ބްރެޒިލާއި އާޖެންޓީނާއިން، ބްރެޒިލްގެ މަރަކަނާ ސްޓޭޑިއަމްގައި ކުޅުނު ފީފާ އެކުވެރިކަމުގެ މެޗުގެ ކުރިން ސަޕޯޓަރުންގެ މެދުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ފީފާއިން ބަލަން ފަށައިފިއެވެ.
ބްރެޒިލާއި އާޖެންޓީނާއިން މިދިޔަ ހަފުތާ ކުޅުނު ކޮލިފިކޭޝަން މެޗު 1-0 އިން އާޖެންޓީނާއިން ކާމިޔާބުކުރި އިރު، މެޗުގެ ކުރިން ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގައި، 30 އަކަށް މިނެޓް މެޗު ފެށުން ފަސްކުރިއެވެ. މެޗުގެ ކުރިން އާޖެންޓީނާގެ ގައުމީ ސަލާމް ޖަހަން ފެށި ހިސާބުން ބްރެޒިލް ސަޕޯޓަރުން "ބޫ" ކުރަން ފަށާފައިވާ އިރު، އެކަމަށް އާޖެންޓީނާ ސަޕޯޓަރުން ނުރުހުންވެ ބްރެޒިލް ސަޕޯޓަރުންނާ ކުރިމަތިލިއެވެ.
އެ ހަމަނުޖެހުންތަކާއެކު ބްރެޒިލްގެ ފުލުހުން ސަޕޯޓަރުން ތެރެއަށް ވަދެ، ބާރުގެ ބޭނުންކުރިތަން ފެނިފައިވެއެވެ. މުގުރުބުރިން ސަޕޯޓަރުންނަށް އަނިޔާކުރަން ފެށުމާއެކު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއި ކުޅުންތެރިން ވަނީ އެކަން ހުއްޓަވަން މަސައްކަތް ކޮށްފައެވެ. އަދި މަސްރަހު ފިނިކުރަން އާޖެންޓީނާއާއެކު ބްރެޒިލްވެސް ދަނޑު ދޫކޮށްލިއެވެ.
ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ ބްރެޒިލާއި އާޖެންޓީނާ އެފްއޭގެ މައްސަލަތަކެއް ބަލަން ފަށާފައިވާ ކަމަށާއި، މައްސަލަތަކުގައި ކުށްވެރިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ބެލެވޭ ގޮތުގައި ފީފާއިން ތަހުގީގުކުރަމުންދާ އެއް މައްސަލައަކީ ބްރެޒިލުން ފީފާގެ އާޓިކަލް 17 ވަނަ މާއްދާއާ ހިލާފުވި މައްސަލައެކެވެ. އެއީ މެޗުތަކުގެ ސަލާމަތީ ކަންކަމާ ގުޅުންހުރި މާއްދާއެކެވެ.
އާޖެންޓީނާއިން މެޗު ފަށަން ލަސްކުރި މައްސަލަވެސް ފީފާއިން ބަލާއިރު، އަދަބުގެ ތެރޭގައި ސަޕޯޓަރުން ނުވައްދާ މެޗުތަކެއް ކުޅެން ޖެހިދާނެ ކަމަށް ބެލެވެއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު