ޕޯޗުގަލްއިން ޔޫރޯ ކޮލިފިކޭޝަން ކެމްޕޭން، ކުޅުނު 10 މެޗުންވެސް މޮޅުވެގެން ނިންމާލި އިރު، ރޮމެލޫ ލުކާކޫގެ ގޯލުތަކާއެކު ބެލްޖިއަމްވެސް ބަލިނުވެ ކޮލިފިކޭޝަން ނިންމާލައިފިއެވެ.
ޕޯޗުގަލްއިން ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ އަމިއްލަ ދަނޑުގައި އައިސްލެންޑް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕް ޖޭގައި ޕޯޗުގަލްއިން ކުޅުނު 10 މެޗުންވެސް އެޓީމު މޮޅުވެފައިވާ އިރު، ބެލްޖިއަމް ބަލިނުވެ ގްރޫޕް ސްޓޭޖު ނިންމާލީ ރޭ އަޒަރުބައިޖާން ކައިރިން 5-0 އިން މޮޅުވެގެންނެވެ.
ދެހާސް ސޯޅަވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލުން ކޮންޓްރޯލް ކޮށްގެން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ލީޑު ނެގިއެވެ. 37 ވަނަ މިނެޓުގައި ބަނާޑޯ ސިލްވާ ފްލިކް ކޮށްލި ބޯޅައިން ގޯލު ހުޅުވާލީ ބްރޫނޯ ފެނާންޑޭޒްއެވެ.
ދެވަނަ ހާފުގައިވެސް މޮޅަށް ކުޅެމުންދިޔަ ޕޯޗުގަލްއިން ދެވަނަ ހާފުގައި އިތުރު ގޯލެއް ޖެހިއެވެ. މެޗުގެ 66 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް އައިސްލެންޑް ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތުމުން ރިބައުންސްގައި ވައްދާލީ ރިކާޑޯ ހޯޓާއެވެ.
ޕޯޗުގަލްގެ ކޯޗުކަމާ ރޮބާޓޯ މާޓިނޭޒް ހަވާލުވިފަހުން، މިއަހަރު އެޓީމު އަދި ބަލިވެފައެއް ނުވެއެވެ.
މެޗުގެ ބޮޑު ބައި 10 ކުޅުންތެރިންނާއެކު ކުޅުނު އަޒަރުބައިޖާން ކޮޅަށް ރޭ ލުކާކޫ ފުލުފުލުގައި ގޯލުތައް ޖެހި އިރު، 37 މިނެޓް ތެރޭގައި އޭނާ ހަތަރު ގޯލު ޖެހިއެވެ. އުމުރުން 30 އަހަރުގެ ލުކާކޫ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 113 މެޗުން 83 ގޯލު ޖަހައިދީފައިވާ އިރު، އޭނާއަށްވުރެ ގިނައިން ތާރީހުގައިވެސް ގައުމީ ޓީމަށް ގޯލު ޖަހައިފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި އަލީ ދާއީ، ލިއޮނަލް މެސީ، ސުނިލް ޗެތުރީ، މޮހްތާރު ދަހާރީ އަދި ފްރޭންކް ޕުސްކަސްއެވެ.
ލުކާކޫ ކޮލިފިކޭޝަންގައި 14 ގޯލު ހަމަކޮށްފައިވާ އިރު، އޭނާއަކީ އެ އަދަދަށް ޔޫރޯ ކޮލިފިކޭޝަންގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއެވެ. މީގެ ކުރިން ޔޫރޯ ކޮލިފިކޭޝަންގައި އެންމެ ގިނައިން ގޯލު ޖެހީ 2008 ވަނަ އަހަރު ޑޭވިޑް ހޭލީ އަދި 2016 ވަނަ އަހަރު ރޮބާޓް ލެވަންޑޯސްކީއެވެ. އެއީ 13 ގޯލެވެ.
އޭޑީ އިސްރަފިލޯވަށް ރަތް ކާޑު ދެއްކި މެޗުގައި އަޒަރްބައިޖާން ކޮޅަށް ބެލްޖިއަމްގެ އަނެއް ގޯލު ޖެހީ ލެއާންޑްރޯ ޓްރޮސާޑެވެ.