ލެބޯޓަރީ ކޮންޒިއުމެބަލް އައިޓަމެއް ކަމަށްވާ މައިކްރޯޕިޕެޓް ޓިޕްތަކެއް މާކެޓުގައި ލިބެންހުރި އަގަށްވުރެ ބޮޑު އަގުގައި ހޯދާފައިވާ މައްސަލައިގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދެއްވުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނިންމައިފިއެވެ.

މި މައްސަލައިގައި ދަޢުވާކޮށްދެއްވުމަށް އެދި ފޮނުވަން ނިންމާފައިވަނީ އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި ފަރާތާއި، އެ ތަކެތި ހޯދުމަށް ނިންމި ބިޑު ކޮމިޓީގެ ޖަލްސާގައި ބައިވެރިވި ތިން މެންބަރެއްގެ މައްޗަށެވެ. އެއީ؛

  • މުހައްމަދު ސާއިން އަހުމަދު (ފިޔަނޫމާގެ/ ސ. ހިތަދޫ) – ޕްރޮކިއުމަންޓް އޮފިސަރު / ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަަވާލުވެހުރި (ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި ފަރާތް)
  • އަޒީމް ލަތީފް (އެވެރެސްޓު/ ސ. ހިތަދޫ) – ސީނިއާ ހެލްތުކެއާ އެޑްމިނިސްޓްރޭޝަން އޮފިސަރު (ކުންފުނިން ހުށަހެޅި އަގުގައި އެ އައިޓަމް ސަޕްލައިކުރުމަށް ނިންމި ބިޑު ކޮމިޓީގެ ޗެއާޕާސަން)
  • އަބްދުﷲ ވަހީދު (ތައުރުއްގެ/ ސ. ހިތަދޫ) – ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު (ބިޑު ކޮމިޓީގެ މެންބަރު)
  • ޑރ. ފާތިމަތު އަމާނީ ނަސީރު (ހަންހާރުގެ/ ސ. ހިތަދޫ) – ޕީޑިއެޓްރީޝަން (ބިޑު ކޮމިޓީގެ މެންބަރު)

މި މައްސަލައަކީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ހަތަރު މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް 2025 ވަނަ އަހަރު ކުރި އިއުލާނަކާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ. އެ އިއުލާނުގައި ހިމެނޭ 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް އިއުލާނުކުރުމުން ބީލަން ހުށަހެޅީ އެންމެ ފަރާތަކުންނެވެ. އަދި އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއްނެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެ ތަކެތި ހޯދާފައިވާކަން އޭސީސީގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.

އޭސީސީން ބުނީ މި ފަރާތްތަކުގެ މައްޗަށް ދައުވާ ކޮށްދެއްވުމަށް އެދި ފޮނުވަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން، އެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާވެސް ހިމެނެއެވެ.

މި މައްސަލައިގައި ދައުލަތަށް ގެއްލުންވި ފައިސާގެ އަދަދު ހިސާބުކުރުމަށާއި، އިދާރީ މައްސަލަ ބަލައި އަނބުރާ ހޯދަންޖެހޭ ފައިސާ ދައުލަތަށް ހޯދުމަށް އެންގުމަށްވެސް އޭސީސީން ވަނީ ނިންމައިފައެވެ.