ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހުމަދު މުއާޒު (ގަޓު މުއާ)އަަށް ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، އެ ދެ މީހުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާތައް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި އެ މައްސަލަތައް އަނބުރާ ފޮނުވާލީ އިއްޔެ ކަމަށެވެ.
އޭގެ އިތުރުން އެ މީހުންގެ ފައިގައި އެޅުވި "މޮނިކޮން" ޓެގް ނައްޓާލުމަށްވެސް އަމުރުކޮށްފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.
މި މައްސަލާގައި ދެން ތުހުމަތު ކުރެވޭ އަހުމަދު އިސްމާއިލް (އަހަނދު)ގެ މައްޗަށް ކުރާ ދައުވާވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ދޫކޮށްލައިފައެވެ.
ރިލްވާން ގެއްލުވާލާފައި ވަނީ އޮގަސްޓް، 2014 ގައެވެ. އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލެއަށް ދާން ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ. ވަޅިން ބިރުދައްކައި ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔައީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކުރިމަތިންނެވެ.
ކުރީ ސަރުކާރުން އުފެއްދި މަރު ކޮމިޝަނުން ބުނެފައިވާ ގޮތުގައި ޓެރަރިސްޓު ޖަމާއަތް އައިސިސް އަދި އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ވަނީ ކަނޑު ފައްތައިފައެވެ. ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުނެފައިވެއެވެ. ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ޔާމީން ރަޝީދު މަރާލާފައި ވަނީ، 23 އޭޕްރިލް 2017ގެ ރޭ އޭނާ މާލޭގައި ދިރިއުޅުން ގެންދިޔަ ގޭގެ ސިޑި ގޮޅީީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު