އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ 2024 ގެ ކޮލިފިކޭޝަން ގްރޫޕް ސީގައި ރޭ ކުޅުނު މެޗުގައި ޔުކްރެއިނާ އެއްވަރުކޮށް، ޗެމްޕިއަން އިޓަލީން ކޮލިފިކޭޝަން ޔަގީން ކޮށްފިއެވެ.

އިޓަލީން ރަށުން ބޭރުގައި ރޭ ޔުކްރެއިނާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވުމުން، ގްރޫޕް ސީގެ ދެވަނަ އެޓީމަށް ވަނީ ޔަގީންވެފައެވެ. އެ ގްރޫޕްގެ އެއްވަނައިގައި އިންގްލެންޑް ނިންމާލި އިރު، ޔޫރޯއަށް ކޮލިފައިވާން ޔުކްރެއިނަށް ދެން އޮތީ ޕްލޭ އޮފް ޖާގައަކަށް އިންތިޒާރު ކުރާށެވެ. ޔޫރޯ ޕްލޭ އޮފް އޮންނާނީ މާޗު މަހުގައެވެ.

ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެން ސަބަބުން ޖަރުމަނުގެ ލެވަކޫސަންގައި ރޭ ކުޅުނު މެޗުގައި ހަމަލާތައް ފެނުނެވެ. ފުރަތަމަ ކޮޅުގައި ޔުކްރެއިންގެ ހެއޮރީ ސުޑަކޯވް ފޮނުވާލި ބާރު ހަމަލާ އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ މަތަކުރި އިރު، އަނެއްކޮޅުން އިޓަލީގެ ނިކޮލާ ބަރެލާ ފޮނުވާލި ހަމަލާ މަތަކުރީ ޔުކްރެއިން ގޯލް ކީޕަރެވެ.

އޭގެ ފަހުންވެސް ފެޑަރީކޯ ޗިއޭސާއާއި ޖިއަކޯމޯ ރަސްޕަޑޯރީގެ ނުރައްކާ ފެނުނެވެ. އިޓަލީއަށް ގޯލެއް ނުޖެހި، ފަހު ވަގުތު ޔުކްރެއިނުން ނުރައްކާ ކުރިއެވެ. މިހައިލޯ މުޑްރީކަށް ލިބުނު ފުރުސަތު އޭނާ ނަގާލި އިރު، ފަހުވަގުތު ޔުކްރެއިނުން ވަރަށް ބޮޑަށް ޕެނަލްޓީއަކަށް ޝަކުވާކުރި ނަމަވެސް ރެފްރީ އެ ޕެނަލްޓީ ދީފައެއް ނުވެއެވެ.