ޖޯޖިއާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރޯއަށް ކޮލިފައިވި އިރު، ޔުކްރެއިންވެސް ރޭ ކޮލިފިކޭޝަން ޔަގީންކޮށްފިއެވެ.

މީގެ ކުރިން ބޮޑު މުބާރާތަކަށްވެސް ކޮލިފައިވެފައި ނުވާ ޖޯޖިއާއިން މި އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯއަށް ކޮލިފައިވީ ރޭ ގްރީސް ބަލިކޮށްގެންނެވެ. ކޮލިފކޭޝަން ޕްލޭ އޮފްގައި ރޭ ޖޯޖިއާއިން ގްރީސް ބަލިކުރީ ޕެނަލްޓީއަށް ގޮސްގެން، 4-2ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރުވެސް 0-0 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ޖޯޖިއާ މޮޅުވުމާއެކު ސަޕޯޓަރުން ވަނީ ދަނޑަށް އަރައި އުފާފާޅުކޮށްފައެވެ.

ޖޯޖިއާގައި ރޭ ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު މާގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިނުވާ އިރު، އިތުރު ވަގުތުގައި ދެ ޓީމުގެ ނުރައްކާވެސް ފެނުނެވެ. ގްރީސްގެ ޑިފެންޑަރު ކޮންސްޓަންޓީނޯސް މަވްރޮޕާނޯސް ބޮލުން ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، އަނެއްކޮޅުން ޒުރިކޯ ޑަވިޓްޝްވީލީ ޖެހި ބޯޅަ މަތަކުރީ ގްރީސްގެ ކީޕަރެވެ.

ޕެނަލްޓީގައި ގްރީސްގެ ޖިއޯޖޯސް ޖިއޮކޯމަކިސް ޖެހި ޕެނަލްޓީ އޭނާ އަތުން ބޭރަށް ދިޔުމުން ޖޯޖިއާއަށް ފައިދާވެ، އެޓީމު މޮޅުކޮށްދިން ޕެނަލްޓީ ޖެހީ މަޗަށް ބަދަލަކަށް ނުކުތް ނީކާ ވެކްވެސްކިރީއެވެ.

ޖޯޖިއާއިން ޔޫރޯގައި ވާދަކުރާނީ ގްރޫޕް އެފްގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ތުރުކީއާއި ޕޯޗުގަލް އަދި ޗެކް ރިޕަބްލިކެވެ.

ޔުކްރެއިންވެސް ކޮލިފިކޭޝަން ޕްލޭ އޮފްގައި ކުޅެފައިވާ އިރު، އެޓީމުން ޔޫރޯ ޔަގީންކުރީ ރޭ އައިސްލޭންޑް ކައިރިން 2-1 އިން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، 1-0 އިން އައިސްލޭންޑް ކުރީގައި އޮތީ އަލްބާޓް ގުޑްމަންޑްސަން ޖެހި ގޯލުންނެވެ. އެ ގޯލާއެކު ކުރީގައި އޮވެ އައިސްލޭންޑުން ފުރަތަމަ ހާފު ނިންމާލި ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ޔުކްރެއިން ނަތީޖާ އަނބުރާލިއެވެ.

ވިކްޓޯ ސީގަންކޯވް ޖެހި ގޯލުން ޔުކްރެއިން އެއްވަރުކުރި އިރު، އެޓީމުގެ މޮޅުކޮށްދިން ގޯލު ޖެހީ ޗެލްސީގެ ވިންގާ މީހައިލޯ މުޑްރީކެވެ.

ޔުކްރެއިން ހިމެނޭނީ ޔޫރޯ 2024 ގެ ގްރޫޕް އީގައެވެ. އެއީ ބެލްޖިއަމާއި ސްލޮވާކިއާ އަދި ރޮމޭނިއާ ހިމެނޭ ގްރޫޕެވެ.

ޔޫރޯގެ ފަހު ޖާގަތަކަށް ޕްލޭ އޮފް މެޗުތައް ރޭ ކުޅެފައިވާ އިރު، ދެން ކުޅުނު އަނެއް މެޗުގައި ޕޮލެންޑުން ވަނީ ޕެނަލްޓީގައި ވޭލްސް ކަޓުވާލައިފައެވެ.