އާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވިތާ އަދި މިވީ ދިހަވަރަކަށް ދުވަހެވެ. ކުރީންވެސް ބެލެވިފައި އޮތް ގޮތަށް އެތެރޭގެ ހަނގުރާމަ ރަސްމީކޮށް ފެށިއްޖެއެވެ. ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި އުނދަގޫ މަގު އެއްވެސް މީހަކު ހަނދާނެއް ނުނެތޭނެ އެވެ. މުއިއްޒަށް ޓިކެޓު ލިބުނަ ނުދޭން ވެގެން، ޕްލޭން އޭއިން ފެށިގެން ގޮސް ސީ އަކާއި ހަމަޔަށް ކުޅުނު ޑްރާމާގެ އަސްލުވެސް ބަޔަކަށް އޮޅިފައެއް ނެތެވެ. ރައީސް ޔާމީން ފަހު ވަގުތު ހަތިޔާރު ބެހެއްޓެވީ އެ ނޫން އެއްވެސް ގޮތެއް ނެތިގެން ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ގިނަ ބަޔަކު އެއިރުވެސް ދިޔައީ ބުނަމުންނެވެ. މިއަދު މި އޮތީ އެ ހަގީގަތް ސާފުކޮށް ފެންނާށެވެ.

ޖަލުގައި ހުންނެވި އިރު ވެސް އަދި މިހާރުވެސް، ރައީސް ޑރ. މުއިއްޒުގެ ވެރިކަމަކީ، އެ މަނިކުފާނު ހިތްޕުޅާވާ ވެރިކަމެއް ނޫން ކަން ރައީސް ޔާމީން ގެންދެވީ އަމަލުފުޅުން ދައްކަވަމުންނެވެ. އިންތިހާބު ބޮއިކޮޓް ކުރައްވާން ކުރެއްވި ހިތްވަރު އެކަންޏެއް ނޫނެވެ. އިންތިހާބުގެ ތެރޭގައިވެސް ފެނިގެން ދިޔައީ ނަމެއްގައި ބުންޏަސް، ކަމުގައި ރައީސް ޔާމީން މުއިއްޒާ އެކުގައި ނެތް ކަމެވެ. ޖަލުން ސަލާމަތްވުމަށް އޮތް ހަމައެކަނި އުއްމީދަކީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް އައުން ކަމަށް ގަބޫލުފުޅު ކުރެއްވޭތީ ގޮތްދޫކުރައްވާން މަޖުބުރުވެވަޑައިގަތީއެވެ.

ރައީސް ޔާމީން އަސްލު ހުންނެވި ގޮތް، ދެން ފެނިގެން ދިޔައީ، މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެވަޑައިގެންނެވި ދުވަހު އެވެ. ޔާމީން ގޭބަންދަން ބަދަލުކޮށްދެއްވުމަށް، އިންތިހާބީ ރައީސްގެ ހައިސިއްޔަތުން، މުއިއްޒު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަރިހު އެދިވަޑައިގެންނެވި އެވެ. އެ އެދިވަޑައިގަތުމާއި އެކު، ހަމަ އެދުވަހު ޔާމީން ގެއަށް ބަދަލުކުރި އެވެ.

ޔާމީން ގެއަށް ބަދަލުކުރި ދުވަހުގެ މަންޒަރުތައް ދިރާސާކުރި ބަޔަކަށް އެއީވެސް ލައްކަ އިބުރަތެކެވެ. ޔާމީނަށް މަރުހަބާ ދެންނެވުމަށް އިންތިހާބީ ރައީސް، މުއިއްޒު އެ ސަރަހައްދުގައި ހުންނެވި އެވެ. ޔާމީން ގޭކައިރިޔަށް ވަޑައިގަތުމުން މުއިއްޒު ހުންނެވިތަން ފެނުނީ ދެތިން ހަތަރު ފޫޓެއްހައި ގާތުގައެވެ. އެހެން ނަމަވެސް، ޔާމީން މުއިއްޒަށް ދެއްވިތަން ފެނުނީ، "ބީރައްޓެހި" ބައްލަވައިލެއްވުމެކެވެ. "ވިހަ" ހިނިފުޅުވެޑުވުމެކެވެ. "އަސްލު ކުޅިގަނޑު" އަދި މި ފެށުނީއޭ، ދެން ބަލާން ހުންނާށޭ، ވިދާޅުވާ ކަހަލަ އެވެ. ބޮޑު މަންޒަރަށް ޔާމީން ދެއްކެވީ މުއިއްޒު "ބާކީ" ކޮށްލައްވައިފައި ހުރި ތަނެވެ. މުއިއްޒާ ސަލާމް ކޮށްލެއްވި ވަގުތާއި، ހަތަރުކަޅި ހަމަކޮށްލެއްވި މަންޒަރުގައި ވެސް ހުރީ، އަލިފާނުގެ ހޫނު ކަމެވެ. އިންތިހާބީ ރައީސަކަށް އިހުތިރާމެއް ވެސް، އަދި އަމިއްލަފުޅު ތާއީދާއެކު ހޮވިވަޑައިގެންނެވި ރައީސް ކަމަށްވީތީ އޮންނާނެ ކަމަށް ހީވި ގާތްކަމެއް ވެސް ނުފެނުނެވެ. ސަރަހައްދަށް އެއްވި ތިބި އެހެން އެންމެނަށްވެސް ޔާމީން ދެއްކެވީ މާ އުފާވެރި މޫނެކެވެ. ކުރެއްވީ މާ އުއްމީދީ "ހަރު" ސަލާމެކެވެ.

އެތަނަށް އެއްވެ ތިބި ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވިދާޅުވިގޮތުގައި، އެ ދުވަހު ރައީސް ޔާމީން ދެއްކެވީ ރުޅި މޫނެކެވެ. ބައެއް ބޭފުޅުންނާ ސަލާމެއް ނުވެސް ކުރައްވަ އެވެ.

"ހަމައެކަނި އަތް ޖައްސައިލެއްވީ. އެއީ ރައީސް ޔާމީން ކަންތައް ކުރައްވާ ގޮތެއް ނޫން. އެއީ ހިތްޕުޅުހަމަޖެހިވަޑައިނުގެން ހުންނެވީމަ ކަންތައް ކުރެއްވި ގޮތް. އަހަރެމެން އެންމެނަށްވެސް އެ މަންޒަރު ރީއްޗަށް ފެނުނު. ހަތަރުކަޅި ވެސް ހަމަނުކޮށް ވޭތޯ ބެއްލެވީ. ރައީސް މުއިއްޒުވެސް ބާކީކޮށްލައްވާފަ ހުރީ. ދައްކަވަން ބޭނުންފުޅުވީ މުއިއްޒަކީ އެއްވެސް މީހެއް ނޫންކަން. އެހާ ދެރަކޮށް ކަންތައް ކުރެއްވީ." ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅަކު ވިދާޅުވިއެވެ.

ވެރިކަމަށް މުއިއްޒު ހޮވިވަޑައިގަތުމަށް ފަހު، އިޖުތިމާއީ މަރުކަޒުގައި އޮތް އުފާފާޅުކުރުމުގެ ހަފުލާއަށް ރައީސް ޔާމީނަށް ދައުވަތު ނުދިނީ ކީއްވެތޯ އާއި، އެ މަނިކުފާނު ވަޑައިގަންނަވާން ބޭނުންފުޅުވުމުން ވެސް އެ ފުރުސަތު ނުދެއްވީ ކީއްވެތޯ ޔާމީންގެ ބައެއް ސަޕޯޓަރުން ސޯޝިއަލް މީޑިއާގައި ސުވާލު އުފައްދާފައިވެ އެވެ. އެއީ ތެދެއްތޯ ސުވާލު ކުރުމުން، ޕީޕީއެމްގެ ސެނެޓަރަކު ވިދާޅުވީ އެ ތަނަށް ވެސް ވަޑައިގަންނަވާން ބޭނުންފުޅު ނުވީ ރައީސް ޔާމީން ކަމަށެވެ.

"އުފާފާޅުކުރުމުގެ ހަފުލާގެ ވާހަކަ މުއިއްޒު ޔާމީނަށް ދެންނެވި. އެކަމަކު ޔާމީން ވިދާޅުވީ އަދި ނުވެޔޭ ސެލެބްރޭޓް ކުރާކަށް، ތިމަންނަ މިނިވަން ވީމައޭ ސެލެބްރޭޓް ކުރާނީ." ސެނެޓަރު ވިދާޅުވި އެވެ.

ފަހުން ވާހަކަދެއްކެވި ސެނެޓަރު އިތުރަށް ވިދާޅުވީ މުއިއްޒަށް ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ހިސާބުން ޔާމީން ފެޔަށް ޖެހިވަޑައިގެންފި ކަމަށެވެ. އަދި މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވިތާ ހަފުތާއެއްހައި ދުވަސްފަހުން ޔާމީން ވަނީ، ޕީޕީއެމް ޕީއެންސީގެ ސެނެޓަރުން ތިއްބަވާ ރަސްމީ ގުރޫޕުންވެސް އަމިއްލަފުޅަށް ނުކުމެވަޑައިގެންފައެވެ. ނުކުންނެވުމުގެ ކުރީން ވިދާޅުވިކަމަށް ވަނީ، އެ މަނިކުފާނު ގުރޫޕުގައި އިންނަވާތީ، ގުރޫޕުގެ މެންބަރުންނަށް ބޭނުން ވާހަކައެއް ނުދެއްކޭ ކަމަށެވެ.

ކޮންމެ ގޮތެއް ވިޔަސް، ރައީސް ޔާމީން މިހާރު އެ ވަނީ ޕީޕީއެމުން އިސްތިއުފާ ދެއްވައި، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އެވެ. އެއީ އެ މަނިކުފާނުގެ ސިޔާސީ މުސްތަގުބަލު ކަމަށް ބައްލަވައިގެންނެވެ. އެހެނަސް، ސިޔާސީ ދިރާސާވެރީން ދެކޭ ގޮތް މުޅީން ތަފާތެވެ.

"ހަގީގަތުގަ ފިކުރެއް އުފެދުމަށް މި ބޭނުންވަނީ ސިޓިން ޕްރެޒިޑެންޓް ނުވަތަ ވެއްޓޭ ސަރުކާރުގެ ލީޑަޝިޕް. ފާއިތުވި ވިއްސަކަށް އަހަރު ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަ ނަތީޖާއަކީ އެއީ. ޑީއާރްޕީގެ ފިކުރު އުފެދުނީ މައުމޫނު ވެރިކަމުގަ ހުންނެވީމަ. އެމްޑީޕީގެ ފިކުރު އުފެދުނީ އެއިރު އިދިކޮޅު ޕާޓީ ވީމަ. މި ދެކަމަށްވެސް އެކަށީގެންވާ ސައިޒުގެ މީހުން ބޭނުންވޭ. ޕީޕީއެމް ފިކުރަކަށްވީ ޔާމީން ވެރިކަމުގަ ހުންނެވީމަ. އެ ހިސާބުން މައުމޫން އެތެރެއިން ކުރެއްވި ހަނގުރާމަ ފެއިލިވެ، ފޭޑްވީ. ނަޝީދުވެސް ފޭޑްވީ އެމްޑީޕީ ތެރެއިން އިބޫ ވެރިކަމަށް އައީމަ. ނަޝީދު ވެސް ޕާޓީ އެތެރެއިން ކުރެއްވި ހަނގުރާމަ ވީ ފެއިލް. ޔާމީނަށްވެސް އިތުރުގޮތެއް ނުވާނެ. އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ގޮތުގަ ދެން އަންނާނީ މުއިއްޒުގެ ޕާޓީ. އަދި ފެންނަނީ އެ މަންޒަރު." ރާއްޖޭގެ ސިޔާސީ މަޝްރަހް ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

ޔާމީންގެ ތާއީދު ވަރަށް ބޮޑު، މެދުރާއްޖެތެރޭގެ ރަށެއްގެ ޕީޕީއެމްގެ ދާއިރާއެއްގެ ރައީސަކު ވިދާޅުވީ ހަށިފޮޅައިލައްވައި އެކަނި ނުކުންނަވައިފި ނަމަ، އެ ދާއިރާއިން ޔާމީންގެ ޕާޓީއަށް ސޮއިކުރާނެ 50 މީހުންވެސް ނުވާނެ ކަމަށެވެ.

"ދާއިރާތަކުގެ ރައީސުން ތިބޭ ގުރޫޕުންވެސް އަޅުގަނޑަށް ފެންނަ ގޮތުގައި، ޑރ. ޖަމީލާއި މަލީހަކީ ޔާމީނަށް ހެޔޮއެދުނު ބައެއް ނޫން. ޖަމީލާއި މަލީހު ޔާމީނަށް ކީހައި އެއްޗެހި އަޅުގަނޑުމެން ހަނދާން އެބަހުރި. 2018 ގެ ވެރިކަން ޔާމީނަށް ގެއްލުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް ޖަމީލާއި މަލީހު. އެހެންވީމާ އެ ދެމީހުން ބޭރުފުށުން ކިތަންމެ މަންޒަރެއް ދެއްކިޔަސް، ހަގީގަތުގަ އެމީހުން ޔާމީނަށް ހެތޮ އެދޭނެ ކަމަށް އާންމު މެންބަރުންގެ މެޖޯރިޓީ ގަބޫލެއް ނުކުރޭ. 2018 ގެ ވެރިކަން ގެއްލިވަޑައިގަތީމަވެސް ޔާމީން ވިދާޅުވީ ހެޔޮ އެދޭ މީހުންނާއި އަދާވާތްތެރީން ތިމަން މަނިކުފާނަށް ނޭނގެނީއޭ، އަދިވެސް މި ވަނީ ހަމަ އެހެން." ދާއިރާގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން އަމިއްލަފުޅަށް މިހާރު އެ ކުރައްވާ މަސައްކަތަކީ އަމިއްލަފުޅު ސިޔާސީ ހަޔާތް ކަފުންކުރެއްވުމުގެ މަސައްކަތް ކަމަށެވެ. ދެން އޮތީ ޖަނާޒާ އުފުލުން ކަމަށްވެސް ވިދާޅުވި އެވެ. ޑރ. މުއިއްޒަށް ފުރުސަތު ދެއްވުމަކީ ޔާމީން ކުރައްވާން ޖެހިވަޑައިގަންނަވާނޭ ކަމެއް ކަމަށާއި ޕާޓީގެ އާންމު މެންބަރުން އެދޭ ގޮތަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެންނަނީ އެ ވިދާޅުވާ ކަހަލަ މަންޒަރު ތަކެކެވެ. ރާއްޖޭގެ ސިޔާސީ ތާރީހު ބުނަނީ ވެސް އެހެންނެވެ. ވެރިކަމުގައި ހުންނަ ރައީސަކާ ނުކުޅެވޭނެ އެވެ. ނުތޮޅެވޭނެ އެވެ. ވެރިކަމަށް ސަޕޯޓު ނުދެއްވައި އަމިއްލަފުޅު ޕާޓީވެސް ދޫކޮށްލައްވައި، އެހެން ޕާޓީއެއް އުފެއްދެވުމަކީ ބަލި ގަބޫލުކުރެއްވުމެވެ. މައިދާން ދޫކުރައްވައި ވަޑައިގަތުމަކީ ކުރިފަސް ހޯއްދެވޭނެ މަގު ނޫންކަމަށް ތާރީހު ހެކިދެއެވެ. ރައީސް މައުމޫނުގެ އެމްއާރްއެމް އާއި، ނަޝީދުގެ ޑިމޮކްރެޓްސް އެ ވަނީ ބާރު ކެނޑިފަ އެވެ. ޕީއެންއެފް އަކީ ޔާމީންގެ އޮފް ކެނޑި، ސިޔާސީ ހަޔާތް އަމިއްލަފުޅަށް ކަފުން ކުރެއްވުން ކަމަސް ވުމީ، ފުރުސަތު ނެތްކަމެއް ނޫނެވެ.