އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ހޮލިޑޭ ހޯމްސް ފަދަ މަޝްރޫއުތައް ރާއްޖޭގައި ތަރައްގީކޮށް ކުރިއަށްގެންދިއުމަކީ ސިންދަފާތުކުރެވިފައިވާ ވިލުންތެރި އިގުތިސާދެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
ދިވެހި ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ހިޔާލުތަފާތެވެ. އެގޮތުން އެ މަޝްރޫއާ ދެކޮޅަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲ އިސްވެ ހުންނަވައި ކެމްޕޭނެއް ވެސް ދަނީ ހިންގަމުންނެވެ.
ރާއްޖޭގައި އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫއުތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުން އަދާލަތު ޕާޓީން މިރޭ ނެރުނު ގަރާރެއްގައި ބުނީ ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ސަރަހައްދުތަކެއް އުފެދޭގޮތަށް މަޝްރޫއުތައް ކުރިއަށްގެންދާ ނަމަ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އާންމު މަސްލަހަތާއި ދިވެހި ސަގާފަތާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް އެ ޕާޓީން ދެކޭ ކަމަށާއި އެހެންކަމުން އެގޮތަށް މަޝްރޫއެއް ކުރިއަށްނުގެންދިއުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި، އެ މަޝްރޫއުތައް އަމާޒުކުރަންވާނީ ބޭރުގެ ފަރާތްތައް ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ސަރަހައްދުތަކެއް އުފެއްދުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްގީކުރުމަށް ކަމަށް އަދާލަތުން ބުންޏެވެ.
"އިސްލާމީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް ނުވަތަ ހޮލިޑޭ ހޯމްސް ފަދަ މަޝްރޫއުތައް ރާއްޖޭގައި ތަރައްގީކޮށް ކުރިއަށްގެންދިއުމަކީ، ސިންދަފާތުކުރެވިފައިވާ ވިލުންތެރި އިގުތިސާދެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އަދާލަތު ޕާޓީން ދެކެމެވެ..،" އަދާލަތުގެ ގަރާރުގައި ބުންޏެވެ.
އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލެ މަޝްރޫއު ހިންގަނީ ރާއްޖޭގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ކަމަށްބުނެ، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ އިސްބޭފުޅުން ވެސް ގެންދަވަނީ ދޮގުކުރައްވަމުންނެވެ.
އެގޮތުން ރޭ ބޭއްވި "އަހާ ފޯރަމް"ގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެއީ ވަޒަންވެރިކުރުވުމުގެ މަޝްރޫއެއް ނޫން ކަމަށާއި އެއީ ހޮލިޑޭ ހޯމްސްގެ ގޮތުގައި ތަރައްގީކޮށް ކުރިއަށްގެންދާ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން އިއްޔެ ފޮނުވާފައިވާ ރިއަލް އެސްޓޭޓް ބިލުން ވެސް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ބިލުގައި ތަންތަން ގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި، އިޒްރޭލު މީހުންނަށް ތަންތަން ނުގަނެވޭނެ ގޮތް ހެދުމާއި، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ރާއްޖޭގައި ކަނޑައަޅާ ސަރަހައްދެއް، މާސްޓާ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ކަނޑައެޅުން ފަދަ ކަންކަން ހިމެނެއެވެ.
އަދާލަތު ޕާޓީ
އަދާލަތު ޕާޓީ
ކޮމެންޓް