ކޮންމެ ފަހަރަކު ވެސް އިސްތިއުފާދެއްވަނީ ގެއްލުންތަކެއް ވެދާނެތީ، އެކަމަށް ޖާގަ ނުދެއްވުމުގެ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު 2008ގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވުމަށްފަހު ދައުރު ނުނިމެނީސް އިސްތިއުފާދެއްވާފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގައި ވެސް ދައުރު ނުނިމެނީސް މިއަދު ވަނީ މަޖިލިސް ރައީސްކަމުން އިސްތިއުފާދެއްވައިފައެވެ. އަދި އެމަނިކުފާނު އެމްޑީޕީން ވަކިވެވަޑައިގެންފައިވަނީ ވެސް އެ ޕާޓީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވުމަށްފަހުއެވެ.
މަޖިލިސް ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވުމަށްފަހު، މަޖިލީހުގެ އިދާރާގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުންނާއި އަދި އެމްޑީޕީގެ ރައީސްގެ މަގާމުންނާއި މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި ލިޔުއްވި ސިޓީތަކުގައި އެއް އިބާރާތެއް ތަކުރާރު ކުރައްވާފައިވާނެ ކަމަށެވެ.
"އަބަދުވެސް ބަލަންޖެހޭނީ އިންސްޓިޓިއުޝަނަށް ގެއްލުމެއް ވާނެތޯ ނުވަތަ ނޫންތޯ. މި އިންސްޓިޓިއުޝަންގެ ބާރު ކެނޑޭ ގޮތަށް އެތައް ކަމެއް ވަމުންދާން ފެށީމާ ދެން އަޅުގަނޑު ދެކޭ ގޮތުގައި މި މުއައްސަސާއަށް، މި މަޖިލީހަށް ގެއްލުންވާ ފަދަ ކަންކަންވުމަށް އަޅުގަނޑު ޖާގަދީގެން ހުރުމަކީ ރަނގަޅު ކަމަކަށް ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ސަބަބުން ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް މަޖިލިސް ހުއްޓިގެންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ މެމްބަރުން އެކަމުން އަރައިގަތުމަށް ވަރަށް ގިނަ މަސައްކަތެއް ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން މަޖިލީހުގެ އެތެރޭގައި ސިފައިން ހަރަކާތްތެރިވިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ 19 ވަނަ މަޖިލީހަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ޑިމޮކްރެޓިކް މަޖިލިސް ކަމަށެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވިކަން އެންގެވުމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ މައްސަލަ އާއި އެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާ މެދު ވިސްނާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ނަޒަރުގައި މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެމްޑީޕީން ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގައިފި ކަމަށެވެ.
"އަޅުގަނޑުގެ އިތުބާރު ނެތްކަމަށް ބުނެ ދެވަނަ ފަހަރަށް މިވަނީ މައްސަލަ ހުށަހަޅާފައެވެ. މި ފަހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފަހުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ގެންދަނީ މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާނެ އެންމެހާ އަމަލުތައް ހިންގަމުންނެވެ. މަޖިލީހުގެ ހިންގާ ގަވައިދަކީ މަޖިލީހުގެ މެންބަރުން އެކުލަވާލާ ގަވައިދެކެވެ. މަޖިލީހުގެ ގަވައިދާ ގުޅޭގޮތުން މެޖޯރިޓީ ޕާޓީން އަމިއްލައަށް ފަނޑިޔާރުގެއަށް ގޮސް މަޖިލީހުގެ މެންބަރުންނަށް ކަނޑައެޅިގެން ލިބިދީފައިވާ ބާރެއް ހަނިކޮށްފިއެވެ. މަޖިލީހުގެ ކޮމެޓީއަކުން މަޖިލިސް ހިންގުމާ ގުޅޭ ގޮތުން ލަފާ ހޯދުމަށް ބަންޑާރަ ނައިބު އަރިހުގައި ދަންނަވައިފި،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވެސް މިކަމުގެ ބިރުވެރިކަމާ މެދު އަލިއަޅުވާލާފައިވާ ކަމަށާއި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ ވަރަށް އިސްތިސްނާ ހާލަތެއްގައި ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުން ކޯޓުގެ ހުކުމްތައް ސިޔާސީވުމަށް މަގުފަހިވެ، ސިޔާސީ ކަންކަން ކޯޓުތަކުން ފައިސަލާ ކުރާ ބާވަތުގެ ގާނޫނީ މައްސަލަތަކަކަށް ބަދަލުވެގެން ދާނެ ކަމަށްވެސް ހުކުމުގައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު