ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގަންނައިރު ގާނޫނާ ހިލާފު ކަންކަން ކުރުމާއި އެހެން މީހުންގެ އަބުރަށް އަރައިގަތުމަކީ ގާނޫނުއަސާސީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ ގާނޫނީ ހިނގުން ހަރުދަނާކުރުމާއި، ކޮރަޕްޝަން ނައްތާލުމާއި، އަދި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ކުރިއަށްގެންދާ އެކައުންޓަބިލިޓީ އެންޑް އިންޓެގްރިޓީ މެޓާސް (އެއިމް) ޕްރޮޖެކްޓުގެ ދަށުން ބަންޑާރަނައިބުގެ އޮފީހުން އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ.

އެ މެސެޖުގައި ބަންޑާރަނައިބު ވިދާޅުވީ ހައްގުތަކާއި ޒިންމާތަކަކީ އެއް ފައިސާފޮއްޗެއްގެ ދެ ފަރާތް ކަމަށާއި އެއް ފުށް ނެތި އަނެއް ފުށް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް ލިބިދޭ ހައްގުތަކާއި އެމީހަކު އަދާކުރަންޖެހޭ ވާޖިބުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސްކަން ގާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ހައްގުތައް ލިބިގަތުމުގައި ކޮންމެ މީހަކުވެސް އިހުތިރާމުކުރަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވައި، ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއި ދައުލަތުގެ މުދަލާއި ތިމާވެށި ރައްކާތެރިކުރުމާއި އަނެކުންގެ ހައްގުތަކަށް ރައްކާތެރިވުން ހިމެނޭ ކަމަށް އުޝާމް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ދަތުރުފަތުރުކުރުމުގެ މިނިވަންކަން ލިބިދިން ނަމަވެސް، އެ މިނިވަންކަން ލިބިގަތުމުގައި އަނެކުންގެ ހައްގުތަކަށް ސަމާލުވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އާންމު ތަންތަން ބޭނުންކުރުމުގައި ޒިންމާދާރުވާންޖެހޭނެ ކަމަށާއި ދަތުރުފަތުރުކުރުމުގައި އެހެން މީހުންނަށް ނުރައްކަލެއް ނުފޯރާނެކަން ކަށަވަރުކުރަންޖެހޭނެ ކަމަށްވެސް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގަންނަ އިރުވެސް، ގާނޫނާހިލާފު ކަންކަން ކުރުމާއި، އެހެން މީހުންގެ އަބުރަށް އަރައިގަތުމަކީ ގާނޫނުއަސާސީން ހުއްދަކުރާ ކަންކަމެއް ނޫން،" ބަންޑާރަނައިބު ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ މުޒާހަރާކުރުމަކީ ވެސް ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށާއި ނަމަވެސް އެ ހައްގު ބޭނުންކުރަންޖެހޭނީ ސުލްހަވެރިކަމާއެކު ގާނޫނުތަކަށް އިހުތިރާމުކުރަމުން ކަމަށެވެ. އަދި ވަރުގަދަ ދިމިގްރާތީ ނިޒާމެއް ބިނާވަނީ ހަމައެކަނި ހައްގުތަކެއްގެ މައްޗަށް ނޫން ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

ކޮންމެ މީހަކުވެސް އެމީހެއްގެ ހައްގުތަކުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފައި، އެކަކު އަނެކަކަށް އަދާކުރަންޖެހޭ ވާޖިބުތައް ފުރިހަމަކުރުމަކީ ޑިމޮކްރެޓިކް ނިޒާމެއް ފުރިހަމަކުރުމުގައި ލާޒިމުވާ ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.