ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އޭސީ މިލާނުން ޕީއެސްޖީ ބަލިކުރި އިރު، އެ ގްރޫޕްގައި ޑޯޓުމަންޑުން އަނެއްކާވެސް ނިއުކާސަލް ބަލިކޮށްފިއެވެ.

ގްރޫޕް އެފްގައި ޑޯޓުމަންޑުން ނިއުކާސަލް، ޖަރުމަނުގައި ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕްގައި ޕީއެސްޖީ އަތުން މިލާން ރޭ އަމިއްލަ ދަނޑުގައި މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް ގްރޫޕް އެފްގެ އެއްވެސް ޓީމަކަށް ކޮލިފިކޭޝަން ޔަގީންވެފައި ނުވާ އިރު، އެއްވަނައިގައި އޮތީ ޑޯޓުމަންޑެވެ. އެއީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ހަތަރު މެޗުން ހަ ޕޮއިންޓާއެކު ދެވަނައިގައި ޕީއެސްޖީ އޮތް އިރު، ރޭގެ މޮޅާއެކު މިލާނަށް ވަނީ އުންމީދެއް ލިބިފައެވެ. މިލާން ހަތަރު މެޗުން ފަސް ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތް އިރު. ނިއުކާސަލް މިވަގުތު އޮތީ ގްރޫޕް ފުލުގައެވެ.

ނިއުކާސަލްއިން ފޯރިއާއެކު ޗެމްޕިއަންސް ލީގު ކެމްޕޭން ފެށީ ޕީއެސްޖީވެސް ބަލިކޮށްފައެވެ. އެހެން ނަމަވެސް އެންމެފަހުން ޑޯޓުމަންޑާ ދެކޮޅަށް ކުޅުނު ދެމެޗުންވެސް ބަލިވެ އެޓީމަށް ވަނީ ނޮކްއައުޓް ބުރުގެ އުންމީދު ވަރަށް ބޮޑަށް ހަނިވެފައެވެ.

ރޭ ޖަރުމަނުގައި ކުޅުނު މެޗުގައި ޑޯޓުމަންޑުން ޑޮމިނޭޓްކޮށް ކުޅުނު އިރު، ފުރަތަމަ ހާފުގައި ވަނީ ލީޑު ނަގައިފައެވެ. ނިކްލަސް ފުލްކްރަގް ފުރަތަމަ ހާފުގައި ޑޯޓުމަންޑަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފަށް ނުކުމެ، ކައުންޓާ އެޓޭކް ފުރުސަތެއްގައި ޖޫލިއަން ބްރަންޓް ވަނީ ޑޯޓުމަންޑަށް ނަތީޖާގެ ފަރަގު ބޮޑުކޮށްދީފައެވެ.

މިލާނުން ރޭ އިޓަލީގެ ސަންސީރޯގައި ޕީއެސްޖީ ބަލިކުރި މެޗުގައި ފުރަތަމަ ލީޑު ނެގީ ޕީއެސްޖީންނެވެ. ކޯނަރަކަށް ކުރިއަށް އަރައި މިލާން ސްކިރިނިއާ ޖެހި ގޯލުން ޕީއެސްޖީ ލީޑު ނެގި ނަމަވެސް، ރަފޭލް ލެއާއޯގެ އޯވަހެޑް ގޯލާއެކު މިލާނުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލު ލެއާއޯ ޖެހީ އޮލިވިއާ ޖިރޫގެ ހަމަލާއެއް މަތަކުރުމުން ލިބުނު ރީބައުންސް ފުރުސަތުގައެވެ.

މެޗުން މޮޅުވި ގޯލު، 50 ވަނަ މިނެޓުގައި ޖިރޫ ޖެހި އިރު، އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ތެއޯ ހެނާންޑޭޒްއެވެ.