ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ސަޕްލިމެންޓްރީ ބަޖެޓު އަދި 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމަށް މާދަމާ މަޖިލީހުގެ ދެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ މާދަމާގެ އެޖެންޑާތައް އާންމުކޮށްފައިވާއިރު އޭގައިވާ ގޮތުން ބަޖެޓް ހުށަހަޅާ ޖަލްސާ އޮންނާނީ ހެނދުނު 9 ޖަހާއިރަށެވެ.

ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި މިވަނީ، މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް ހުށަހެޅި މައްސަލަ ނުނިމި އޮއްވައި، ދެން އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން އެޖެންޑާ ކޮށްދިނުމަށް އެ މަނިކުފާނު މިއަދު އެދިވަޑައިގެންފައި ވަނިކޮށެވެ.

އަމީންއާންމަށް، ނަޝީދު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ފެށޭ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަންޖެހޭ ކަމަށާއި ކުރިން އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައިނުވާ ކަމަށެވެ.

"ގާނޫނުއަސާސީއާއި ގާނޫނުގައި ލާޒިމުކޮށްފައިވާ ތާރީހަށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުން މިހާރު ލަސްކުރައްވާފައިވުމާއި ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ފަދައިން އެކަން އިތުރަށް ލަސްކުރެވެން ނޯންނާނެތީ, ދައުލަތުގެ ބަޖެޓު ހުށަހެޅުން ދެން އެންމެ އަވަހަށް ބާއްވާ ޖަލްސާގެ ފުރަތަމަ ކަމެއްގެ ގޮތުގައި އެޖެންޑާ ކޮށްދެއްވުމަށް ދެންނެވީމެވެ," ނަޝީދުގެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓު ހިނގަމުންދާ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވަންޖެހޭނެއެވެ. އެހެންވެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި މި އަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާއަށް އެޖެންޑާކުރިއެވެ.

ނަމަވެސް ބަޖެޓު ހުށަހެޅުމަށް ފިނޭންސް މިނިސްޓަރު ވަޑައިގެންފައިނުފެއެވެ. އެއީ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ ލަފާގެ މަތިންނެވެ.