ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް، ކުރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

"މަސްޖަރީ" ނަމަކަށް ކިޔާ ބޯޓެއްގައި 2020 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި އެ މަސްތުވާތަކެތީގެ ފުލުހުން އަތުލައިގަތީ ފަރިދީމަގުގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެ 72 ކިލޯގެ މަސްތުވާތަކެތި ހުރީ ހަތަރު ދަބަހެއްގައި ފޮރުވައިފައެވެ. އެތަކެތީގެ މަގުމަތީ އަގަކީ 71 މިލިއަން ރުފިޔާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެ މައްސަލައިގައި އިރުފާން ހިމެނޭހެން ވަނީ 10 މީހަކަށް ވަނީ ދައުވާކޮށްފައެވެ. އެ އެންމެންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ވަނީ އުފުލައިފައެވެ. އެ މީހުންގެ ތެރެއިން ދެ މީހަކު ފިޔަވާ ދެން ތިބި އެންމެންގެ މައްޗަށް ކުރި ދައުވާ ދައުލަތުން ވަނީ މިދިޔަ އަހަރު އަނބުރާ ގެންގޮސްފައެވެ. އެ ދެ މީހުންނަކީ އިރުފާން އަދި ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިޝާމެވެ. އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ ޝަރުތުތަކަކާއެކު އިރުފާން ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އެއީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ފެންނަން ނެތަތީ އާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނެތުމުގެ އިތުރުން އިރުފާންގެ ސިއްހީ ހާލަތަށް ރިއާޔަތް ކުރުމަށްފަހު، ކުރިމިނަލް ކޯޓުން ކުރި އަމުރެކެވެ. އެ އަމުރު ދައުލަތުގެ ފަރާތުން ހައި ކޯޓުން އިސްތިއުނާފުކުރިއެވެ.

އެ މައްސަލަ ބެލުމަށްފަހު ރައުޔު އިއްވަމުން ފަނޑިޔާރު ހުޒައިފާ މުހައްމަދު ވިދާޅުވީ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެތީ ބަންދުން ކޮށްފައިވާ މީހަކު، ބަންދުން ދޫކޮށްލާނަމަ ތުހުމަތުކުރެވޭ ކުށުގައި ބައިވެރިވި މިންވަރާއި ހާލަތާއި އަނިޔާވެރިކަން ހިމެނޭ މިންވަރު ކުޑަކަމަށް ބެލެވޭ ކަމަށްވާނަމަ، އެކަމުގެ ތަފުސީލު ބަޔާންކުރަންވާނެ ކަމަށެވެ. ނަމަވެސް ކުރިމިނަލް ކޯޓުން، އިރުފާން ބަންދުން ދޫކޮށްލީ އެކަންކަމުގެ ތަފުސީލު ބަޔާންކުރުމެއް ނެތި ކަމަށް ފަނޑިޔާރު ހުޒެއިފާ ވިދާޅުވިއެވެ.

"މި މައްސަލައިގައި ބަޔާންކޮށްފައިވަނީ އިރުފާން ތަގިއްޔުގެ ބައިވެރިވުން މި މައްސަލައިގެ އޮތް މިންވަރަށް ބަލާއިރު މީނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތެއް ނުރައްކަލެއް އޮތްކަމަށް ނުފެނޭ، މިފަދައިން. މި ނަތީޖާއަށް ވާސިލުވި ސަބަބެއް އެ ނިންމުނުން އެނގޭކަށް ނެތް،" ފަނޑިޔާރު ހުޒެއިފާ ވިދާޅުވިއެވެ.

މަސްތުވާތަކެތި ފެނުނު ކާރާ ގުޅުންހުރި ގިނަ މީހުންގެ ހެކިބަސް ނެގިފައިވި ނަމަވެސް އިތުރު ބައެއް ހެކިންގެ ނެގިފައިނުވާކަން ދައުލަތުން ފާހަގަކޮށްފައިވާ ކަމަށް ފަނޑިޔާރު ހުޒެއިފާ ވިދާޅުވިއެވެ. ހެކިންގެ ހެކިބަސް އެއްކޮށް ނަގައި ނުނިމޭ ކަމަށް އިރުފާންގެ ފަރާތުން ދެބަސްވެފައިނުވާ ކަމަށް ފަނޑިޔާރު ހުޒެއިފާ ވިދާޅުވިއެވެ.

"މި މައްސަލައިގަ ލިބިފައިވާ ހެކިންގެ ހެކިބަހަށް ބަލާއިރު އިރުފާން ތަގިއްޔުގެ ބައިވެރިވުން އޮތް މިންވަރު ސާފުވެފައިވާ ކަމަށް ބަޔާންކޮށް، އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ޒަރޫރަތެއް ނެތް ކަމަށް ނިންމާފައިވާއިރު، ހެކިބަސް ނުދީ ތިބި މީހުންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ނެތި ދިޔަގޮތެއް އެނގޭކަށް ނެތް. އަދި މި މައްސަލައިގައި މިހާތަނަށް ނެގިފައިވާ ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށް ބަންދުގައި ބަހައްޓަން ޖެހޭ ޒަރޫރަތެއް ނެތްކަމުގެ ނަތީޖާއަށް ވާސިލުވި ގޮތެއް ސާފެއް ނޫން" ފަނޑިޔާރު ހުޒެއިފާ ވިދާޅުވިއެވެ.

ހުކުމަކަށް ވާސިލުވި ގޮތް ފަނޑިޔާރުން ބަޔާންކޮށްފައިނުވާނަމަ، އެ މައްސަލައެއް އިސްތިއުނާފުކުރުމުގައި މުހިންމުކަން ދޭންވި ނުކުތާތަށް ފާހަގަކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ފަނޑިޔާރު ހުޒެއިފާ ވިދާޅުވިއެވެ. އެއީ އިސްތިއުނާފު ކުރުމުގެ ހައްގަށް ލިބިދޭ އުނިކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެ ހުރިހާކަމެއް ފާހަގަކުރައްވައި ފަނޑިޔާރު ހުޒެއިފާ ވިދާޅުވީ، އިރުފާން ބަންދުން ދޫކޮށްލުމަށް، ކުރިމިނަލް ކޯޓުން ކުރި އަމުރު ރަނގަޅު ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިރުފާން ބަންދުން ދޫކޮށްލުމުގެ ކުރިން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އަމުރު އަލުން ރޫޖުއަށް ވާން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން އެދިފައިވި ނަމަވެސް، އަލުން އެ އަމުރަށް ރުޖޫއަށްވާން ނުޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ހުޒެއިފާ ވިދާޅުވިއެވެ. އަދި އަލުން ދައުލަތުން ފަރާތުން އިރުފާންގެ ބަންދާ މެދު ގޮތެއް ކަނޑައަޅައި ދިނުމަށް ކުރިމިނަލް ކޯޓުގައި އެދިއްޖެނަމަ، ހައި ކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ކުރިމިނަލް ކޯޓުން ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ފަނޑިޔާރު ހުޒެއިފާ ވިދާޅުވިއެވެ.

ފަނޑިޔާރު ހުޒެއިފާގެ އެ ރައުޔަށް ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ ތާއީދުކުރައްވައިފައެވެ.

އެހެންވެ އިއްތިފާގުން ކުރި ހުކުމުގައި ފަނޑިޔާރު ހުޒެއިފާ ވިދާޅުވީ، ކުރިމިނަލް ކޯޓުން އިރުފާން ޝަރުތުތަކަކާ އެކު ދޫކޮށްލުމަށް ކުރި އަމުރު ބާތިލުކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އިރުފާންގެ މައްޗަށް ހުކުމެއް ކުރެވެންދެން ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން، އޭނާ ބަންދުގައި ބަހައްޓައިދިނުމަށް މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދައުލަތުން ކުރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، ހައި ކޯޓުގެ ހުކުމުގައި ރިއާޔަތްކޮށްފައިވާ ކަންކަމަށް ކުރިމިނަލް ކޯޓުން ރިއާޔަތްކުރަންވާނެ ކަމަށެވެ.

ޕާކިސްތާނުގެ ރަހީނުކުރިކަމަށް ބެލެވޭ މިސްބާހް މުހައްމަދަކީ މި 72 ކިލޯގެ މަސްތުވާތަކެތީގެ ގެރެންޓާއެއްގެ ގޮތުގައި ބަހައްޓާފައިހުރި މީހާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވަނީ ގޮތުގައި މިސްބާހު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެންނެވެ.