ވާދަވެރިކަން ވަނީ އުފެދިފައެވެ. އަޅުގަނޑުގެ ކޮއްކޯފުޅުގެ މި ދެންނެވި އެކުވެރިޔާއާ ދާދި ފަހުން އަޅުގަނޑާ ބައްދަލު ވިއެވެ. އޭނާ އަޅުގަނޑު ގާތު ވިދާޅުވީ، ޝަކުންތަލާ ވަރަށް ބޮޑަށް ސޫމްނާތަށް ވަޑައިގަންނަވާ ހިތްޕުޅު ވާ ކަމަށާއި، އަޅުގަނޑު ސަލާމަތް ވެގެން އައުމުން އެންމެން ސޫމްނާތަށް ޒިޔާރަތް ކުރާން ދާން ބައްޕާފުޅު ހަމަޖައްސަވައިފައި ވާ ކަމުގައެވެ. އަޅުގަނޑަށް ހީ ވަނީ ސޫމްނާތަށް ޒިޔާރަތް ކުރާ ކޮންމެވެސް ޤާފިލާއެއްގައި ޝަކުންތަލާ ސޫމްނާތަށް ވަޑައިގަތީ ކަމަށެވެ."
عبدالواحد އިރުކޮޅަކު ވިސްނައިވަޑައިގަތުމަށް ފަހު ވިދާޅުވިއެވެ. "އަޅުގަނޑަށް ހީ ވާ ގޮތުގައި ޝަކުންތަލާ ސޫމްނާތަށް ވަޑައިގެންނެވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. މަނިކުފާނާ ބައްދަލު ވެވަޑައިގަތުމުގެ އުއްމީދުގެ ސަބަބުން އެހައި ދުރަށް ވަޑައިގަންނަވާކަށެއް އޭނާގެ ހިތްޕުޅު ހަމައެއްނުޖެހޭނެއެވެ."
ރަންބީރު ވިދާޅުވިއެވެ. "އަޅުގަނޑު އަމިއްލަޔަށް ވެސް އަޅުގަނޑުގެ އަމިއްލަ ނަފުސަށް މި ދެނީ ކެއްސެއްކަން އިޙުސާސް ކުރަމެވެ. ނަމަވެސް އަޅުގަނޑަށް މިހާރު ދިރި މި ހުރެވެނީ މި ކަހަލަ ޚިޔާލުތަކުގެ އެހީގައެވެ. ކޮންމެއަކަސް އަޅުގަނޑު ސޫމްނާތަށް ދާން ކަނޑައަޅައިފީމެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ރާމްނާތެވެ. މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ފަދައިން އޭނާ ވަނީ ސޫމްނާތުގެ އަޅުވެރިޔަކު ޤަތުލު ކުރައްވައިފައެވެ. އެހެންކަމުން އަޅުގަނޑު އުޅުނީ އޭނާގެ ބަދަލުގައި އަޅުގަނޑު ސޫމްނާތަށް ދާން ކަމަށެވެ. ނަމަވެސް އޭނާ އަޅުގަނޑު ކަލަންޖަރުން އެނބުރި އަންނާންދެން އިންތިޒާރު ނުކުރައްވައި ސޫމްނާތަށް ވަޑައިގެންފިއެވެ. އޭގެ ފަހުން މިހާރު ހަތަރު މަސް ވަނީއެވެ. އަޅުގަނޑަށް އޭނާގެ ފަރާތުން އެއްވެސް ޚަބަރެއް ނުލިބެއެވެ. އޭނާ ކޮންމެވެސް މުސީބާތެއްގައި ހައްޔަރު ވީ ކަމަށް ހީ ވާތީ އަޅުގަނޑު ބިރުގަނެއެވެ. އެހެންކަމުން އަޅުގަނޑު ވަރަށް އަވަހަށް އެތަނަށް ދާން ބޭނުމެވެ. ޝަކުންތަލާ ހޯދުމަކީ ހިތް ހަމަޖެއްސުމަށް ޓަކައި ހޯދާ ބަހަނާއެކެވެ."
عبدالواحد ވިދާޅުވިއެވެ. "ރަންބީރެވެ! ޤުދުރަތުން ބައެއް ފަހަރުފަހަރު އެކަލާނގެ އިރާދަފުޅު އެ މީހަކަށް އިލްހާމު ކުރެއްވުމަކާ ނުލައި ވެސް ބައެއް މީހުންނާ ކަންތައްތައް ޙަވާލު ކުރައްވައެވެ. މަނިކުފާނު ސޫމްނާތަށް ވަޑައިގަންނަވަނީއެއް ނޫނެވެ. ސޫމްނާތައް ފޮނުއްވަނީއެވެ. ސޫމްނާތަކީ އެ އަނދިރިކަމަކާ ދެކޮޅަށް އަޅުގަނޑުމެން ހަނގުރާމަ ކުރަމުން މި ގެންދާ އަނދިރިކަމުގެ އެންމެ ފަހު މަންޒިލެވެ. އެތަނަށް ވަޑައިގަތުމުން މަނިކުފާނަށް އިޙުސާސް ވެވަޑައިގަންނަވާނެއެވެ. ސޫމްނާތު ފަތަޙަ ކުރެއްވުން މި ޤައުމުގެ މުސްތަޤުބަލަށް ޓަކައި سلطان محمود ގެ އެހެން ހުރިހައި ފަތަޙަތަކަކަށް ވުރެ މާ މުހިއްމެވެ. محمود ގެ ހިތްޕުޅުގައި ސޫމްނާތު ފަތަޙަ ކުރެއްވުމުގެ ޢަޒުމު އުފެއްދުމަށް މިތާނގެ ބުރަހުމަނުން ސޫމްނާތަކީ ފަތަޙަ ނުކުރެވޭނެ ތަނެއް ކަމުގައި ބަޔާން ކުރާކުރުން ފުދެއެވެ. سلطان محمود ސޫމްނާތަށް ވަޑައިގަންނަވާނީ މިވެނި ދުވަސްވަރެއްގައޭ އަޅުގަނޑަކަށް ނުދެންނެވޭނެއެވެ. ނަމަވެސް ޙާލާތު ނިޔާ ކުރާ ގޮތުން އެމަނިކުފާނަށް ފުރުޞަތު ލިބިވަޑައިގެންފި ނަމަ ކޮންމެވެސް ދުވަހަކުން އެމަނިކުފާނު ސޫމްނާތަށް ވަޑައިގަންނަވާނެކަން ޔަޤީނެވެ. އެހެންކަމުން އެތާނގެ ޚަބަރުތައް އޮޅުން ފިލުވަމުން ގެންދިޔުމަކީ އަޅުގަނޑުމެންނަށް ކޮންމެހެން ބޭނުން ކަމެކެވެ. އެތައް އަހަރަކުއްސުރެ سلطان محمود އަށް އިންތިޒާރު ކުރަމުން ގެންދާ މީހުން އެތަނުން މަނިކުފާނަށް ފެނިވަޑައިގަންނަވާނެއެވެ. އެބައިމީހުންގެ އެހީގައި މަނިކުފާނަށް ވަރަށް ގިނަ ކަންތައްތައް ކުރެއްވޭނެއެވެ. ތަންކޮޅެއް ކުރީން ގުޖުރާތުގައި ޢަރަބި މުސްލިމް ވިޔަފާރިވެރީންގެ އެތައް އަވަށެއް އޮތެވެ. ނަމަވެސް މިހާރު ސޫމްނާތުގެ އަޅުވެރީންގެ އަނިޔާވެރިކަމުގެ ސަބަބުން އޭގެ ތެރެއިން ގިނަ މީހުން މަލާބާރާއި ސިންދުގެ ޙިމާޔަތް ހޯދައިފިއެވެ. އެތާނގައި ދެން ތިބި މުސްލިމުން މިހާރު އުޅެނީ އަޗޫތުންނަށް ވުރެ ވެސް ނިކަމެތި ޙާލެއްގައެވެ. ރަސްގެފާނު ވަނީ އެބައިމީހުންނަށް ލިބޭ އަނިޔާގެ ޚަބަރުތައް އައްސަވައިފައެވެ. ވޭތު ވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި ގުޖުރާތުގެ މުސްލިމުންގެ އެތައް ވަފުދުތަކެއް ރަސްގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. އެމީހުންނަށް މަގު ދައްކައިދެނީ ގުޖުރާތުގެ ސިއްރުން ފުރިފައި ވާ ޝަޚްޞިއްޔަތެކެވެ. އޭނާ އުޅޭނީ ދުނިޔެ އަޅައިފައި ވާ ފަޤީރެއް (ސާދޫއެއް) ގެ ހެދުމުގައެވެ. ރަށްބޭރުގައި އޮންނަ ކުޑަކުޑަ މަސްވެރި އަވަށެއްގައެވެ. އޭނާގެ އަޞްލު ނަމަކީ ޢަބްދުﷲ އެވެ. ނަމަވެސް ޢާއްމުންގެ ތެރޭގައި އޭނާ މަޝްހޫރު ވެފައި ވަނީ ބަގްވާންދާސްގެ ނަމުންނެވެ. އަޅުގަނޑުމެން ތާނީސަރު ވަށައިލައިގެން ތިބި ދުވަސްވަރު އޭނާ ވަފުދަކާ އެކު ރަސްގެފާނުގެ އަރިހަށް އައިސް އުޅުނު އިރު، އަޅުގަނޑާ ވެސް ބައްދަލު ވިއެވެ. އޭނާގެ އެކުވެރީންގެ ތެރެއިން ބައެއް މީހުން އެނބުރި ދިޔުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ލަޝްކަރުގައި ބައިވެރި ވީއެވެ. އޭގެ ތެރެއިން އެކަކު އިސްލާމް ދީނަށް ގޮވައިލާ މީހެއްގެ ގޮތުގައި ވެސް މިތާނގައި އެބަ އުޅެއެވެ. އޭނާ މަނިކުފާނަށް ޢަބްދުﷲ އާ ބެހޭގޮތުން ހުރިހައި މަޢުލޫމާތެއް އޮޅުން ފިލުވައިދޭނެއެވެ. ނުރައްކަލެއް ކުރިމަތި ވެއްޖެ ނަމަ މަނިކުފާނަށް އެންމެ ރަނގަޅު އެހީތެރިއެއް ކަމަށް އޭނާ ފެނިވަޑައިގަންނަވާނެއެވެ. މަނިކުފާނަށް އޭނާގެ އެހީ ބޭނުންފުޅު ނުވިޔަސް، ރާމްނާތަށް އޭނާގެ އެހީ ބޭނުންފުޅު ވުން އެކަށީގެން ވެއެވެ. މަނިކުފާނު އެތާނގައި ހުންނަވާ އިރު ސޫމްނާތުގެ ދިފާޢީ ބާރާ ބެހޭގޮތުން ރަނގަޅު ތަފާސްހިސާބުތަކެއް ހޯއްދެވިއްޖެ ކަމުގައި ވާނަމަ، ވަރަށް ބޮޑު ޚިދުމަތަކަށް ވާނެއެވެ. އަޅުގަނޑު ޢަބްދުﷲ މެދުވެރި ކޮށް މަނިކުފާނާ ގުޅުން ބަހައްޓާނަމެވެ. މަނިކުފާނު ވަޑައިގެން ނުއުޅުއްވާ ދުވަސްވަރު، މަނިކުފާނުގެ ކޮއްކޯފުޅު ހޯދުމުގައި އަޅުގަނޑު ކުޑައިކޮށް ވެސް ފަރުވާ ކުޑައެއް ނުކުރާނަމެވެ. އަޅުގަނޑަށް ހީ ވާ ގޮތުގައި سلطان محمود އުތުރުގެ މައްސަލަތައް ނިމުމާ އެކު ކަލަންޖަރަށާއި ގަވާލިޔާރަށް ވަޑައިގަންނަވާނެއެވެ. އެތަންތަން ފަތަޙަ ވުމުން، އަޅުގަނޑަށް މަނިކުފާނުގެ ކޮއްކޯފުޅު ހޯދުމުގައި އެތަންތާނގެ ވެރީންނާއި ޢާއްމުންގެ އެހީތެރިކަން ހޯދިދާނެއެވެ."
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް