އިނގިރޭސި ލީގު ކަޕް، ކަރަބޯއާ ކަޕްގެ ކުއާޓާ ފައިނަލަށް ޗެލްސީއާއި ލިވަޕޫލް އަދި އެންމެފަހުގެ ރަނަރަޕް ނިއުކާސަލް ދަތުރުކޮށްފިއެވެ.
ނިއުކާސަލްއިން ކުއާޓާއަށް ދަތުރުކުރީ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް، އެ ކްލަބުގެ ދަނޑުގައި 3-0 އިން ބަލިކޮށްގެންނެވެ. ރޭގެ މެޗުގެ އިތުރުން ލީގުގައި އެންމެފަހުން ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗުންވެސް ނިއުކާސަލް މޮޅުވެފައި އޮތް އިރު، އެއީ 1972 ވަނަ އަހަރަށްފަހު ޔުނައިޓެޑް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެ މެޗެއްގައި ނިއުކާސަލް އަތުން ބަލިވި ފުރަތަމަ ފަހަރެވެ.
ޔުނައިޓެޑުން އެންމެފަހުން ކުޅުނު 15 މެޗުގެ ތެރެއިން އަށް މެޗުން ބަލިވެފައިވާ އިރު، އެއީ 1962-63 ވަނަ ސީޒަނަށްފަހު ޔުނައިޓެޑުން ކުރިމަތިލާން ޖެހުނު އެންމެ ދަށް ފެށުމެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައިވެސް ނިއުކާސަލްއިން ޔުނައިޓެޑް ކޮޅަށް ދެ ގޯލު ޖަހާފައިވާ އިރު، އެ ގޯލުތައް ޖެހީ ބަދަލަކަށް ނުކުތް މިގޭލް އަލްމިރޯންއާއި ލެވިސް ހޯލްއެވެ. އޭގެ ފަހުން ދެވަނަ ހާފަށް ނުކުމެ، ޖޯ ވިލޮކް ޖެހި ގޯލާއެކު ނިއުކާސަލް ވަނީ މޮޅު ޔަގީންކޮށްފައެވެ.
ނިއުކާސަލް ކުއާޓާގައި ނުކުންނަން ޖެހޭނީ ޗެލްސީއާ ދެކޮޅަށެވެ. ރޭ ބްލެކްބާން ކައިރިން ޗެލްސީ މޮޅުވީ 2-0ގެ ނަތީޖާ އަކުންނެވެ. ޗެލްސީ ދަނޑުގައި ކުޅުނު މެޗުގައި ގޯލު ޖެހީ ބެނޮއިޓް ބަޑިއަޝީލޭއާއި ރަހީމް ސްޓާލިންނެވެ.
އާސެނަލުން ރޭ ރަށުން ބޭރުގައި ވެސްޓް ހަމް ކައިރިން ބަލިވީ 3-1ގެ ނަތީޖާ އަކުންނެވެ. އެ މެޗުގައި ވެސްޓް ހަމްގެ މުހައްމަދު ކުޑޫސްއާއި ޖެރޮޑް ބޮވެން ގޯލު ޖެހި އިރު، ބެން ވައިޓް އަތުން ބައިކޮޅަށްވެސް ގޯލު ވަދެފައިވެއެވެ. އާސެނަލްގެ ގޯލު ޖެހީ މާޓެން އޮޑެގާޑެވެ.
ވެސްޓްހަމްއިން ކުއާޓާގައި ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ. އަވޭގައި ލިވަޕޫލުން ރޭ ބޯންމައުތު ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ ގޯލުތައް ޖެހީ ކޯޑީ ގަކްޕޯއާއި ޑާވިން ނުނޭޒެވެ. ބޯންމައުތުގެ ގޯލު ޖެހީ ޖަސްޓިން ކްލެވާޓެވެ.
ލީގު ކަޕްގެ ކުއާޓާ ފައިނަލް ދެން އޮތް މެޗުތަކުގައި އެވަޓަންއާއި ފުލަމް ވާދަކުރާ އިރު، އަނެއް މެޗުގައި ވާދަކުރަނީ ޕޯޓް ވޭލްއާއި މިޑްލްސްބްރާއެވެ.
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް