އިޓަލީ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އިންޓަ މިލާނުން ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ބޮލޯނިއާ ބަލިކުރި އިރު، ރޯމާއިން އަމިއްލަ ދަނޑުގައި ޖެނޯއާ ކައިރިން މޮޅުވެއްޖެއެވެ.

އިންޓައިން ރަށުން ބޭރުގައި 3-1 އިން ރޭ މޮޅުވި އިރު، ރޯމާއިން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އިންޓަ މިހާތަނަށް ލީގުގައި ބަލިވެފައި ނުވާ އިރު، އެޓީމަށް ވަނީ ހަތް މެޗުން 9 ޕޮއިންޓް ލިބިފައެވެ. އަދި ރޯމާ ދެވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓާއެކުގައެވެ.

އިންޓައިން ފަހަތުން އަރައި މޮޅެއް ހޯދި އިރު، ބޮލޯނިއާއިން ވަނީ ރަނގަޅު ފެށުމަކުން ފަށައިފައެވެ. އެގޮތުން އެޓީމުން ވަނީ 10 ވަނަ މިނެޓު ތެރޭގައި ގޯލް ޖަހައި ލީޑު ނަގައިފައެވެ. އެ ގޯލް ޖަހައިދިނީ ޖުއާން މިރާންޑާގެ ބޯޅައަކުން ތޮމާސޯ ޕޮބެގާއެވެ. އެއީ ލުއިސް ހެންރިކޭ އަތުން ބޯޅަ ހޯދައިގެން ތަނަވަސްކުރި ފުރުސަތެއްގައި ޖެހި ގޯލެކެވެ.

ހާފު ނިމުމުގެ ކުރިން މާކަސް ތުރާމް ޖެހި ގޯލުން އިންޓައިން އެއްވަރުކުރި އިރު، ދެވަނަ ހާފު ފެށިގެން އިންޓައިން ނުރައްކާ ބޮޑުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ކާލޮސް އޮގަސްޓޯ ޖަހައިދިން ގޯލާއެކު އެޓީމުން ލީޑުވެސް ނެގިއެވެ. އަދި ފަހުވަގުތު އިންޓަގެ ތިންވަނަ ގޯލް ޖަހައިދިނީ އަންގޭ-ޔޯން ބޮނީއެވެ.

ރޯމާއިން ކުޅުނު މެޗުގައި އެޓީމުގެ ގޯލްތައް ފެނުނީ ދެވަނަ ހާފުގައެވެ. ޖެނޯއާ ކޮޅަށް ރޯމާއިން ފުރަތަމަ ގޯލް ޖެހީ ސަންތިއާގޯ ކާސްޓްރޯއެވެ. އޭނާގެ ގޯލުން ރޯމާ ލީޑު ނަގައިގެން ކުޅެމުން ގޮސް، ދެވަނަ ގޯލާއެކު ނަތީޖާ ޔަގީންކުރީ 68 ވަނަ މިނެޓުގައި އެމަނުއެލް ލުލީ ޖެހި ގޯލުންނެވެ.