އިސްލާމް ދީނުގައި ކަނޑައަޅާފައި އޮންނަ ގިސާސް (މަރަށް މަރު) ހިފުމަށް ހުރަސްއެޅޭ ކަމަށް ކަނޑައަޅައި ގާނޫނުލްއުގޫބާތުން އަކުރެއް ބާތިލު ކުރުމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފިއެވެ.
ރާއްޖޭގެ ގާނޫނުލްއުގޫބާތް އޮތީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގިސާސް ހިފުން (މަރަށް މަރު ހިފުން) އަށް ހުރަސްއެޅޭ ގޮތަށް ކަމަށާއި، އެ ގާނޫނުގައި އެ ހުރަސް ކުރިމަތިވާ މާއްދާ ބާތިލް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ބާތިލް ކުރީ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރެވެ.
މަރުގެ އަދަދު ސާބިތުވާންޖެހޭ މިންވަރު ކަނޑައަޅާގައިވާ، ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ހ) ގައި ބުނަނީ މީހެއްގެ މައްޗަށް މަރުގެ ޙުކުމް ކުރުމަށްޓަކައި، ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭންވާނެ ކަމަށެވެ. އަދި އެމީހަކު އެކުރި ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއް ކަމާއި، އަދި އެ ކުށް ކުރުމުގެ ނިޔަތް އެމީހެއްގެ އޮތްކަން ޢަމަލީގޮތުން ޔަޤީންކުރެވޭ މިންވަރަށް ދައުލަތުން ސާބިތުކޮށްދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ކުށުގެ އިއުތިރާފްގެ ބައި ހިމެނޭ އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ އަދަބެއްގެ ގޮތުގައި މީހެއްގެ މައްޗަށް މަރުގެ ހުކުމް އައިސްފާނެފަދަ ކުށަކަށްވާ އިއުތިރާފަކީ، ހުޅުވާލެވިގެންވާ ކޯޓެއްގައި އަދި ވަކީލެއްގެ އެހީތެރިކަން ލިބިހުރެ އެމީހަކު އެކުށުގެ އެންމެހާ ރުކުންތަކަށް އަމިއްލަ އިހްތިޔާރުގައިވެފައިވާ އިއުތިރާފަކަށް ނުވާހާހިނދަކު، އެމީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމުގެ ބޭނުމުގައި، އެފަދަ ކުށެއް ސާބިތުކުރުމަށް ހަމައެކަނި އޭނާވެފައިވާ އިއުތިރާފް ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
ހެކީގެ މިންވަރު ކަނޑައަޅާފައިވާ އެ މާއްދާގެ (ނ) ގެ (1)ގައި ބުނެފައި ވަނީ މި މާއްދާގެ (ހ) ގައިވާ މިންވަރަށް ކުށް ސާބިތުކުރުމަށްޓަކައި ހުށަހަޅާ ކޮންމެ ހެއްކަކީވެސް، ސަލާމަތް ބުއްދި ހުރި އަދި އަދުލުވެރި މީހެއްކަން ކަނޑައަޅަންވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރި އެ މާއްދާގެ (ނ)ގެ (2) ގައި ބުނަނީ ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެމަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާނަމަ، މި މައްދާގެ (ހ) ގައިވާ މިންވަރަށް އެކުށެއް ސާބިތުވީކަމަކަށް ނުބެލެވޭނެ ކަމަށެވެ.
ގާނޫނުލްއުގޫބާތުން މި ބައި އުނިކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ، މާފަންނު ފެއަރީ ކޯނަރު، އަލީ ޝިފާން މަރާލިކަން ސާބިތުވެގެން، މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަންގެ، މައްޗަށް ހައިކޯޓުން ކުރި މަރުގެ ހުކުމްގެ އިސްތިއުނާފު މައްސަލައިގައި އިއްވި ހުކުމާއެކުއެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ޝައިފަން މަރަން ހައިކޯޓުން ކުރި ހުކުމަށް ތާއީދު ކޮށްފައެވެ.
މި ހުކުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ރައުޔުގައި ގާނޫނުލް އުގޫބާތަށް ހަވާލާ ދެއްވި، ވިދާޅުވީ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުަގއި ބުނާ މިންވަރު ސާބިތު ކުރުމަކީ މުސްތަހިއްލު ކަމެއް ކަމަށެވެ. އެހެންކަމުން އެއީ ހާސިލްކުރުން މުސްތަހީލު ޝަރުތެއް ކޯޓަށް މަތިކޮށް، ގިސާސް ހިފުމަށް ހުރަސްއެޅޭ މާއްދާއެއް ކަމަށްވެސް ވިދާޅުވިއެވެ.
ގިސާސް ހިފުމަކީ ސީދާ ކީރިތި ގުރުއާނުގައި ބަޔާންކޮށްގެން އައިސްފައިވާ އުގޫބާތެއް ކަމަށާއި، އެހެންކަމުން އެއީ އިސްލާމީ ޝަރީއާގެ އަސްލެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަުން އެއާ ހިލާފުވާ ގޮތަށް ރާއްޖޭގައި ގާނޫނެއް ނުހެދޭނެ ކަމަށާއި، މާނަ ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އިސްލާމީ ޝަރީއަތާ ހިލާފުވާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ވެސް ވާނީ ބާތިލް އެއްޗަކަށް ކަމަށް ވެސް ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ އިސްލާމީ ޝަރީއާގައި ގަސްދު މަރު ސާބިތު ކުރަން ބޭނުންވާ މިންވަރަކީ އެއްވެސް ޝުބުހާއެއް ނެތް މިންވަރު ކަމަށް އިސްލާމީ އިލްމްވެރިން އެއްބަސްވާ ކަމާއި އެއީ ހިލާފެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މިންގަނޑަކީ އިސްލާމީ ޝަރީއާގެ އެއްވެސް ޝުބުހާއެއް ނެތް މިންވަރު ކަން އެނގޭ ކަމަށެވެ. އެ މިންވަރު ސާބިތުކޮށްދެމުން މަރުގެ އަދަބު ދެވޭނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ގާނޫނުލް އުގޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަމްބަރަކީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ)ގެ (2) އާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނެއްގެ މާއްދާއެއް ކަމަށްވާތީ އެ ނަމްބަރަކީ ބާތިލް ނަމްބަރެއްކަމަށް ކަނޑައަޅާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު