ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ ގައުމީ ޓީމުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަށް އެގައުމުގައި ކޭމްޕް ކުރި ހޮޓަލަށް އެފްއޭއެމްއިން ފައިސާ ނުދައްކާ މައްސަލަ ފެންމަތިވެއްޖެއެވެ.

އެފަހަރު ރާއްޖޭއިން ކޭމްޕް ކުރީ އަމާރީ ޑާކާ ހޮޓަލުގައެވެ. ބަންގްލަދޭޝް ނޫސްވެރިޔަކު މެދުވެރިވެ، "ވަން ސްޕޯޓްސް"އިން ވަނީ އެ ހޮޓަލަށް އެފްއޭއެމްއިން ފައިސާ ނުދައްކާކަން ޔަގީން ކޮށްފައެވެ. ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ އެފްއޭއެމްއިން އެ ހޮޓަލަށް ނުދައްކައި އޮތް އިރު، އެފަހަރު ޓީމް ކޭމްޕް ކުރީ ވަގުތުން ފައިސާ ދައްކާ ކަހަލަ ގޮތަކަށް ހަމަޖައްސައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެފްއޭއެމްއިން އެ ހޮޓަލަށް ދައްކަން ޖެހޭ ފައިސާ މިއަދާ ހަމައަށް ލިބިފައި ނުވާތީ މިހާރު ހޮޓަލުން ވަނީ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ގުޅިގެން އެ ފައިސާ ހޯދަން މަސައްކަތް ފަށައިފައެވެ. ހޮޓަލުގެ ފަރާތުން ވާހަކަ ދެއްކި ސޭލްސް އެގްޒެކެޓިވް ތުމަން މެހްތާބު ބުނީ އެފައިސާ ދައްކަން އެފްއޭއެމްއަށް އެކި ފަހަރު މަތީން މުއްދަތު ދިން ނަމަވެސް، ފައިސާ ލިބިފައި ނުވާ ކަމަށެވެ.

އެ ފައިސާ ހޯދަން އެމްބަސީ މެދުވެރިވެ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ހަބަރު ލިބިފައިވާ ގޮތުން މިއަދުން ފެށިގެން ކޮންމެ 15 ދުވަހަކަށް އިތުރަށް 15 ޕަސެންޓް ޗާޖެއް ދައްކަން ޖެހޭނެ ކަމަށް މިހާރު ވަނީ ހޮޓަލުން އެފްއޭއެމްއަށް އަންގައިފައެވެ. އެ މައްސަލައިގައި އެފްއޭއެމްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.

ކޮލިފިކޭޝަން ދެ ލެގުން ބަލިވެ، ރާއްޖެއަށް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިފައިވާ އިރު، އެފްއޭއެމްގައި މިވަގުތު އޮތީ ފައިސާގެ ދަށް ހާލަތެކެވެ. އެ އިދާރާގެ މައްޗަށް ހިޔާނާތާއި، ކޮރަޕްޝަންގެ ޖިނާއީ ތަހުގީގެއް ކުރަމުންދާ އިރު، ރާއްޖޭގެ އެތައް ފަރާތްތަކަކަށް ފައިސާ ނުދައްކާ މައްސަލަތައްވެސް ކޯޓުގައި އެބައޮތެވެ.