ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދުގެ ހިޔާ ޓަވަރު 12 ކައިރީ ބީޗް ސަރަހައްދަށްވާ ގޮތަށް އޮންނަ ހުސްބިމުގައި ހަދާފައިވާ ހަޓުތަކާއި، ތަކެތި މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ނަގައި ސަރަހައްދު ސާފުކުރުމަށް އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ތަކެތި ނަގާފައި ނުވާ ނަމަ، އާބަންކޯއިން އެތަކެތި ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން، އެކޯޕްރޭޝަނުން އެ ސަރަހައްދު ސާފު ކުރަން ފެށުމަށް ފަހު އެ ސަރަހައްދުގައި ބަހައްޓާފައި ހުރި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް އެ އާބްނަކޯއިން ޒިންމާ ނުވާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

ފޭސް 2 ގެ ހިޔާ ޓަވަރު 12 ކުރިމަތީ އޮންނަ ބީޗް ސަރަހައްދަކީ ހިޔާޓަވަރުގައި ދިރިއުޅޭ ގިނަ ބަޔަކު އަމިއްލަ ވިޔަފާރިތަކެއް ކުރަމުން އަންނަ ސަރަހައްދެކެވެ. މީގެ ތެރޭގައި ގާޑިޔާ ހިންގާ މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ނަމަވެސް އެ ސަރަހައްދުގައި އެކަން ކުރަމުން އައީ ވަކި އުސޫލެއްގެ ދަށުން ނޫން ކަމުން ކޮންމެ މީހަކުވެސް އެމީހަކަށް ފަސޭހަ ތަނަކު ޓެންޓުތައް ޖަހައިން ގާޑިޔާ ވިޔަފާރި ކުރަމުން އަންނަތާ ގިނަދުވަސްތަކެއް ވަނީ ވެފައެވެ. ކުރިން އެ ވިޔަފާރި ކުރަމުން އައީ ހިޔާ ފްލެޓްތައް ދޭތެރޭ އޮންނަ ހުސްބިންތަކުގައެވެ. އަދި އެތަންތަނުގައި ވިޔަފާރި ކުރަމުން އައި މީހުންގެ ޓެންތްތައްވެސް ވަނީ އާބަންކޯއިން ވަކި މުއްދަތެއް ދިނުމަށް ފަހު ނަގައި ސާފުކޮށްފައެވެ.