ދެމެހެއްޓެނިވި އިންވެސްޓްމަންޓާއި މާލީ ރައްކާތެރިކަމަށް އަމާޒުކޮށް، މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 މާދަމާ ޑުސިޓް ޑީ2 ފޭދޫގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔޫއެންޑީޕީ މޯލްޑިވްސް އިން އިންތިޒާމުކުރާ މި ފޯރަމް 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިރު، މިއީ މި ސިލްސިލާގެ 13 ވަނަ ބައްދަލުވުމެވެ. މިފަހަރުގެ ފޯރަމް ހާއްސަކޮށްފައިވަނީ "ގްރީން ފައިނޭންސް: ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ކަށަވަރުކުރުން" މި މައުޟޫއަށެވެ.

ޕެންޝަނުން އޮފީހުން ބުނި ގޮތުގައި މާލީ ދާއިރާގެ ތަޖުރިބާކާރުންނާއި ރެގިއުލޭޓަރީ އިދާރާތަކާއި ސަރުކާރުގެ އެކި މުއައްސަސާތަކާއި ވިޔަފާރިވެރިންގެ އިތުރުން ތަރައްގީގެ ބައިވެރިން މި ފޯރަމްގައި ބައިވެރިވާނެއެވެ. ރާއްޖެ ފަދަ ތިމާވެށީގެ ބަދަލުތަކަށް ނާޒުކު ކުޑަ ޖަޒީރާ ގައުމެއްގެ އިގުތިސާދު ވަރުގަދަކުރުމުގައި ގްރީން ފައިނޭންސް ބޭނުންކުރެވޭނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެވޭނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ ހައިސިއްޔަތުން ޕެންޝަން އޮފީހުގެ ދައުރު ވަރަށް ފާހަގަކޮށްލެވެއެވެ. އެ އޮފީހުގެ ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ފަންޑު 30.3 ބިލިއަން ރުފިޔާއަށް އެރި އިރު، 204,549 މީހުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ރިޓަޔަމަންޓް ފައިސާގެ އަގު ދެމެހެއްޓުމަށް ހަރުދަނާ އިގުތިސާދެއް ކޮންމެހެން ބޭނުންވާ ކަމަށް ޕެންޝަން އޮފީހުން ދެކެއެވެ.

ފޯރަމްގެ ސެޝަންތަކުގެ ތެރޭގައި ގްރީން ފައިނޭންސްގެ މުހިންމުކަމާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހެޅުމާއި، މޫސުމީ ބަދަލުތައް ގޭބިސީތަކާއި ކުދި ވިޔަފާރިތަކާއި ރަށްރަށަށް ކުރާ އަސަރާ ގުޅޭ ޕެނަލް މަޝްވަރާތައް ހިމެނެއެވެ. ރެގިއުލޭޓަރީ އިދާރާތައް ބައިވެރިވާ ރައުންޑް ޓޭބަލް ބައްދަލުވުމެއްގައި ގާނޫނީ އަދި އިދާރީ އޮނިގަނޑުތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން ކުދި ޖަޒީރާ ގައުމުތަކާއި ކުރިއަރަމުން އަންނަ މާކެޓުތަކުގެ ތަޖުރިބާ ހިއްސާކުރެވޭނެއެވެ. ފޯރަމް ނިންމާލާނީ މޫސުމީ ގޮންޖެހުންތައް ވިޔަފާރީގެ ފުރުސަތުތަކަކަށް ބަދަލުކުރެވޭނެ ގޮތްތަކާ ގުޅޭ ހާއްސަ ޕެނަލް ސެޝަނަކުންނެވެ.

މި ފޯރަމްގެ ހުރިހާ ސެޝަނެއް ޕެންޝަން އޮފީހުގެ މީސް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވަގުތުން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.