ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ، ރިޔާސަތު މަޖިލީހުގެ ނާއިބު ރައީސް ނޫން އެހެން މެންބަރަކަށް ނުބެލެހެއްޓޭނެ ކަމަށް މަޖިލިސް އިދާރާއިން ކަނޑައެޅުމާ ގުޅިގެން، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓުން ހުށަހެޅި އިއުތިރާޒު ބަލައިނުގަންނަ ކަމަށް އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބް ރައީސް ނޫން މެންބަރަކަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ބުނެ، އެމްޑީޕީގެ 48 މެންބަރުން ސޮއިކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް އިދާރާއިން ހުއްޓުވާފައިވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެމްޑީޕީން ދެ ކަމަކަށް އެދިފައިވެއެވެ.

އެއްކަމަކީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރު ނުވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށާއި މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވުމެވެ. ދެވަނަ ކަމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

މި މައްސަލައިގެ ތެރެއަށް ޕީޕީއެމް/ޕީއެންސީ އަދި ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ ތަދައްހުލުވެފައެވެ.

ޑިމޮކްރެޓުންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ ގާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ގާނޫނުގައި ކަން އޮތް ގޮތާމެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީ ގޮތުން ކަމެއް އޮތް ގޮތާ މެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމް ކޯޓަށް ހުށަހެޅިދާނެ ކަމަށް ގާނޫނުއަސާސީގެ 95 ވަނަ މާއްދާގެ އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ އެގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށް ޑިމޮކްރެޓްސްގެ ވަކީލުން ސުޕްރީމް ކޯޓުގައި އެދުނެވެ.

މި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ، ހަމައެކަނި ނައިބު ރައީސަށް ކަމަށް ކަނޑައެޅުމުގެ ސަބަބުން މަޖިލިސް ޖަލްސާތައް ކުރިއަށް ނުގެންދެވި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.

އަދި މަޖިލީހަށް ހުށަހެޅިފައިވާ އާންމު މަސްލަހަތާ ގުޅުން ހުރި ކަންކަމަށް ބަލާއިރު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި މި އަަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަަޅާފައިވީ ނަމަވެސް، ގާނޫނު ލާޒިމުކުރާ ބަޖެޓާ ގުޅުން ހުރި މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ

ފަނޑިޔާރު މަހާޒު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއްބާރު ކަމަށްވާއިރު މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ހާލަތު އޮތް ކަަމެއްކަން ޑިމޮކްރެޓުން ފިޔަވައި، އެ މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައަކީ މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒަށް ގޮންޖެހުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް، ޑިމޮކްރެޓުން ބުނާއިރު، މިއީ މަޖިިލިސް މެންބަރުން ތަޅުމުގައި، މުޅި މަޖިލީހުން ނިންމާފައިވާ ނިންމުމަކަށް ނުވުމުގެ އިތުރުން މި މައްސަލައަކީ މަޖިލީހުގެ މުވައްޒަފަކު މަޖިލީހުގެ ގަވާއިދުގެ މާއްދާއެއް މާނަކޮށް އެ މާނަކުރުމުގެ މައްޗަށް މަޖިިލިސް އިދާރާއިން އަމަލު ކޮށްފައިވާ ގޮތް ގާނޫނުއަސާސީއާ ހިލާފުކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި މި މައްސަލައިގައި މަޖިލިސް އިދާރާއިން އަމަލުކުރި ގޮތުން ގާނޫނުއަސާސީއާ ހިލާފު ހާލަތްތަކެއް ނުކުމެދާނެކަން ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަކުރެވިދާނެ މައްސަލައެއްކަން ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

އެ ހުރިހާ ކަންކަމަށް ބަލާއިރު އެމްޑީޕީން ހުށަހަޅާފައިވާ އިއުތިރާޒު ގަބޫލު ނުކުރައްވާ ކަމަށާއި އެ މައްސަލައަކީ ގާނޫނުއަސާސީންނާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުގެ ހާއްސަ އިހުތިސާސަށް ލިބިގެންވާ މައްސަލައެއް ކަަމަށްވެސް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

މަހާޒުގެ ރައުޔަށް ތާއީދު ކުރައްވައި ފަނޑީޔާރު ހުސްނުއްސުއޫދުގެ ރައުޔުގައިވެސް ވިދާޅުވީ، އެ މައްސަލައަކީ ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި ބުނާ ދުސްތޫރީ މައްސަލަތަކުގެ ބުރުގެ ތެރެއަށް ފެތޭ މައްސަަލައެއް ކަމަށާއި ކޯޓުތަކުގެ ގާނޫނުގެ ދަށުންވެސް އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށެވެ.

ދެން ފަނޑީޔާރުންގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑީޔާރު ޑރ. މުހައްމަދު އިބްރާހިމްވެސް އެ ދެބޭފުޅުންގެ ރައުޔަށް ތާއީދުކުރެއްވިއެވެ.