ޖުމްހޫރީ ދުވަހާ ގުޅިގެން ލިބޭ ދިގު ހަފުތާ ބަންދުގައި ހުޅުމާލޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު 11 (މާދަމާ) ގެ އިތުރުން ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަސް ވެސް ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވުމާ ގުޅިގެން، ހޮނިހިރު ދުވަހުގެ ނިޔަލަށް ހަތަރު ދުވަހުގެ ޗުއްޓީއެއް ވަނީ ލިބިފައެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މިއީ އާއިލާތަކާއި ރައްޓެހިންނާއެކު ބޭރަށް ނުކުމެ، ހުޅުމާލޭގައި ރޭވިފައިވާ ގިނަ ހަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މި ހަފުތާ ބަންދުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ އިން އިންތިޒާމުކުރާ ކެޑޭޓް ޕެރޭޑެވެ. މާލެ ސަރަހައްދުގެ 16 ސްކޫލަކުން ގިނަ އަދަދެއްގެ ކެޑޭޓުން ބައިވެރިވާ މި ޕެރޭޑު ކުރިއަށްދާނީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައެވެ. މި ޕެރޭޑު މާދަމާ ހަވީރު ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލް ސަރަހައްދުންނެވެ.

މީގެ އިތުރުން، ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންތިޒާމުކުރާ ހާއްސަ ކާނިވަލެއް އޮންނާނެއެވެ. މި ކާނިވަލް ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ސެންޓްރަލް ޕާކުގައެވެ. ކާނިވަލުގައި ތަފާތު ވައްތަރުގެ ކާބޯތަކެތި ލިބޭނެ ފުޑް ސްޓޯލްތަކާއި، ލައިވް މިއުޒިކްގެ އިތުރުން ބީއެމްއެލްގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ދިގު ހަފުތާ ބަންދުގައި ހުޅުމާލޭގައި ރޭވިފައިވާ ހަރަކާތްތަކުގައި ބައިވެރިވެ، އާއިލީ ގުޅުންތައް ބަދަހިކުރުމަށް މާލެ ސަރަހައްދުގެ އެންމެހައި ރައްޔިތުންނަށް އެޗްޑީސީން ވަނީ ދައުވަތު އަރުވައިފައެވެ.