މާލޭގައި މިރޭ ބާއްވާ އެއްވުމާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށް ބުނެ، ގާނޫނާ ހިލާފުވާ ނަމަ، އިދިކޮޅުގެ އެއްވުން ރޫޅާލާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
މާލޭގައި މިރޭ ބޭއްވުމަށް ރާވާފައިވާ އެއްވުމަކީ، ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ ބިޔަ މަޝްރޫއާ ދެކޮޅަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲ އިސްވެ ހުންނަވައި އުފެއްދެވި ހަރަކާތުން ބާއްވާ އެއްވުމެކެވެ. އެ އެއްވުމުގައި ދެން ބައިވެރިވަނީ، އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފްއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އެއްވުމުގައި ބައިވެރިވާ މީހުންގެ ރައްކާތެރިކަމާ ގުޅޭގޮތުންނާއި، ހިނގާ މީހުންނަށާއި އާންމު ދަތުރުފަތުރަށް ކުރިމަތިވެދާނެ ދަތިތަކާ ބެހޭގޮތުން އެއްވެސް ފަރާތަކުން ފުލުހުންނަށް މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ. އެހެންކަމުން، ހުއްދަ ލިބިފައިވާ ތަންތަން ނޫން ތަނެއްގައި އެއްވުން ނުބޭއްވުމަށާއި، ގާނޫނީ އިމުގެ ތެރެއިން އެއްވުން ކުރިއަށްގެންދިއުމަށް އެ ފަރާތްތަކަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، މިފަދަ އެއްވުންތަކުގެ ސަބަބުން މަގުމަތީ ހިނގާ ފަރާތްތަކަށާއި ދަތުރުފަތުރުކުރާ ފަރާތްތަކަށް އުނދަގޫ ފޯރާކަން ފާހަގަކޮށް، އެއްވެސް ބަޔަކަށް ދަތިނުވާނެ ފަދައިން ގާނޫނާ އެއްގޮތަށް އެ ހަރަކާތް ހިންގުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހުއްޓުވައި ވަގުތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުންގެ ބަޔާނުގައި ވަނީ ދީފައެވެ.
އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލެ މަޝްރޫއު ހިންގަނީ ރާއްޖޭގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ އެ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ އިސްބޭފުޅުން ވެސް ގެންދަވަނީ ދޮގުކުރައްވަމުންނެވެ.
އެގޮތުން މިިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ ފޯރަމް"ގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ އެއީ ވަޒަންވެރިކުރުވުމުގެ މަޝްރޫއެއް ނޫން ކަމަށާއި އެއީ ހޮލިޑޭ ހޯމްސްގެ ގޮތުގައި ތަރައްގީކޮށް ކުރިއަށްގެންދާ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިދިޔަ އާދީއްތަ ދުވަހު ފޮނުވާފައިވާ ރިއަލް އެސްޓޭޓް ބިލުން ވެސް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެ ބިލުގައި ތަންތަން ގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި، އިޒްރޭލު މީހުންނަށް ތަންތަން ނުގަނެވޭނެ ގޮތް ހެދުމާއި، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ރާއްޖޭގައި ކަނޑައަޅާ ސަރަހައްދެއް، މާސްޓާ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ކަނޑައެޅުން ފަދަ ކަންކަން ހިމެނެއެވެ.
ޕޮލިސް
ޕޮލިސް
ކޮމެންޓް